އެސްއެމްއީ ވިޔަފާރި

ދިރާސީ ނަޒަރަކުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހާލަތު

Aug 30, 2022
9

ލިޔުނީ: އިބްރާހިމް ޒާލް

ދިވެހިރާއްޖޭގެ ވިޔަފާރީގެ ބާޒާރަށް ބަލާއިރު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ މައި މަރުކަޒަކީ މާލެ ނުވަތަ ގްރޭޓާ މާލެ ސަރަހައްދު ކަން އެނގެ އެވެ. ރާއްޖޭގެ އިގްތިސާދުގެ ނާރެހަކީވެސް އަދި ރާއްޖޭގެ ވެރިކަން ކުރާ ރަށަކީވެސް މާލެ އެވެ. މީގެ އިތުރުން މާލެއަކީ ގައުމުގައި އޮންނަ ހަމައެކަނި އާބަން ސެންޓަރު ކަމަށް ވުމުން މިތަނުގައި ދިރިއުޅޭ އާބާދީ ބޮޑުވުމަކީ މާލޭގައި ވިޔަފާރި ކުރުމަށް ފުރުސަތު ބޮޑުވާ މައިގަޑު ސަބަބެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ސިނާއަތު ދޫކޮށް، މިލިއުމުގައި ބަލާލާނީ އިމްޕޯޓް މުދަލާއި ގުޅުން ހުރި ބައިތަކަށެވެ.

މާލޭގެ އާބާދު ވެފައިވާ ބިމުގެ ބޮޑުމިނަކީ 1.95 އަކަ ކިލޯމީޓަރެވެ. މާލެ، ހުޅުމާލެ ހިމެނޭ އޭރިއާގެ ބޮޑުމިނަކީ ޖުމްލަ 8.30 އަކަ ކިލޯމީޓަރެވެ. މި ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އާބާދީ 300،000 އަށް ވުރެން މަތިކަމަށް އަންދާޒާ ކުރެވެ އެވެ. އެހެންކަމުން މިސަރަހައްދަކީ ދުނިޔޭގެ ނިސްބަތުންވެސް އެއްމެ ބޮޑަށް އާބާދީ ތޮއްޖެހިފައިވާ އެއް ސަރަހައްދެވެ. އެއީ އަކަ ކިލޯމީޓަރަކަށް ގާތްގަޑަކަށް 36،000 އަށް ވުރެ އިތުރު އަދަދަކެވެ. އާބާދީ ތޮއްޖެހުމުގެ ސަބަބުން އުފަންވާ އިޖުތިމާއީ އުދާސްތައް ކިތަންމެ ބޮޑަސް އެކަމުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ތަރުހީބާއި ނަފާ ނުހަނު ތަނަވަސް ކަމުގައި ފާހަގަކުރެވެ އެވެ.

ބާޒާރުގެ ތަރުތީބު

ތަންކޮޅެއް ކުރީޒަމާނުގައި މާލޭގައި ބާޒާރު ކުރަންދާ ވަކި ސަރަހައްދު ތަކެއް އޮވެ އެވެ. ޗާންދަނީ މަގުގެ ވަކި ހިސާބެއްގައި އޮންނަ ސިންގަޕޯ ބާޒާރާއި ބަނދަރު ސަރަހައްދުގައި އޮންނަ އަހްމަދީ ބާޒާރެވެ. އެހެންނަމަވެސް ޒަމާންތަކާއި އެކު މާލޭގެ އިގްތިސާދަށް އައި ހެޔޮ ބަދަލުގެ ސަބަބުން ބާޒާރު އައީ އިތުރަށް ފުޅާވަމުންނެވެ.

