ރިޕޯޓް

ގެޓްސެޓަށްފަހު އެސްޑީއެފްސީ: މިފަހަރު ކިހިނެއްވާނެ!

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރަން ރާއްޖޭގައި އަބަދުވެސް ލޯނުދެ އެވެ. އެންމެ ކުރިން ކުދި ވިޔަފާރި ކުރިއަރުވަން ދޭ މާލީ އެހީއަކީ ކޮންމެ އަހަރަކު ބަޖެޓުގައި ޖަހައިގެން ދޫކުރާ މަޝްހޫރު "އެސްއެމްއީ" ލޯނެވެ. އެސްއެމްއީ ލޯނަށް އިތުރުވެގެން ދިޔަ އާ ބޮޅަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދުނިޔޭގައި ކާމިޔާބު ސްޓާޓްއަޕް ޕްރޮގްރާމް "ގެޓްސެޓް" ތައާރަފު ކުރުމެވެ. ޒުވާން ވިޔަފާރިވެރިން އުފައްދަން އެސްއެމްއީއަށް ގެޓްސެޓް ދެ ބުރެއްގެ މަތިން ދޫކުރި އެވެ. އެއަށްފަހު މި ސަރުކާރުން އަނެއްކާ ވެސް މިވަނީ އެސްއެމްއީއަށް މުޅީން އާ ނިޒާމެއް ގެނެސް ދީފަ އެވެ. މި ފަހަރު ލޯނު ދޫކުރަން ބޭންކްއެއް ވެސް އުފައްދައިފި އެވެ.

އެސްއެމްއީ ލޯނު ދޫކޮށްގެން ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ލޯނު ތަކުން އުފެދުނީ ކިތަށް ވިޔަފާރި ހެއްޔެވެ؟

"ރާއްޖޭގައި ލޯނު ދޫކުރުމަށްފަހު ނުބެލެހެއްޓުން މައްސަލައަކީ. އެހެންވެ ލޯނުގެ ހަގީގީ ޕްރޮޑަކްޓިވިޓީއެއް ނުފެނޭ. މީގެ ފައިދާ އިކޮނޮމީއަކަށް ނުލިބޭ. ލޯނު ދޫކޮށް ދެން ހުރި ކަންކަމުގައި ވެސް އެހީތެރިވާން ޖެހޭ. އެހެންނޫނީ ވާނީ ފެއިލް،" ގެޓްސެޓް ލޯނު ދޫކުރުމުގައި މަސައްކަތް ކުރެއްވި އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އެސްއެމްއީ ލޯނުން ސައިކަލް ގަތުން

ކުރީގެ މަޝްހޫރު އެސްއެމްއީ ލޯނަށް ކޮންމެ އަހަރަކު ބަޖެޓުން 50 މިލިއަން ރުފިޔާ ހާއްސަ ކުރެ އެވެ. އެހެންވެ މި 50 މިލިއަން ރުފިޔާ އަހަރު ނިމޭއިރު ހުސް ކުރުން އޮންނަނީ ލާޒިމްވެފަ އެވެ. ކޮންމެ ގޮތެއް ހަދައިގެން ވެސް ދޫކުރަނީ އެވެ. އެކަމަކު މި ލޯނަށް ދޫކުރާ ފައިސާ ހޭދަކުރާ ގޮތް ބެލޭނެ މެކޭނިޒަމެއް އޭރަކު ނޯވެ އެވެ. އެހެންވެ އެސްއެމްއީ ލޯނު ނަގައިގެން ސައިކަލާއި ކާރު ގަނެ، ގެ ހަދައި މިބާވަތުގެ ކަންކަން ކުރީ އެވެ. ލޯނުން ރާއްޖޭގެ އިގްތިސޯދަށް ކުރި ފައިދާއެއްނެވެ. ހަމައެކަނި ވީ ކަމަކީ ލޯނު ނެގި މީހުންގެ ބޮލުގައި ދަރަންޏެއް އެޅުމެވެ. ލޯނު ނަގައިގެން އޭރު ގަތީ ސައިކަލެވެ. ދެން އެއަށް ފަހު ދޫކުރީ މަޝްހޫރު ގެޓްސެޓް ލޯނެވެ. ކިތަންމެހާ ވެސް މޮޅު ނިޒާމެކެވެ.

