ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެސްއެމްއީ ބޭންކް

އެސްޑީއެފްސީ ވަރުގަދަވެ ބޮޑު ބޭންކްއަކާ ދިމާލަށް

އެސްއެމްއީ ބޭންކްގެ މެނޭޖިން ޑިރެެކްޓަރު އަހުމަދު ޒީނާދު އަވަސް އަށް އިންޓަވިއު ދެއްވަނީ-- ވީޑިއޯ: މުހައްމަދު ހުމާމް އަހުމަދު

ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ "ލުއި ފައިނޭންސް" ލިބެން ނެތުމެވެ. ބޮޑު ރަހުނަކާއެކު މާލީ ބާޒާރުން ފައިސާ ހޯދަން މަޖުބޫރުވުމެވެ. މިކަމުގެ ސަބަބުން ވިޔަފާރި ފަަށަން ވިސްނައި ނުފެށި އެތަށް ބަޔަކު އެ ވިސްނުން ދޫކޮށްލައިފި އެވެ. އަދި ފަށައި ހިންގަމުން ދިޔަ ގިނަ ވިޔަފާރިތަކެއް "ހުލި ވެގެން" ދިޔަ އެވެ. އެހެންވެ މި ތަޖުރިބާ އިން އިބުރަތް ހާސިލްކޮށް ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަކޮށް މާލީ އެހީދޭން ހާއްސަ ފައިނޭންޝަލް އިންޓިއުޓެއް، އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ނަމުގައި އުފައްދާފަ އެވެ.

"އެސްއެމްއީ ބޭންކް" ގެ ނަމުގައި މަގުބޫލުވެފައިވާ މި ފައިނޭންޝަލް އިސްޓިޓިއުޓް އުފެދުނުތާ ދެ އަހަރުވީއިރު މި "ބޭންކް" މިހާރު ވެފައިވަނީ ކުދި ވިޔަފާރި އަށް އޮތް "އުންމީދު" ގެ ގޮތުގަ އެވެ. ތިރީގައި އެވަނީ އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު އަވަސްގެ ބިޒްނަސް އެޑިޓަރު މުހައްމަދު އަފްރާހު އަށް ދެއްވާފައިވާ އިންޓަވިއުއެއްގެ ހުލާސާ އެވެ.

1
 

އެސްޑީއެފްސީ އުފެދުނުތާ ދެ އަހަރުވެއްޖެ، މި މުއްދަތުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮބައި ތޯ؟

އެސްއެމްއީ ބޭންކްއެއް އުފެއްދުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު. އެހެންވެ 2019 ގައި އިކޮނޮމިކް މިނިސްޓްރީގެ އިނީޝިއޭޓީވްއެއްގެ ދަށުން އެ އަހަރުގެ މާޗް 18 ގައި އޮޕަރޭޝަންތައް ފެށީ. ފެށިއިރު ވެސް ބޮޑު ތަރުހީބެއް ލިބުނު. އޭރު ހުރި ރިސޯސާ ނުބައްދަލު އެޕްލިކޭޝަން ލިބުނު. އެ އަހަރު [2019] ނިންމާލިރު ލޯނުގެ ގޮތުގައި ކަސްޓަމަރުންނަށް 100 މިލިއަން ދޫކޮށް އެއަށްވުރެ ގިނައިން އެޕްލިކޭޝަން ބަލައިގަތް

2
 

މިހާތަނަށް އެންމެ ގިނައިން ލޯނު ދެވިފައިވަނީ ރާއްޖޭގެ ކޮން ހިސާބެއްގައި ތިބި ވިޔަފާރި ތަކަކަށް ތޯ؟