މިއަދުގެ ހާލަތަށް ބަލާއިރު ވަކި މަގެއް ވަކި ގޯޅިއެއް ނެތެވެ. މުޅި މާލޭގައި އިމާރާތެއް ހުރިއްޔާ އެ އިމާރާތެއްގެ ތިރީ ބަޔަކީ ކޮންމެވެސް ބާވަތެއްގެ ވިޔަފާރި ހިންގާ ތަނެކެވެ. އެންމެ އާދައިގެ މީހާއިން ފެށިގެން އެންމެ މުއްސަނދި މަހުޖަނުންނާއި އަދި ސަރުކާރުގެ ކުންފުނި ތަކުގެ ވިޔަފާރިއެވެ. މީގެ އިތުރުން ޑިޖިޓަލް މީޑިއާ މެދުވެރިކޮށް ހިންގޭ ވިޔަފާރިތައް ވެސް އެހާމެ ގިނަ އެވެ. އެބާވަތުގެ ބައެއް ވިޔަފާރިތަކަކީ ކޮޓަރީގައި ސްޓޮކް ބަހައްޓައިގެން ކުރާ އަތްމަތީ ވިޔަފާރި ތަކެވެ. މި ސަބަބުތައް މިހެން ހުރުމާއެކު މާލެއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ފުރުސަތު ނުހަނު ތަނަވަސް ތަނެއް ކަމާ މެދު އުފައްދާނެ ސުވާލެއް ނެތެވެ.

ވިޔަފާރީގެ ތަބީއަތް

ވިޔަފާރީގެ ޒާތަށް ބަލާއިރު، މާލޭގައި ވަކި ބާވަތެއްގެ މުދަލަކަށް ހާއްސަ ވަކި ސަރަހައްދެއް ނޯވެ އެވެ. ލިބުނު ޖާގަ އެއްގައި ޖެހުނު ކޮންމެ ވިޔަފާރިއެއް ކުރެ އެވެ. މާލެ އަކީ، ޕްލޭން ކުރެވިގެން ތަރައްގީ ވެފައިވާ ތަނެއް ނޫން ކަމުން މުޅި މާލެ މިއަދު ފެންނަނީ މާސިންގާ ބާޒާރެއްގެ ގޮތުގަ އެވެ. ބައެއް ހިސާބުތައް ޝޮޕިން ސެންޓަރެއް ހެން ވެސް ހީވެ އެވެ.

މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ، ވިޔަފާރި ކުރާނެ ޖާގަ ހޯދުމުގެ ދަތިކަމާއި، ލިބޭ ތަނުގެ ކުލި ބޮޑުވުމާއި އަދި އެކަށީގެންވާ ދިގު މުއްދަތުގެ އެއްބަސްވުން ނުލިބުމެވެ. މިގޮތަށް މިކަން ދިމާވާ ސަބަބަކީ އެފަދަ ތަންތަނަށް އޮންނަ ޑިމާންޑް ބޮޑު ވުމެވެ. ބޮޑު ކުލީގައި ވިޔަފާރި ހިންގުމަކީ، ހަރަދު ބޮޑުވެ ވިއްކާ ތަކެތީގެ އަގުވެސް ބޮޑު ކުރަންޖެހޭ ކަމެކެވެ. ވާދަވެރި ބާޒާރުގައި ބައެއް ކުދި ވިޔަފާރިތައް މާއަވަހަށް ބަންގުރޫޓް ވަނީ މި ސަބަބާ ހެދި އެވެ. އެ ހާލަތުގައި އެފަދަ ތަންތަނުގެ ވަޒީފާއަށް އެތެރެކުރި ބިދޭސީ ނޯކަރުން ގިނަ ފަހަރަށް މަގުމަތި ވާކަމީ ހިތްދަތި ހަގީގަތެވެ.

މީގެ އިތުރުން ދިވެހި މުވައްޒަފުން ހޯދުމަކީވެސް އެހާމެ ދަތި ކަމެކެވެ. ކުދި ވިޔަފާރިތަކުގައި ދިވެހިން ހަރު ނުލަނީ ލިބޭ އުޖޫރަ ކުޑަވުމުންނެވެ. ގިނަ ވިޔަފާރި ތަކުން އުފެއްދޭ އާމްދަނީ އާއި އަޅާ ބަލާއިރު މާބޮޑު އެއްޗެއް ނުދެވޭނެ އެވެ. އާއްމު ގޮތެއްގައި މިފަދަ ތަންތަނުން 5،000 އާއި 10،000 ރުފިޔާ ދޭތެރޭގެ މަހު މުސާރައެއް ލިބުނަސް މާލޭ އަކީ އުޅުމުގެ ހަރަދު ބޮޑު ތަނެއް ކަމުން އެވަރުގެ އާމްދަނީ އަކުން ދެކޮޅު ނުޖެއްސުމަކީ، ދިވެހިން މިދާއިރާގައި ދެމިތިބުމުގައި ފަރުވާ ކުޑަވުމުގެ އިތުރުން ދިވެހިން މި ދާއިރާއަށް ޝައުގު ވެރިކަން ނުހުންނަ މައިގަޑު ސަބަބެވެ. ކަން މިހެން ހުރުމުން ކުޑަ މުސާރައަށް ބިދޭސީން އެތެރެ ކުރުން ނޫން ގޮތެއް ނޯވެ އެވެ.