މޮޅު ނިޒާމު ރާއްޖެއަށް ފިޓެއް ނުވި

ގެޓްސެޓަކީ ދުނިޔޭގައި ވެސް ކާމިޔާބު މޮޑެލް އެވެ. މި ލޯނު ދިނީ ވެސް ލޯނު ފައިސާ ހޭދަ ކުރާނެ ގޮތް ބެހެއްޓުމާއި އެހީތެރިވެވޭނެ ނިޒާމު ގާއިމްކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ބިޒްނަސް ސެންޓަރުތައް ހަދައިގެނެވެ. ވިޔަފާރީގެ ހާއްސަ ކޮންސަލްޓަންޓުގެ ބެލުމުގެ ދަށުންނެވެ. އެކަމަކު މޮޅު އެ ނިޒާމު ގެނެސް ރާއްޖޭގެ ހަފޮޅުގެ ތެރެއަށް ލުމުން އެވެސް ވީ ބޮޑުތަނުން ފެއިލްއޭ ބުނެވިދާނެ އެވެ. އޭރުގެ ސަރުކާރުން "ކާމިޔާބު" ކަމަށް ބުނި ގެޓްސެޓުގެ ވާހަކައަކީ މިއީ އެވެ.

ޒުވާން ވިޔަފާރިވެރިން އުފައްދަން ފަރުމާކޮށްފައިވާ "ވޯލްޑް ކްލާސް" މޮޑެލްގެ ފަސް އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ. ގެޓްސެޓް ސްކީމުން ދޫކުރަނީ 300،000ރ. އާއި 800،000ރ. އާ ދެމެދުގެ ލޯނުތަކެވެ. މި މޮޑެލްގައި އިންޓަރެސްޓް ކުޑަ އެވެ. ރަހުނު ބަހައްޓާކަށް ނުޖެހެ އެވެ. ވިޔަފާރީގެ ޕްރޮޕޯސަލް ގެންދިއުމުން ލޯނު ދެނީ އެވެ.

މި ލޯނަށް ފުރަތަމަ ބުރުގައި ހޮވުނު 34 މީހުންނަށް 70 މިލިއަން ރުފިޔާ ދޫކުރި އެވެ. އަދި ދެ ބުރެއްގެ މަތިން ލޯނު ދޫކުރި އެވެ. ލޯނު ނެގި ފަރާތްތަކުގެ ތެރެއިން ކާމިޔާބުވީ ކިތައް މީހުން ހެއްޔެވެ؟

އިކޮނޮމިކް މިނިސްޓްރީގައި ޖޫން 17، 2016 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެޓްސެޓް ލޯނުގެ ވެރިޔަކަށް ހުންނެވި ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި 10 ފަރާތަކުން އެކި ލެވަލްގައި ވިޔަފާރި ކުރަމުން ގެންދެ އެވެ. އެކަމަކު ފަސް އަހަރު ނިމިގެން ދިޔައިރު ވެސް އޭރުގެ ސަރުކާރަށް މި ފަރާތްތަކުގެ ވިޔަފާރީގެ ހަގީގީ ވާހަކަ ކިޔައި ދެވޭ ގޮތެއް ނުވި އެވެ. އަބަދު ވެސް ދެއްކެނީ އެއް ބައެވެ. ދެ ތިން ޕާޓީއެކެވެ.

"މިހާތަނަށް ދޫކުރި އެންމެ އެޑްވާންސް އެއް މޮޑެލް ގެޓްސެޓްއަކީ. އެކި ގައުމުތަކުގައި މި ލޯނު ދެނީ އެކި ނަންނަމުގައި. އިންކިއުބޭޓާ ޕްރޮސެސްއެއްގެ ތެރެއިން ދޫކުރުމުން މި ލޯނު ބޭރު ގައުމުތަކުގައި ވަރަށް ކާމިޔާބު. ކާމިޔާބު ވިޔަފާރިތައް އެބަހުރި އުފެއްދިފައި. އެކަމަކު ރާއްޖޭގައި މިކަން އެހާ ކާމިޔާބެކޭ ނުބުނެވޭނެ،" ގެޓްސެޓް ލޯނުގެ ކަންކަމުގައި އިސްކޮށް އުޅުއްވި ބޭފުޅަކު، ނަން ނުޖެހުމަށް ޝަތުރުކޮށް ވިދާޅުވި އެވެ.