ރާއްޖެ އުފެދިފައި އޮތް ގޮތުން އެންމެ ގިނަ ލޯނު ދޫކުރެވިފައިވާނީ މާލެ ސަރަހައްދާއި ކ. އަތޮޅަށް. އަދި ގއ. އާއި އައްޑޫ އަދި ލ. ވެސް ހިމެނޭ. އަނެއްހެން ރާއްޖޭގެ ހުރިހާ ހިސާބެއް ކަވަރު ކުރެއްވިއްޖެ. ޕްރޮޖެކްޓް ހިންގަން ލޯނު ދެވިއްޖެ. ސަތޭކަ އަށް ވުރެ ގިނަ ރަށުގަ ޕްރޮޖެކްޓްސް ހިންގަން ލޯނު ދެވިއްޖެ. އެޕްރޫއަލް އަށް ބަލާނަމަ 900 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ވެލިއު ހުރި ލޯނު އެޕްރޫވް ކުރެއްވިއްޖެ. މިއީ 781 ފަރާތް. މީގެތެއިން މިހާތަނަށް 500 މިލިއަން ރުފިޔާ ވަނީ ޑިސްޕާސް ކުރެވިފަ [ދެވިފަ] މިއީ ބޮޑު އެޗީވްމަންޓެއް. ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިން އެޕްލިކޭޝަންސް ފައިނޭންޝަލް އިންސްޓިޓިއުޓް އަކުން ބަލައިގަންނަން ފެށީ ވެސް އަޅުގަނޑުމެން. އެކަން މިހާރު މިދަނީ އެންހޭސް [ފުރިހަމަ] ކުރަމުން. ވަރަށް އުފާވެ، ގިނަ ވިޔަފާރި ތަކެއް ވުޖޫދަށް އަންނަތަން ފެނޭތީ.

3
 

އެސްޑީއެފްސީ އުފެދިފައިވަނީ ސިޓީ ކައުންސިލްތަކުގެ ފަސް ޕަސެންޓް ހިއްސާ އޮވެގެން. އެސްޑީއެފްސީއާ ގުޅިގެން ކައުންސިލް ތަކުން ކުރަނީ ކޮން މަސައްކަތެއް ތޯ؟ މި ހިއްސާގެ ސަބަބުން ކައުންސިލް ތަކަށް އޮތީ ކޮން ފައިދާއެއް ތޯ؟

ކައުންސިލް ތަކަށް ހިއްސާ ދިނީ ސަރުކާރުގެ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން. އެ ފަރާތްތަކަށް ޝެއާ ހޯލްޑަރެއްގެ ހައިސިއްޔަތުން ލިބެން ޖެހޭ ހުރިހާ ހައްގުތައް ލިބޭނެ. އޭޖީއެމްގައި ވެސް ބައިވެރިވެވޭނެ. އެސްޑީއެފްސީއަކީ ކުދި ވިޔަފާރި ތަރައްގީ ކުރާ ބައެއް. މިހާރު ކައުންސިލް ތަކަށް ވިޔަފާރި ވެސް ކުރެވޭނެ. އެހެންވެ ލޯނަށް އެދުމުގެ ފުރުސަތު އޮންނާނެ ކުރިއަށް އޮތްތަނުގައި ކައުންސިލް ތަކަށް ވެސް.

4
 

އިސްލާމިކް ފައިނޭންސްއަކީ ދުނިޔޭގައި އެންމެ މަގުބޫލު އެއް މޮޑެލް އެހެންވީއިރު އެސްޑީއެފްސީ އިން އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް ތަކެއް ނުރެނެނީ ކީއް ވެގެން ތޯ؟ މިފަދަ ޕްރޮޑަކްޓެއް ނެރޭނީ ކޮން ދުވަހަކުން ތޯ؟

އިސްލާއިކް ފައިނޭންސް ދަނީ ގްރޯވަމުން. ރާއްޖޭގައި އިސްލާމިކް ފައިނޭންސަށް އެކުއާމަންޓް އެބަހުރި. އެހެންވެ މިކަމަށް އިކޮނޮމިކް މިނިސްޓްރީ އާއި ބޯޑާ މަަޝްވަރާ ކުރެވިގެން، އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓެއް ނެރެން ބޭނުންވާ ވާހަކަ އެމްއެމްއޭގައި ދަންނަވާފައިވާނީ. އެ ބޭފުޅުން [އެމްއެމްއޭ] އިން އެބައޮތް ކުރިއަށް ގެންދަންވީ ގައިޑްލައިނެއް ވެސް ދެއްވާފަ. އެއާ އެއްގޮތަށް މަސައްކަތް ކުރަމުން މިދަނީ. ކުރި އަށް އޮތްތަނުގައި [އަންނަ އަހަރު] އިސްލާމިކް ފައިނޭންސިން ޕްރޮޑަކްޓެއް ފެނިގެންދާނެ.