ހުޅުމާލެ ވަކި ތަފާތުވެދާނެތަ؟

ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެ އަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ޕްލޭން ކޮށްގެން ހަދާފައިވާ އެހާމެ ހިތްގައިމު ރީތި ރަށެކެވެ. ހަލަބޮލި ވެފައިވާ މާލޭގެ ތަޖުރިބާއިން ލިބުނު ފިލާވަޅުގެ އަލީގައި ފަރުމާ ކުރި ނަމޫނާ ހުޅުމާލެ މިއަދު ފެންނަނީ މާލެ އެކޭ އެއްގޮތަށް ތަރުތީބެއް ނެތި ފިހާރަތައް ގިނަ ވަމުން، މުޅި ރަށް ބާޒާރަކަށް ބަދަލުވެ ތޮއްޖެހެމުން ގޮސް ދެވަނަ މާލެ އަކަށް ބަދަލުވާ މަންޒަރެވެ.

ރާއްޖޭގެ ވިޔަފާރީގެ ވައްޓަފާޅި އާ ހަރުފަތަކަށް އަންނަން މާބޮޑަށް ލަސްވެއްޖެ އެވެ. އާދެ! ޝޮޕިންގް މޯލް ތަކުގެ ވާހަކަ އެވެ. ސްމާޓް ސިޓީ އެއްގެ ފުރާ ފުރިހަމަ ހައިބަތާއެކު، އެއް އިމާރާތެއްގެ ތެރޭގައި އެތައް ސަތޭކަ ވިޔަފާރި ޖާގައާއި، އެއާ ގުޅުން ހުރި އެހެނިހެން ގިނަ ހިދުމަތް ލިބޭ ގޮތަށް، ބޮޑެތި ޝޮޕިން ސެންޓަރުތައް ވުޖޫދު ވެގެން ދިއުމަކީ، މިދެންނެވި ގޮންޖެހުން ތަކަށް އޮތް ދާއިމީ ހައްލުގެ ފެށުން ކަމުގައި ފެނެ އެވެ.

ވިޔަފާރި ހިންގާ ޖާގަ އަކީ ވިޔަފާރީގެ ބިންގާ ކަމަށް ވާހިނދު އެތަނުގައި އުނދަގުލަކާއި ނުލައި ދެމިހުރެވޭނެ ކަމުގެ ޔަގީންކަން ފަހިވެފައި އޮތުމަކީ ނުހަނު ބޭނުން ތެރިކަމެކެވެ. ބޯހިޔާވަހި ކަމެކޭ އެއްފަދައިން މި ވަސީލަތަކީވެސް އަސާސީ ހައްގެއްގެ ގޮތުގައި ތަހުޒީބު މުޖުތަމައު ތަކުގައި ބަލައި ގަނެފައިވާ ކަމެކެވެ.

ދުނިޔޭގެ އެހެނިހެން ގިނަ ސިޓީ ތަކުގައިވެސް މިކަން ކުރާ އުސޫލުން މިފަދަ ތަސައްވުރެއް ރާއްޖެއަށް ތައާރަފް ކުރުމުގެ ވަގުތު އަދި ނުޖެހެނީތޯ ސުވާލު އުފެދެ އެވެ.