މި ނިޒާމު ރާއްޖެއަށް "ފިޓު" ނުވީ ކީއްވެގެން ހެއްޔެވެ؟

މި މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި މި ލޯނު ފެއިލްވީ އަމިއްލަ އެދުމާއި މަގާމުގެ ނުފޫޒު މީގެ ތެރެއަށް ވަދެ މުޅި ލޯނުގެ މަގުސަދު ގެއްލުމުންނެވެ. އެހެންވެ ގެޓްސެޓް ފެށިއިރު މި މަސައްކަތް ކުރަން އައްޔަން ކުރި ބައެއް ކޮންސެލްޓެންޓުން މަގާމު ތަކުން އަމިއްލަ އަށް ދުރުވި އެވެ. ސަބަބަކީ ޕްރޮފެޝަނަލްކޮށް އެކަން ކުރެވޭނެ މާހައުލެއް ސަރުކާރަށް ނުދެކުމެވެ. މިކަމުގެތެރެއަށް "ސިޔާސީ އަތް ބާނައި" މުޅި ނިޒާމު ހަރާ ބުކޮށްލުމެވެ. އެންމެފަހުން މި މަސައްކަތުގައި އުޅުވި ސީނިއަ ކޮންސެލްޓެންޓުން ވަކިވީ "ފެޑަޕް" ވެގެނެވެ.

މި ފަހަރު އެސްޑީއެފްސީ

ގެޓްސެޓުގެ ވާހަކަ ނިމިއްޖެ އެވެ. އަނެއްކާ މި ފެށުނީ އެސްއެމްއީގެ މުޅިން އާ ބާބެކެވެ. އާ ވާހަކަ އެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން އައީ ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް ހެޔޮ އެދިގެން ކަމަށް ވިދާޅުވެފަ އެވެ. މި ސަރުކާރުން އައިސް މިވަނީ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) އުފައްދާފަ އެވެ. މިއީ ސީދާ ކުދި ވިޔަފާރީގެ ހާއްސަ ބޭންކެވެ. ބޭންކެއްގެ "ސްޓެޓަސް" ހޯދުމުގެ ޕްރޮސެސްގައި އޮތް ކާމިޔާބު މޮޑެލް އެކެވެ. މި ނިޒާމުގައި ރަހުނު ކުޑަ އެވެ. ފޯކަސް ހުރީ ކުދި ވިޔަފާރި އަށެވެ. މި ފަހަރު އެސްއެމްއީ ލޯނު ކިހިނެއް ވާނެ ހެއްޔެވެ؟

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި އެސްޑީއެފްސީ އިން 25 މީހަކަށް 30 މިލިއަން ރުފިޔާގެ ލޯނު ވަނީ މިހާތަނަށް ދޫކޮށްފަ އެވެ. މި ލޯނު ދީފައިވަނީ ލޯކަލް ޓޫރިޒަމް ވިޔަފާރި އާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިތުރުން ގޭގައި ތިބެގެން މަސައްކަތް ކުރާ އަންހެނުންނަށެވެ.

"ލޯނަށް ހުޅުވާލުމުން 400 މިލިއަން ރުފިޔާގެ ލޯން އެޕްލިކޭޝަން ލިބުނު. މި އަހަރު އަދި ކުރިއަށް އޮތް ތަނުގައި 60 މިލިއަން ރުފިޔާގެ ފައިނޭންސް ހަމަޖެހޭނެ ކަމަށް އުއްމީދު ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ

އެސްޑީއެފްސީ އިން ލޯނު ދެނީ ރަހުނާ އެކުގަ އެވެ. ނަމަވެސް ރަހުނު ނުލައި ލޯނު ދިނުމުގެ މަސައްކަތް ތަކެއް ވެސް ކުރައްވަމުންދާ ކަމުގެ އިޝާރާތެއް މިނިސްޓަރު ވަނީ ދެއްވާފަ އެވެ. އެއީ އިތުރު އުންމީދެކެވެ.