5
 

ކޮވިޑުގެ ހާލަތުގެ ސަބަބުން ގެއްލުންވި ވިޔަފާރި ތަކަށް އެސްޑީއެފްސީ އިން ބޮޑު އެހީތެރިކަމެއް ދިން. މިހާލަތުގައި ކިހާ ލޯނެއް ދޫކުރެވުނު ތޯ؟

ދެހާސް ވިހިވަނަ އަހަރަކީ ދުނިޔެއާއި ރާއްޖެ އަށް ބޮޑެތި ގެއްލުންތަކެއްވީ އަހަރެއް. އެހެންވެ ސަރުކާރާ ގުޅިގެން ބޮޑެތި އެހީ ތަކެއް ކުދި ވިޔަފާރިތަކަށް ފޯރުކޮށްދެވުނު. އިކޮނޮމިކް މިނިސްޓްރީގެ އިނީޝިއޭޓިވްއަކާއެކު އަޅުގަނޑުމެން ހާއްސަ ޕްރޮޑަކްޓެއް ފަރުމާ ކުރެވުނީ އެސްއެމްއީސް ތަކަށް. މީގެ ދަށުން 380 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށް 360 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފަ. އެއީ 2000 މީހުން، މީގެތެރޭގައި 1400 ވިޔަފާރި އާއި 600 އަށްވުރެ ގިނަ ސެލްފްއެމްޕްލޯއިޑް [އަމިއްލަ މަސައްކަތް ކުރ ފަރާތްތައް] ވެސް ހިމެނޭ. މިއީ ބޮޑު އެޗީވްމަންޓެއް. އެންމެ ގިނައިން ލޯނު ދޫކުރެވިފައިވާނީ ގެސްޓްހައުސް ވިޔަފާރިއަށް.

އެސްޑީއެފްސީން ލޯނު ދޫކުރި ދާއިރާތައް

  • ދަނޑުވެރިކަން: 31 ލޯނު، އަގު 14 މިލިއަން
  • ކޮމާސް: 289 ލޯނު، އަގު 260 މިލިއަން
  • ކޮންސްޓްރަކްޝަން: 36 ލޯނު، އަގު 35 މިލިއަން
  • މަސްވެރިކަން: 118 ލޯނު، އަގު 201 މިލިއަން
  • މެނުފެކްޗަރިން: 70 ލޯނު، އަގު 64 މިލިއަން
  • ޓޫރިޒަމް: 151 ލޯނު، އަގު 280 މިލިއަން
  • ޓްރާންސްޕޯޓް: 70 ލޯނު، އަގު 104 މިލިއަން
1
 

މިހާރު އެސްޑީއެފްސީ ހިންގަނީ ދައުލަތުގެ ބަޖެޓުން ފައިސާ ޕަމްޕް ކުރާ ގޮތަށް. އެސްޑީއެފްސީ ފުލީ ބޭންކް އަކަށް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅުއްވަން ތޯ؟

އެސްޑީއެފްސީ އަށް އެމްއެމްއޭ އިން ދީފައިވަނީ ނޮން ބޭންކް ފައިނޭން އިންޝްޓިޓިއުޝަން ލައިސަންސެއް، މީގެ މާނައަކީ މި ވަގުތު ޑިޕޮސިޓެއް ނުނެގެއޭ. މިއާހެދިވެސް އެބަހުރި ޑިފިކަލްޓީސް. ހާއްސަކޮށް ލޯގް ޓާމްގައި ޑިޕޮސިޓްސް ނުނެގޭނަމަ ޑިޕާސްމަންޓްތައް ކިހިނެއްތޯ ކުރިއަށް ގެންދާނީ ؟ އަޅުގަނޑުމެންނަށް ވިސްނޭ ގޮތުގައި ސަރުކާރުން ބޮޑު އަހަމިއްޔަތު ކަމެއް ދީގެން އެސްޑީއެފްސީ އަށް ފަންޑުކޮށް ދެއްވާ. ކެޕިޓަލް އިންޖެކްޝަންސް ދެއްވާ. އެހެންވީމަ 3 ނޫނީ 4 އަހަރު ކެޕިޓަލް އިންޖެކްޝަން ލިބި. ޕޯޓްފޯލިއޯ ގްރޯ ކުރެވުނީމަ ރިޕޭމަންޓްސް މެދުވެރިކޮށްވެސް ލޯނު ދެވޭނެ. އެއާއެކު ޕޯޓްފޯލިއޯ ބޮޑުވީމަ އެކްސްޓާނަލް ފައިނޭންސިން ހޯދަންވެސް ފަސޭހަވާނެ. ބޭންކްއަކަށް ބަދަލު ކުރުމަކީ ސަރުކާރުގެ ވިސްނުން. ސީދާ އެސްޑީއެފްސީ ބަދަލު ކުރަން ވަކި ގޮތެއް ނުނިންމަވާ.