ވިޔަފާރީގެ ވެށި

ރާއްޖޭގައި ވިޔަފާރިއެއް ފަށައި އެ ވިޔަފާރި ތަރައްގީކޮށް ހިންގުމުގައި ހުރަހެއް ނޯވެ އެވެ. އެމީހަކަށް ކެރުނު ވަރެކެވެ. އެތެރެކުރުން މަނާ ބާވަތްތައް ފިޔަވައި ކޮންމެ މުދަލެއްވެސް އަދި ކޮންމެ ގައުމަކުން ވިޔަސް އެތެރެ ކުރެވޭނެ އެވެ. ހުޅުވާލެވި ފައިވާ އިގްތިސާދީ މާކެޓްގައި އަގު ކޮންޓްރޯލް ކުރުމެއް ނޯންނާނެ އެވެ. އެހެނަސް ފިހާރަތައް ބަންދުކުރާ ގަޑިތައް އޮންނަނީ ސަރުކާރުން ކޮންޓްރޯލް ކުރާ ގޮތަށެވެ. މުދަލުގައި ވިއްކާ އަގު ފެންނާނެހެން ޖަހާފައި ހުރުމަކީ ލާޒިމް ކަމެކެވެ. މީގެ އިތުރުން ޓެކްސް އާއި ގުޅުން ހުރި ކަންތައް މޮނީޓާ ކުރުން ފިޔަފައި އިތުރު ކަމެއް ސަރުކާރުން އާއްމުކޮށް ނުކުރެ އެވެ.

ކުދި ވިފާރިތަކަށް ހުރި ގޮން ޖެހުން ތަކުން އަރައިގަތުމަށް، ސަރުކާރުން އެސްއެމްއީ ބޭންކެއް 2019 ވަނަ އަހަރު މާޗް މަހު ތެރޭ ހުޅުވައި، ހިދުމަތް ދޭން ވަނީ ފަށާފަ އެވެ. މި ބޭންކުން ދޫކުރެވޭ ލޯނު ލިބުމުގައި އުނދަގޫ ތަކެއް ހުއްޓަސް ލިބޭ ލޯނު ތަކުގެ އިންޓަރެސްޓް ރޭޓް ރާއްޖޭގެ އެހެން ބޭންކް ތަކާ އަޅާބަލާއިރު ކުޑަ އެވެ. ރާއްޖޭގެ އެހެނިހެން ބޭންކް ތަކުން ވިޔަފާރި ތަކަށް ފައިސާ ދޫކުރަނީ، ބޭރުގެ ގިނަ ގައުމުތަކާ އަޅައި ބަލާއިރު ވަރަށް ބޮޑު އިންޓަރެސްޓް ރޭޓް ގައެވެ.

ވިޔަފާރި އާއި ގުޅުން ހުރި ރަސްމީ މުއާމަލާތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް، އޮންލައިން އިން ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމް ހުރީ ގާއިމު ކުރެވިފަ އެވެ.

ކަން މިހެން ހުރި ނަމަވެސް، ވޯލްޑް ބޭންކުން ޝާއިއު ކޮށްފައިވާ "އީޒް އޮފް ޑުއިންގް ބިޒްނަސް އިންޑެކްސް" އަށް ބަލާއިރު ރާއްޖެ އޮތީ ދުނިޔޭގެ 190 ގައުމުގެ ތެރެއިން 148 ވަނައިގަ އެވެ. މިއީ ބަންގްލަދޭޝް ފިޔަވާ ސާކް ގައުމުތަކަށް ބަލާއިރު އެންމެ ފުލެވެ. 2006 ވަނަ އަހަރު މިދެންނެވި، ދުނިޔޭގެ އިންޑެކްސްގެ 13 ވަނައިގައި އޮތުމަށްފަހު އެކަށޭނަ ކުރިއެރުމެއް ނުލިބި މިހާ ދަށަށް ވެއްޓުމަކީ އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ވާކަމުގެ ރަނގަބީލެވެ.

ރާއްޖޭގެ ރޭޓިން ދަށްވީ ވިޔަފާރިތަކާ ބީރައްޓެހި އަމްދުން މާހަރުކަށި ގަވާއިދުތައް އުފަންކޮށް، ބައެއް ހުއްދަތައް ހޯދުމަށް ދާންޖެހޭ މަގުގެ ދިގުކަމާއި، ކަންކުރުމުގައި ގެންގުޅޭ އުސޫލުތައް ޒަމާނީ މިންގަޑުތަކަށް ނުފެތޭތީ ކަމުގައި ދިވެހި ވިޔަފާރިވެރިން ކިޔަ އެވެ.