ހޔަގީނުން ވެސް މިހާތަނަށް އައި ލޯނު މޮޑެލްތަކުން ފެންނަ މަންޒަރަކީ ލޯނުތަކުގެ ހަގީގީ ފައިދާ އިގްތިސޯދުގެ ތެރެއަށް ފޭދިގެން ނުދާތަނެވެ. އެހެންވިމާ އެސްއެމްއީ ކުރިއަރުވަން ދެން ކުރެވޭނީ ކޮންމެ ކަމެއް ހެއްޔެވެ؟

ރާއްޖޭގައި އެސްއެމްއީ ވިޔަފާރި ތަކަށް ގިނަ ގޮންޖެހުން ތަކެއް އެބަހުއްޓެވެ. ރާއްޖޭގެ މުޅި ވިޔަފާރީގެ ނިޒާމު މިއޮތީ ކުދި ވިޔަފާރިތަކާ "ދެކޮޅަ" ށެވެ. ހަމައެކަނި އުޅެނީ ފައިސާ ނުލިބުމުގެ މައްސަލަތައް އެކަންޏެއް ވެސް ނޫނެވެ. ފައިސާ ލިބި ވިޔަފާރި ފަށައި ޓެކްސް ދައްކާ ހިސާބުން ކުދި ވިޔަފާރިތަކުގެ ބޮލަށް އަދި އިތުރު ބުރައެއް އާދެ އެވެ. އެއީ ޓެކްސް ނިޒާމުގައި ހުރި މައްސަލަ ތަކެވެ.

ޓެކްސްގެ މައްސަލަތަކުގައި ކޮންސެލްޓެންސީ ދޭ ކުންފުންޏެއް ކަމަށްވާ ސީޓީއެލް ސްޓްރެޓަޖީޒްގެ ސީނިއަ ކައުންސިލް އަބްދުﷲ ވާރިސް ވިދާޅުވެފައިވާ ގޮތުގައި ގާނޫނުތަކާއި ގަވާއިދުތައް ހުރި ގޮތުން ރާއްޖޭގެ ޓެކްސް ނިޒާމަށް ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ޓެކްސް ނިޒާމަކީ ކޮމްޕްލިކޭޓެޑް ސިސްޓަމެކެވެ. ނަމަވެސް ރާއްޖޭގައި މި މައްސަލަ ބޮޑު އެއް ސަބަބަކީ 2010 ގައި މި ނިޒާމު ގެނައުމަށްފަހު ޓެކްސްއަށް އަހުލުވެރިވާން ލިބުނު މުއްދަތު ކުޑަވުމެވެ.

"ރާއްޖޭގެ ޓެކްސް ނިޒާމު ވަރަށް ޔަންގް. މި ނިޒާމު ދެހާސް ދިހަ ވަނަ އަހަރު އައުމަށްފަހު އެންމެ ފުރަތަމަ ޖެހުުނު މައްސަލައަކީ އެކަށީގެންވާ ވަގުތު ނުލިބުން. ޖީއެސްޓީ ގާނޫނު އައުމަށްފަހު މި ލިބުނީ އެންމެ 30 ދުވަސް. ދެން ވިސްނާލައްވާ! ބާރަހާސް ވިޔަފާރި އޮންނައިރު، ޓެކްސް ގާނޫނުތައް މިއޮތީ ވަރަށް ސެންޓްރަލްކޮށް ސީދާ މާލެ އަށް ކަހަލަ ގޮތަކަށް. ރާއްޖޭގެ ރަށްތަކުގެ މީހުންނަށް މިކަން ކުރާނެ ގޮތެއް ނޭނގެ. ކުރެވޭނެ ގޮތެއް ނޭނގެ. މައުލޫމާތު ދޭން ދިޔަ މީހުންނަށް ވެސް މައްސަލަ އެބަ އުޅޭ،" ވާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީރާގެ "ކޮމްޕްލެއިން ކޮސްޓް ހައި" ވުމަކީ ކުދި ވިޔަފާރިތަކަށް ދަތިކަށް ކުރިމަތިވުމުގެ ސަބަބެކެވެ.

