އެސްއެމްއީ ވިޔަފާރި

ކުދި ވިޔަފާރިތަކަށް ލަފާދޭން 14 މެންބަރުންގެ ކައުންސިލެއް

Jul 26, 2021

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު ސިނާއަތް ތަމްސީލް ކުރާ ގޮތަށް މިނިސްޓަރަށް ލަފާ ދޭން 14 މެންބަރުންގެ ކައުންސިލެއް އުފައްދަން ލާޒިމް ވެއްޖެ އެވެ.

އެސްއެމްއީ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން މިގޮތުން އެކުލަވާލާ 14 މެންބަރުންގެ ކައުންސިލަކީ ވިޔަފާރި ތަރައްގީކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީގުކުރުމަށް އަމަލީގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައެޅުމުގައި އިިކޮނޮމިކް މިނިސްޓްރީއަށް ލަފާދޭ މައިގަނޑު ފަރާތެވެ. މި ކައުންސިލްގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

އެސްއެމްއީ ކައުންސިލް އެތުރޭނެ ގޮތް

  • އިކޮނޮމިކް މިނިސްޓަރު
  • ފިޝަރީޒް/ އެގްރިކަލްޗަރު މިނިސްޓަރު
  • ޓޫރިޒަމް މިނިސްޓަރު
  • ފިނޭންސް މިނިސްޓަރު
  • އަންހެން ވިޔަފާރިވެރިން ތަމްސީލުކުރާ މަންދޫބެއް
  • މަސްވެރިކަމުގެ ދާއިރާއިން މަންދޫބެއް
  • ދަނޑުވެރިކަމުގެ ދާއިރާއިން މަންދޫބެއް
  • ޓޫރިޒަމް ދާއިރާއިން މަންދޫބެއް
  • އައިޓީސީ ދާއިރާއިން މަންދޫބެއް
  • ޢިމާރާތްކުރުމުގެ ދާއިރާއިން މަންދޫބެއް
  • އެމްއެމްއޭ ފައިނޭންޝަލް ސެކްޓަރުގެ އިސް އޮފިޝަލެއް
  • މީރާގެ އޮފިޝަލެއް
  • ބީސީސީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނުވަތަ ސީއީއޯ
  • އެސްއެމްއީ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ނުވަތަ ސީއީއޯ

ގާނޫގައިވާ ގޮތުން މި ކައުންސިލުން ކޮންމެ ކުއާޓަރަކު ދެ ފަހަރު ބައްދަލުވުންތައް ބާއްވަން ޖެހެ އެވެ. އަދި މި ގާނޫނާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތި ކުރާ ގޮތަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

އެސްއެމްއީ ވިޔަފާރިތަކުގެ ގިންތިތައް

  • އެންމެ ކުދި: މުވައްޒަފުން ފަހެއް ( ޖުމްލަ އާމްދަނީ ފަސް ލައްކައާ ހަަމަށް، ސާފު ފައިދާ 75،000ރ. އާ ހަމައަށް)
  • ކުދި ވިޔަފާރި: މުވައްޒަފުން 6 އާއި 30 އާ ދެމެދު ( ޖުމްލަ އާމްދަނީ ފަސް މިލިއަނާ ހަމައަށް، ސާފު ފައިދާ 750،000ރ. ހަމައަށް
  • މެދު ފަންތި: 31 އާއި 100 އާ ދެމެދު ( ޖުމްލަ އާމްދަނީ 20 މިލިއަން ރުފިޔާއާ ހަމައަށް، ސާފު ފައިދާ ތިން މިލިއަން ރުފިޔާއާ ހަމައަށް

އެސްއެމްއީ ގާނޫނު މިހާރު އޮތް ގޮތުން މި ގިންތިތަކުގައި ހިމެނޭ ވިޔަފާރިތައް އެއް ގިންތިން އަނެއް ގިންތިއަށް ބަދަލުވާނެ އެވެ. ބަދަލު ވާނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން، ރަޖިސްޓްރާރަށް ހުށަހަޅާ ވިޔަފާރިތަކުގެ މައުލޫމާތުތަކަށް ރިއާޔަތްކޮށެވެ.