ރާއްޖޭގެ ޒުވާން ޖީލަކީ، ހުނަރުވެރި ތައުލީމީ އަދި ހަލުވި ދުވެލީގައި ކުރިއަރާ ދިއުމުގެ ގާބިލުކަން އިންތިހާއަށް ލިބިފައިވާ ބައެއް ކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ. އެހެންކަމުން ދިވެހިންގެ މިއަދުގެ އުއްމީދަކީ، ބަވަނަ ވެފައިވާ ދުނިޔޭގެ ކުރީ ސަފުގެ ގައުމު ތަކެކޭ އެއްފަދައިން މި ރާއްޖޭގައިވެސް ވިޔަފާރީގެ މާހައުލު ޒަމާނީކޮށް، ހުރި ހުރަސްތައް ނައްތާލައި، އާ ފުރުސަތު ތަކަށް ޖާގަ ތަނަވަސް ވެގެން ދިއުމެވެ.

ބާޒާރުގެ މުދަލާއި ބޭރު ފައިސާ އަދި މާލީ މުއާމަލާތް

ރާއްޖޭގެ ބާޒާރަށް ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކުންވެސް މުދާ އެތެރެ ކުރެ އެވެ. ފުޅާ ދާއިރާ އެއްގައި ރަގަޅު ފެންވަރުގެ މުދާ ރާއްޖޭގެ ބާޒާރުގައި ލިބެން ހުރެ އެވެ. އަގު ވެސް ނިސްބަތުން ރަގަޅެވެ. މިދިޔަ އަހަރުގެ ތަފާސްހިސާބު ތަކަށް ބަލާއިރު އެންމެ ގިނައިން ވިޔަފާރި މުދާ އެތެރެ ކޮށްފައިވަނީ އޮމާން، ޔޫއޭއީ، ޗައިނާ، އިންޑިއާ، ސިންގަޕޯ، ސްރީލަންކާ، މެލޭޝިއާ އަދި ތައިލޭންޑުންނެވެ.

މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަކީ، ބޭންކިން ނިޒާމުގެ ތެރެއިން އެކަށީގެންވާ މިންވަރަކަށް ނުކުރެވޭ ކަމެއްކަން ފާހަގަކުރެވެ އެވެ. އެހެންކަމުން މިކަމަށް އޮތް ހަމަ އެކަނި ހައްލަކީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަތުމެވެ. އެކިދުވަހު އެކި އަގުގަ އެވެ.

ދިވެހިރާއްޖޭގެ މަނިޓަރީ ގަވައިދުގައި ވާ ގޮތުން މަނިޓަރީ އޮތޯރިޓީން ދޫކުރާ ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ގަނެ ވިއްކުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރި އެއްގެ އަގާއި، މަސައްކަތުގެ އަގާއި، ފީއާއި ކުލި ފަދަ ތަކެތީގެ އަގު އަދާކުރުމަށް ރާއްޖޭގެ ރުފިޔާ ފިޔަވައި، އެހެން ފައިސާ އެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އަގު އަދާ ކުރުމަށް ފައިސާގެ އިތުރަށް ބޭންކް ޓްރާންސްފާ އާއި ޗެކްވެސް ހިމެނެނީ ފައިސާ ކަމުގަ އެވެ.

ބޭރުފައިސާ ގަނެ ވިއްކުމުގެ ހުއްދަ މިހާތަނަށް 256 ފަރާތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކޮށްފައިވާއިރު މީގެ ތެރޭގައި ގިނައީ ރިޒޯޓް އޮޕަރޭޓަރުންނެވެ. ނަމަވެސް ރާއްޖޭގެ އާބާދީއާއި އަޅާބަލާއިރު ގިނަ ފަރާތް ތަކަކަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ދޫކުރެވިފައިވާ ކަމަށް ބުނެ އިތުރު ފަރާތް ތަކަށް ލައިސަންސް ދޫކުރުން އޮކްޓޫބަރު 15، 2020 އިން ފެށިގެން ވަނީ މަޑު ޖައްސާލާފަ އެވެ. މި ހަގީގަތް މިހެން އޮތުމުން، ރާއްޖޭގެ މަނިޓަރީ ގަވައިދު ތަންފީޒު ކުރުމުގައި އިހުމާލު ތަކެއް އޮތް ކަމަށް ގަބޫލު ކުރަން ޖެހެ އެވެ. މިއާއެކު ބޭންކިން ނިޒާމުގައި އޮތް ވިޔަފާރިއާއި ބީރައްޓެހި ސަގާފަތަކީ ރާއްޖޭގައި ބޭރު ފައިސާގެ ކަޅު ބާޒާރު އުފަންވެ ފުޅާވެގެން ދިއުމަށް ހިތްވަރު ލިއްބައިދޭ ސަބަބު ކަމުގައި ބެލެވެ އެވެ.