"އެސްއެމްއީސް އަށް ދެތިން މީހަކު ގުޅިގެން ވިޔަފާރި މިކުރަނީ. ހުރިހާ ކަމެއް މި ކުރަނީ އެމީހުން. މިހެން އޮއްވައި ކުއާޓަލީ ރިޓާން ފައިލް ކުރުމާއި ފައިނޭންޝަލްސް ޕްރިޕެއާ ކުރުމަށް ވެސް ދަތިވޭ،" ވާރިސް ވިދާޅުވި އެވެ.

އެސްއެމްއީ ސިޔާސަތު - އުންމީދެއް

މި ސަރުކާރުން ދާދި ފަހުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ސިޔާސަތައް އަމަލު ކުރަން ފަށަން ނިންމާފަ އެވެ. މި ސިޔާސަތުން އެސްއެމްއީ އަށް އޮތީ ކޮން ފައިދާ އެއް ހެއްޔެވެ؟

މި ސިޔާސަތުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކުގެ ޕްރޮކިއުމަންޓް އަދި ޑިއުޓީ އުސޫލަށް ބަދަލު ބަދަލު ގެންނާނެ އެވެ. އަދި ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ކުރާ އިއުލާންތަކުގައި ބިޑް ކުރުމަށް ހުޅުވާލެވޭއިރު އެ އިއުލާން ކުރާޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ދަށް ނަމަ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭން ޖެހޭނެހެން ޝަރުތުތަކެއް ވެސް މި ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޓެކުހުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީ މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމުތައް ސަރުކާރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ. މި އުސޫލުގެ ދަށުން ވިޔަފާރިތަކަށް ހެޔޮ އަގުގައި ޕީއޯއެސް ލިބޭނެ އެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުންނާއި ސަރުކާރުގެ ކުންފުނިތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިންވޮއިސް ތަކަށް އަވަހަށް ފައިސާ ދެއްކުމަށް ބާރު އަޅާނެ އެވެ.

މި ސިޔާސަތާއެކު އެސްއެމްއީ ސެކްޓާގެ ގިނަ ސިނާއަތް ތަކުން ތިބީ އުންމީދުގަ އެވެ. ލޯނުތައް ފެއިލްވި ނަމަވެސް މި ސިޔާސަތުގެ ސަބަބުން އެސްއެމްއީ ސެކްޓާ އަށް ދިރުން ލިބޭނެ ކަމުގެ އުންމީދެއް އެބައޮތެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތު ތަމްސީލް ކުރާ މަސީގެ ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވި ގޮތުގައި އެސްއެމްއީ ސިޔާސަތަކީ އެސްއެމްއީ ސެކްޓާ އަށް މުހިންމު ސިޔާސަތެކެވެ.

"ވަރަށް ބައިވަރު މައްސަލަތައް އެބަހުރި މި ސެކްޓާގައި. ބިޑްތަކަށް ދާއިރު ގެރެންޓީ ހޯދުމާއި ބިޑްތައް ހޯދުމުގައި ވެސް. އެއް މައްސަލައެއް އެންމެ ކުޑަ އަގު ޖެހުން ވެސް. މިހެންވެ ފެންވަރަށް ވުރެ ބޮޑަށް ބަދަލީ ކުޑަ އަގަށް. ކުޑަ އަގު ޖެހުމުން ކާމިޔާބު ވޭ. މިހެންވުމުން ދެ ފަރާތަށް ވެސް ގެއްލުން ވުމުގެ ފުރުސަތު އޮވޭ،" އަދްނާން ވިދާޅުވި އެވެ.

ލޯނުތައް ދޫކުރާނެ އެވެ. އެކަމަކު ހަމައެކަނި ލޯނު ދޫކުރުމުން ނުފުދޭކަން އެސްއެމްއީ ލޯނުވަމުންދާ ގޮތުން އެނގެ އެވެ. އެހެންވެ މިކަމަށް ބޭނުން ވަނީ އެހެން ހައްލެކެވެ.