2
 

ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި އެއްވެސް މައްސަލައެއް އުޅޭ ތޯ؟

ދެހާސް ނަވާރަ ވަނަ އަހަރު ލޯނު ދީފަ 2020 ގައި ލޯނުތަކުގެ ޑިސްޕާސްމަންޓް ފާސްޓް މިނެޓެއްގައި ދާން ޖެހޭ އަހަރު. އެގޮތަށް ކަންތައް ނުވީމަ ޕްރޮޖެކްޓްސްތައް ޑިލޭވުމާ ކުރަން އުޅުނު މަސައްކަތުގެ އަގު ބޮޑުވުން ފަދަ މައްސަލަތައް ދިމާވި. އޭގައި އެހީތެރިކަން ފޯރުކޮށް ދޭން ފުރަތަމަ ހަ މަސް އޭގެ ފަހުން ހަތަރު މަހުގެ މޮރިޓޯރިއަމްއެއް [ލޯނު ފަސްކޮށް] ދިނިން. މި އަހަރުތެރޭގައި ލޯނުތައް ދައްކަން ފަށަން ޖެހޭ. ލޯނުތައް ދައްކަން ދަތިވާ ފަރާތްތަކަށް އަދިވެސް އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން. އިތުރު މުއްދަތެއް ބޭނުންވާނަމަ ގްރޭސް މުއްދަތެއްވެސް ދެން.

އެސްއެމްއީ ސެކްޓާއަކީ ރިސްކީ އޭރިއާއެއް. ބައެއް އާ ވިޔަފާރިތައް ނޫނީ ފަށައި ގަނެގެން އޮންނަ ވިޔަފާރިތައް. އެހެންވީމަ ބައެއް ބޭޑް ލޯނުތައްވެސް އުޅޭ. ކޮންމެވެސް ވަރެއްގެ ދަތިތަކެއް ވެސް އެބަހުރި ލޯނު ދެއްކުމުގައި. އިކޮނޮމީ މުޅިން ރަނގަޅު ނުވީމަ ދަތިތަކެއް އެބަހުރި.

3
 

އާއްމުންނަށް އިތުރަށް ހިއްސާ ވިއްކުމުގެ ވިސްނުން އެސްޑީއެފްސީ އިން ގެންގުޅުއްވަން ތޯ؟

ހުރިހާ ފައިނޭންޝަލް އިންސްޓިޓިއުޓްތައް ވެސް ވަކި ވަރަށްވުރެ ގްރޯވީމަ ޕަބްލިކަށް ދިއުން ރަނގަޅު. އެކަމަކު އަދި އެސްޑީއެފްސީ ޕަބްލިކަށް ދާން ތަންކޮޅެއް އަވަސް ކަންނޭނގެ. ޕަބްލިކްގައި އެކުޅޭ ދައުރާ ޕަބްލިކަށް ދެއްކޭނެ ރިޒަލްޓެއް ފެނިގެން ކަންނޭނގެ ޕަބްލިކަށް ދާންވާނީ.

