އެސްއެމްއީ ބޭންކް

ޕޯޓަލް އަޕްގްރޭޑުކޮށް އެސްއެމްއީ ލޯނަށް ފުރުސަތު ހުޅުވާލައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރަން އުފެއްދި، އެސްއެމްއީ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޕޯޓަލް އަޕްގްރޭޑްކޮށް ލޯނަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

އެސްޑީއެފްސީގެ ޕޯޓަލް އަޕްގްރޭޑު ކުރަން ލޯނުތަކަށް އެދުމުގެ ފުރުސަތު މިދިޔަ ޑިސެމްބަރު މަހު މެދުކަނޑާލި އެވެ. ލޯންޗްކުރި އާ ޕޯޓަލްއާއެކު ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިއަދު އެވެ.

އާ ޕޯޓަލްއާއެކު ދަނޑުވެރި ނަފާ އަދި ކަނޑުފަޅު ނަފާ ލޯނުގެ އިތުރުން ފަށާ ވިޔަފާރި، ވިޔަފާރި ތަރައްގީ، ހަރުމުދާ، ވިޔަފާރި އެހީ އަދި ރަށު ފަތުރު ލޯނަށް އެދި ހުށަހެޅޭނެ އެވެ.

އެސްޑީއެފްސީ އިން ބުނި ގޮތުގައި ނޮވެމްބަރު 2020 ގައި ކަސްޓަމާ ސާވިސް ޕޯޓަލް ލޯންޗުކުރުމާއެކު މުޅިން އޮންލައިންކޮށް ލޯނަށް އެދި ހުށަހަޅާ ރާއްޖޭގެ ފުރަތަމަ މާލީ އިދާރާއަށް އެ ކޯޕަރޭޝަން ވެގެންދިޔަ އެވެ. މިއަހަރުގެ މާޗް މަހުގެ ނިޔަލަށް 1،387 ލޯނު އެޕްރޫވްކޮށްފައިވާއިރު އެއީ 1.67 ބިލިއަން ރުފިޔާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ލޯނުގެ އެކި މަރުހަލާތަކުގެ އަޕްޑޭޓް ބެލޭނެ އެވެ. ޕޯޓަލް މެދުވެރިކޮށް ލޯނާ ގުޅޭ ގޮތުން އެކި ކަންކަމުގައި އެހީތެރިކަން ލިބޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ކަސްޓަމަރުން ހިޔާރުކުރަން އެންމެ އެކަށޭނަ ލޯނު ދެނެގަތުމަށް އެހީތެރިވެދޭނެ ލޯން ޕްރޮޑަކްޓް ވިޒާޑެއް ޕޯޓަލްގައި ގާއިމުކޮށްފައިވާއިރު "ސާޗް" ފީޗާއެއްވެސް ވަނީ ތައާރަފުކޮށްފަ އެވެ.