ރިޕޯޓް

ޓޫރިޒަމް 20 އިސްލާހުގެ ބަދަލަކީ ކޮބާ؟

ރާއްޖޭގައި 1972 ވަނަ އަހަރު އުފެދުނު ފުރަތަމަ ރިސޯޓާއެކު، ރާއްޖެ ދުނިޔޭގެ ބްރޭންޑަކަށް ބަދަލުވި އެވެ. ދުނިޔެއަށް ރާއްޖެ މަޝްހޫރު ވެގެން ދިޔައީ، "ދުނިޔެ މަތީގެ ސުވަރުގޭ" ގެ ގޮތުގަ އެވެ. އެހެންވެ ޓޫރިޒަމް ސިނާއަތުގައި އިންވެސްޓް ކުރާ މީހުންގެ އަދަދު އިތުރު ވެގެން ދިޔަ އެވެ. މިހާރު ރާއްޖޭގައި 150 ރިސޯޓެއް ހިންގާއިރު، މި އިންވެސްޓްމަންޓްތަކުގެ އަގު އެތަށް ބިލިއަން ޑޮލަރަކަށް އަރަ އެވެ. ރާއްޖޭގައި ވެރިކަން ކުރި ސަރުކާރުތަކުން އަބަދު ވެސް ވިސްނީ މި ސިނާއަތުގައި ކުރު މަގަކުން ގޮސް ފައިސާ ހޯދާށެވެ.

ވިސްނުމުގައި ހުންނަނީ ވެސް އެކަމެވެ. އެންމެ ފަސޭހައިން ފައިސާ ހޯދޭނެ ގޮތަކީ މި ސިނާއަތުގެ ރާޒުވާ ކުޅިބައި އެކި ތަންތަނަށް ބަދަލު ކޮށްގެންނެވެ. މި ސަރުކާރުން ވެސް މިފަދަ ބަދަލެއް ގެންނަން މަސައްކަތް ފަށާފަ އެވެ. "ފަސޭހައިން ފައިސާ ހޯދަން" ސަރުކާރުން މިވަނީ ޓޫރިޒަމް ގާނޫނަށް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ފަށާފަ އެވެ. އެކަމަކު މި ބަދަލުން އަންނާނީ ފެންނާނީ ކޮން ކަމެއް ހެއްޔެވެ؟ ގުޅިފައިވަނީ ކޮން ކަމަކާ؟

ޓޫރިޒަމް ގާނޫނު ބަދަލު ކުރުން ގޮސް ޖެހެނީ އަންނަ އަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓާ އެވެ. ދަރަނި ބޮޑު، އާމްދަނީގެ މަގުތައް އަމުދުން ނެތް މި ބަޖެޓަށް ފައިސާ ހޯދަން ޓޫރިޒަމް ގާނޫނު ބަދަލު ކުރުމުގެ މައިގަނޑު ބޭނުމަކީ މިއެވެ. އެހެންވެ އަންނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދަން ކުރު ގަޅުވާލައިގެން ޓޫރިޒަމް ގާނޫނަށް 20 އިސްލާހެއް ގެންނަން ހުށަހަޅާފައިވެ އެވެ. މިގޮތުން ގެންނަ އެންމެ ބޮޑު ބަދަލަކީ ރާއްޖެއަށް ރިއަލް އެސްޓޭޓް ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމެވެ. ސަރުކާރުން އަންދާޒާ އަކީ ބަޖެޓަށް 154.2 މިލިއަން ރުފިޔާ އިތުރަށް ހޯދުމެވެ. މި ބަދަލާއެކު ރާއްޖޭގައި ޕްރައިވެޓް އައިލެންޑް ހެދުމާއި މަހުޖަނުންނަށް ސެކަންޑް ހޯމް ނުވަތަ އަމިއްލަ ގެއެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. ހއ. އަތޮޅު ދައްޕަރުގައި ސެކަންޑް ހޯމް ތަކެއް ހަދަން ނިންމާފައިވާ ކަމަށް މިހާރުވެސް ވަނީ ބުނެފަ އެވެ.

މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް މިނިސްޓަރު ކަމަށްވާ އިކޮނޮމިކް މިިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވާ ގޮތުގައި ސެކްންޑް ހޯމްގެ ގޮތުގައި ހަދަނީ ބޭރުގެ މީހުންނަށް ވިއްކާ ލަގްޒަރީ އެޕާޓްމެންޓް ތަކެކެވެ.

"މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮށް އުޅޭ ކަމެއް. އަޅުގަނޑުމެންނަށް ފެންނާނެ އެއީ ދުނިޔޭގައި ކާމިޔާބު މޮޑެލެއްކަން މިހާރު އޭގެ މަޝްވަރާތައް ވެސް ކުރި އަށް އެބަދޭ ވަރަށް ބާރަށް،" ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުގެ އަންދާޒާއަކީ ޕްރައިވެޓް އައިލެންޑަކަށް މަދުވެގެން 15 މިލިއަން ޑޮލަރުގެ އެކުއިޒިޝަން ކޮސްޓެއް ލިބުމެވެ. ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި ޕްރައިވެޓް އައިލެންޑް ކޮންސެޕްޓް ސަރުކާރުން ހުށަހަޅާފައި ވާނީ، ދައުލަތުގެ ދަރަނި ބޮޑުވެ، ވީ އެންމެ އަވަހަކަށް އާމްދަނީ އިތުރު ކުރަންޖެހިފައި ވާތީ އެވެ.