4
 

ލޯނު ދިނުމުގައި ވަކި ބަޔަކަށް އިސްކަން ދިނުން ފަދަ ކަންކަން ގެންގުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރޭ. މިކަމާ ބެހޭ ގޮތުން ވިދާޅުވާނީ ކީކޭ ތޯ؟

ތިއީ ތެދު ވާހަކައެއް ނޫން. އެސްޑީއެފްސީއަކީ އެމްއެމްއޭ އިން ރެގިއުލޭޓް ކުރާ އިންސްޓިޓިއުޝަންއެއް. އެމްއެމްއޭގެ ކޯޕަރޭޓް ގަވަނަންސް އަށް އަޅުގަނޑުމެން ތަބާވާން ޖެހޭ. ހަމައެއާއެކު ޕީސީބީގެ ކޯޕަރޭޓް ގަވަނަންސް ތަކަށް ވެސް ތަބާވާން ޖެހޭ. އެއާއެކު ވަކި ފަންގްޝަން ތަކެއް ވެސް އެބަޖެހޭ އިންސްޓިޓިއުޝަންގައި ސެޓް ކުރަން. އެގޮތުން އިންޓާނަލް އޮޑިޓާއި ރިސްޓް ފަންގްޝަންސް ހިމެނޭ. ހަމައެއާއެކު ލޯނު ކްރެޓިޓް އިވޭލުއޭޝަނާއި ލޯނު އެޑްމިނިސްޓްރޭޝަން ވެސް އޮވޭ. މި ބައިތައް ވަކިވާން ޖެހޭ.

މީގެ މާނައަކީ ލޯނު އެޕްރޫވަލްސްއާ ހުރިހާކަމެއް އެއްބައެއްގެ އަތްމަތީގައެއް ނޫނޭ އޮންނާނީ. އަޅުގަނޑުމެން 2019 ގައި ލޯނުތައް ބަލައިގަތްއިރު ލަސްވި. އޭރު 6 މަސްވަރު ލަސްވި. އޭރު ޑިލޭސް ތަކެއް އައީމަ އަޑުތައް ފެތުރުނީ. ލޯނެއް ދޭއިރު ބަލާ މިންގަނޑު ތަކެއް އެބަހުރޭ އެ މިންގަނޑުތަކަށް ފިޓުވާނަމަ ލޯނު ދޫކުރާނީ. މިންގަނޑު ތަކަށް ފިޓުނުވާނަމަ ލޯނެއް ނުލިބޭނެ

5
 

ލޯނު ނަގަން ބޭނުންވާ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައި ތޯ؟

ބުނަން ބޭނުންވަނީ ޑޮކިއުމެންޓްތައް ހަމަ ކުރާށޭ. ބޭނުންވާ ހުރިހާ ޑޮކިއުމެންޓްތަކުގެ މައުލޫމާތު ވެބްސައިޓުގައި ހުންނާނެ. ޑޮކިއުމެންޓް ޗެކްލިސްޓެއް އިންނާނެ. އެއާއެކު ކޯލްސެންޓަރުގެ ނަމްބަރު 1613 އިންވެސް ލިބޭނެ. އެ ސެންޓާއަށް ގުޅައިގެންވެސް މައުލޫމާތު ސާފު ކުރެވޭނެ. ތިމަންނައަށް އެންމެ ރަނގަޅު ޕްރޮޑަކްޓް ތޯ ނުވަތަ ނޫންތޯ ޔަގީން ކުރުން. އަނެއް ކަމަކީ ކުރަން އުޅޭ ކަމަކީ ކިހާވަރެއްގެ ނަފާއެއް ލިބޭ ކަމެއް ތޯ؟ މިސާލަކަށް ފަސް މިލިއަން ލޯނެއް ނަގާނަމަ ރަނގަޅު ނަފާއެއް ލިބެންވާނެ. އެއާ ނުބައްދަލު ދަަށް ނެރެވިއުއެއް ލިބޭނަމަ އެ ލޯނެއް ދުލެއް ނުކުރެވޭނެ. ހާއްސަކޮށް އަލަށް ފަށާ ވިޔަފާރިއެއްނަމަ ފަންޑިން އަށް ދިއުމުގެ ކުރިން އެކަމުގައި ކުރި ދަތިތައް ރަނގަޅަށް އެގުން މުހިންމު