ނިންމުމުގެ ކުރިން

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަކީ ގައުމުތަކުގެ އިގްތިސާދުގައި އެންމެ މުހިމު ދައުރު އަދާކުރާ ބައެވެ. ހާއްސަކޮށް ފުޅާވަމުން އަންނަ އިގްތިސާދު ތަކުގަ އެވެ. ދުނިޔަވީ އިގްތިސާދުގެ 90 ޕަސަންޓް ތަމްސީލުކޮށް ވަޒީފާގެ ބާޒާރުގެ 50 ޕަސަންޓަށް ވުރެ ބޮޑު ހިއްސާއެއް އަދާ ކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އެވެ. މިއާއެކު ކުރި އަރަމުން އަންނަ ގައުމު ތަކުގެ ގައުމީ އުފެއްދުން ތެރިކަމުގެ 40 ޕަސަންޓް ހިއްސާ ކުރަނީ ވެސް ހަމަ މި އާއިލާ އިންނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި އަކީ، ގައުމުގެ އިގްތިސާދު ނަގަހައްޓާ ދެމެހެއްޓުމުގައި ކިތަންމެ އިސް ކުޅުންތެރިއެއް ކަމުގައި ވިޔަސް، ރާއްޖޭގައި މި ދާއިރާއަށް އެދެވޭ އަހައްމިޔަތު ކަމެއް ދޭތަން ނުފެނެ އެވެ.

މަތީގައި ބަޔާން ކުރެވުނު ތައާރަފްގެ ނަޒަރުން ބަލާއިރު، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ހުރި ގޮންޖެހުންތައް ނުހަނު ބޮޑެވެފައި އެހާމެ ގިނަ އެވެ. އަތޮޅު ތެރޭގައި މިބަލިމަޑުކަން ވަކީން ބޮޑެވެ. މިގޮތުން ބަލާއިރު، ފަށާ ވިޔަފާރި ތަކަށް ނަގަންޖެހޭ ބައެއް ހުއްދަތައް އުނދަގޫވެ ލަސްވުން، ޔުޓިލިޓީސްގެ ޚިދުމަތް ލިބުން ލަސްވުން، މުވައްޒަފުން ހޯދުމުގައި އޮންނަ ހުރަސްތައް، ވިޔަފާރިތަކަށް ފައިނޭންސް ހޯދުމުގައި އޮންނަ ދަތިކަމާއި، އިންޓަރެސްޓް ރޭޓްގެ ބޮޑުކަން، އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރު ފައިސާ ކަޅު ބާޒާރާއި ނުލާ ބޭންކިންގް ނިޒާމްގެ ތެރެއިން ހަމަޖެހޭނެ ގޮތެއް ނެތުން، އިމްޕޯޓް ކުރުމުގައި މާލީ މުއާމަލާތް ކުރުމުގެ ދަތިކަން، ވިޔަފާރި ހިންގާ ޖާގައިގެ ޔަގީންކަން ނެތުން ފަދަ ކަންތަކަކީ، ބޮޑަށް ފާހަގަކުރެވޭ ކަންތަކެވެ.

ރާއްޖޭގެ ތަބީއަތަކީ ޖަޒީރާ ވަންތަ ސިފަ އެވެ. ވީހިނދު މިޖަޒީރާގެ އަހުލު ބައިތުންގެ ދިރިއުޅުމުގެ ހާލަތު ރަގަޅު ކުރުމަށް ގައުމީ ފެންވަރުގައި ކަނޑައަޅާ ސިޔާސަތު ތަކުގައި، މުޅި ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ހާއްސަ މަޝަރޫއެއް މައުނަވީ ގޮތަކަށް ތައާރަފް ކުރުމަކީ ނުހަނު ބޭނުން ތެރި ކަމެކެވެ. ގައުމުގެ އިގްތިސާދީ ފުދުންތެރިކަން އިތުރު ވުމާއިއެކު ރައްޔިތު މީހާގެ ނޯކިރީ ކަށަވަރު ވުމަކީ، ވަށައިޖެހޭ ދިރިއުޅުމެއް އާރާސްތު ކުރުމަށް އޮތް އުއްމީދެކެވެ.