"ޕްރައިވެޓް އައިލެންޑް ބޮޑެތި މުއްސަނދިންނަށް، ޓޫރިޒަމް ބޭނުމަކަށް ނޫން، މި ގާނޫނުން މިދެނީ، އެ މީހުންގެ އަމިއްލަ ބޭނުމަށް،" ފައްޔާޒް ވިދާޅުވި އެވެ.

މި ކަން ކުރަން ފަހި ކުރުމުގެ ގޮތުން އިމިގްރޭޝަން ގާނޫނު ވެސް ވަނީ އިސްލާހު ކޮށްފަ އެވެ. އިމިގްރޭޝަން ގާނޫނު މިހާރު އޮތް ގޮތުން ސަރުކާރުން ކަނޑައަޅާ ވިޔަފާރި އަކަށް 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑެތި އަދަދުތަކުން އިންވެސްޓް ކުރާ ފަރާތް ތަކަށް ހާއްސަ އިނާޔަތްތަކާއެކު ރެޒިޑެންސް ވިސާ ލިބޭނެ އެވެ. ކުރިން އޮތް 50 މިލިއަން ރުފިޔާގެ ލިމިޓް ކޮޑަކޮށްފައި ވަނީ "ގޮތް ހުސްވެގެން" ނެވެ- މި ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ދަށުން ރާއްޖޭގައި މަހުޖަނުނަށް އަމިއްލަގެ އެޅުމުގެ މަގު ފަހިވާނެ އެވެ.

މި ސަރުކާރުގެ ވެރިން ދެކޭ ގޮތުގައި މި ބަދަލުތަކާ މެދު ޓޫރިޒަމް ވިޔަފާރި ވެރިން ތިބީ އުފުލުން ފޮޅިފަ އެވެ. ބައެއް ވިޔަފާރިވެރިން ވެސް ދެކެނީ އެގޮތަށެވެ. މީގެ ސަބަބުން ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދާނެ އެވެ.

ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހުތަކާއެކު ރާއްޖޭގައި "އިންޓަގްރޭޓެޑް ޓޫރިޒަމް" ފައްކާ ކުރަން މަގު ފަހިވާނެ އެވެ. ރާއްޖޭގައި އިންޓަގްރޭޑެއް ޓޫރިޒަމް ޕްރޮޑަކްޓަ ތަކެއް ތައާރަފު ކުރަން މިދިޔަ ސަރުކާރުން ވެސް މަސައްކަތް ކުރި އެވެ. އެކަމަށްޓަކައި ލ. ބަރެސްދޫގައި ބޮޑު މަޝްރޫއެއް ވެސް ފެށި އެވެ. ނަމަވެސް ކުރިއަށް ގެންދެވޭ ގޮތް ނުވެ އެ މަޝްރޫއު އޮތީ "ގާވެފަ" އެވެ.

ޓޫރިޒަމް ގާނޫނަށް މިހާރު ގެންނަ ބަދަލާއެކު އިންޓިގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ފަށައި، ރަށްތަކާއި ފަޅުތަކުގައި އެހެން ފަރާތްތަކާއެކު ވިޔަފާރި ކުރުމުގެ މަގު ފަހި ވެގެން ދާނެ އެވެ. އަދި ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތް ތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލަން ފުރުސަތު ލިބޭނެ އެވެ.

ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ޓޫރިޒަމް ގާނޫނު އިސްލާހު ކުރުމުން ޓޫރިޒަމަށް ދޫކޮށްފައިވާ 85 ރަށް އަލުން މާކެޓަށް ނެރެން މަގު ފައިވާނެ އެވެ، ރަށްތައް ނުހެދި ތިބި ފަރާތް ތަކަށް ރަށުން ބައެއް ދޫކޮށްލައިގެން އެ ރަށަށް އިންވެސްޓަރެއް ހޯދުމުގެ މަގު ފަހިވާނެ އެވެ.

ރާއްޖޭގައި މިހާރު ޓޫރިޒަމް ބިމު ކުލި އެތުރިފައިވާ ގޮތަށް ވެސް މި އިސްލާހުތަކާއެކު ބޮޑު ބަދަލެއް އަންނާނެ އެވެ. ބިލް މިހާރު ފަރުމާކޮށްފައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ތަންތަކުގެ ކުލި ކުޑަ ވާގޮތަށް އެވެ. ސަރުކާރުން ބުނަނީ މި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށެވެ. އެކަމަކު މި ބަދަލަށް ފާޑު ކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި މި އިސްލާހުތަކާއެކު ޓޫރިޒަމުން ލިބޭ އާމްދަނީ ބޮޑު ތަނުން ދަށް ވެގެން ދިއުމުގެ ފުރުސަތު އެބައޮތް އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި އިގުތިސޯދީ ގޮތުން ދަތި ދަނޑިވަޅެއްގައި ދައުލަތަށް ޔަގީން ކަމާއެކު އާމްދަނީ ލިބެން އޮންނަނީ ޓޫރިޒަމްގެ ބިމު ކުލިންނދވެ. މި ބިލާއެކު ސަރުކާރަށް ދައުލަތަށް ލިބެން ޖެހޭ 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން ދާނެ އެވެ.

"ދެން މި ބުނަނީ އަޅުގަނޑުމެން ލަފާކުރަމޭ ފަޅުން ފަޅު ވިއްކައިގެން ގޯތިން ގޯތި ވިއްކައިގެން މިވެނިވަރެއް ލިބޭނެ ކަމަށް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.