ޓޫރިޒަމް ސިނާއަތުން އަބަދުވެސް ސާވިސް ޗާޖު ނަގަ އެވެ. އަދި ގިނަ ރިސޯޓުތަކުން ބަހަ އެވެ. ނަމަވެސް މިއީ މި ސިނާއަތުގައި އަބަދުވެސް އެންމެ ޝަކުވާ ބޮޑު އެއް މައްސަލަ އެވެ. އެހެންވެ ރިސޯޓު މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މައްސަލަ ހައްލު ކުރަން ސަރުކާރުގެ ވިސްނުމަށް އައި ގޮތަކީ އެކަން މަޖުބޫރުކޮށް ގާނޫނެއް ލިއުމެވެ. އެހެންވެ އަވަސް އަރުވާލައިގެން ގެނައި ބަދަލާއެކު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓް ނަގަން ގާނޫނަކުން މިވަނީ މަޖުބޫރުކޮށްފަ އެވެ.
މީގެ މާނައަކީ ސާވިސް ޗާޖު ނުނަގައިފިނަމަ އެ ބަޔަކު އެ ފެތެނީ ރަނގަޅު ގާނޫނީ މަޅި އަކަށެވެ. އެކަމަކު މަޖުބޫރު ކުރާ ސާވިސް ޗާޖުން ނަތީޖާއެއް ނެރެވޭނެ ހެއްޔެވެ؟ ސާވިސް ޗާޖު ނުދޭ ތަންތަނުން ސާވިސް ޗާޖު ނެގޭނެ ހެއްޔެވެ؟ މިކަން ބަލާނީ ކިހިނެއް ހެއްޔެވެ؟ މިއީ ވެސް އާއްމު އެހެން ބަދަލުތަކޭ އެއްގޮތަށް ފޫނެތް ފަޔަކަށް ފެން ފުރުން ފަދަ ކަމަށް ނުވާނެ ހެއްޔެވެ؟ ނޫނީ މިއީ ޓޫރިޒަމް މުވައްޒަފުންގެ ލޮލުގައި އެޅުވި އަނދުނެއް ހެއްޔެވެ؟
"ސާވިސް ޗާޖު ނަގަން މަޖުބޫރު ކުރުމުން އަންނާނެ ބަޔަކު އެނގޭނީ ދުވަސްކޮޅެއް ފަހުން. އަދި ބުނަން ދަތި މިހާރު މި ފެންނަނީ [ޑިސެމްބަރު މަހު ސާވިސް ޗާޖު] އަކީ ސާވިސް ޗާޖު ނަގަން މަޖުބޫރު ކުރީމަ ފެންނަ އަދަދެއް ކަމަށް،" ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޖެނެރަލް ސެކެޓްރީ މައުރޫފު ޒާކިރު ވިދާޅުވި އެވެ.
ނިމިދިޔަ ޓޫރިޒަމްގެ ސީޒަން އަށް ބަލާނަމަ ރާއްޖޭގައި ހިންގާ ބޮޑެތި ޓޫރިޒަމް ބްރޭންޑް ތަކުން ރަނގަޅު ސާވިސް ޗާޖެއް ދީފައިވެ އެވެ. ބައެއް ތަން ތަނުން 3،000 ޑޮލަރު ނުވަތަ މިހާރު ޑޮލަރު މާރު ކުރާ ރޭޓުން ބަލާނަމަ ބައި ލައްކައެއްހާ ރުފިޔާގެ ބޮޑު ސާވިސް ޗާޖެއް ދިނެވެ.
ޓޫރިޒަމް މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ، ޓީމް އިން ވާހަކަ ދެއްކި މައުރޫފު ވިދާޅުވި ގޮތުގައި މި އަހަރު ސާވިސް ޗާޖު މަތިވުމުގެ މައިގަނޑު ސަބަބަކީ މުވައްޒަފުން މަދުވުމެވެ. އެހެންވެ ރިސޯޓު ތަކުން ބެހި އަދަދު މަތިވީ ކަމަށް ދެއްކީ އެވެ.
"ބައެއް ރިސޯޓު ތަކުން މުވައްޒަފުން ނޯޕޭއަށް ފޮނުވާލި. އަދި ވެސް ބައެއް މުވައްޒަފުން ނުނެރޭ. މުވައްޒަފުން މަދު ވެސް ކުރި. އެހެންވެ މަދު މުވައްޒަފުންނާއެކު ހިނގި ދުވަސްވަރެއްގައި މިވަރުގެ ސާވިސް ޗާޖެއް މި ދެވުނީ. ހަގީގަތުގައި މިދިޔައީ ޓޫރިޒަމަށް އަންނާނެ އެންމެ ރަނގަޅު ދުވަސްވަރު،" މައުރޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިސޯޓުތަކުން ނަގާ ސާވިސް ޗާޖު ރަނގަޅަށް ބަހާތޯ ޓީމުން ފާރަލާނެ އެވެ.
"ކުދި ރިސޯޓު ތަކުން ވެސް ސާވިސް ޗާޖު ނަގާ. އެ ބަހާތޯ މިދަނީ ބަލަމުން،" މައުރޫފު ވިދާޅުވި އެވެ.
ބައެއް ރިސޯޓު ތަކުން ބޮޑު ސާވިސް ޗާޖެއް ދިންއިރު، ބައެއް ބޮޑެތި ގެސްޓްހައުސް ތަކުން ވެސް ސާވިސް ޗާޖު ދިނެވެ. މިފަދަ އެއް ތަނަކީ ކާނި ހޮޓެލްސް އެވެ. އެ ހޮޓަލުގެ ސީއީއޯ އަބްދުﷲ ނަޝީދު ވިދާޅުވީ ސާވިސް ޗާޖު ދޭތާ އަށް އަހަރު ވެއްޖެ އެވެ.
"މިދިޔަ މަހު ވެސް މިތަނުގައި އުޅޭ 100 އެއްހާ މުވައްޒަފުންނަށް ކޮންމެ މީހަކަށް 3،500ރ. ސާވިސް ޗާޖަށް ލިބޭނެ. އަޅުގަނޑުމެންނަށް ރިސޯޓުތަކުގެ ގޮތަށް ޑޮލަރުން ބައި ލައްކަ ރުފިޔާ ނުދެވި ދާނެ. އެކަމަކު ސާވިސް ޗާޖު ދެމުން މި ގެންދަނީ،" އަބްދުﷲ ވިދާޅުވި އެވެ.
މަޖުބޫރު ސާވިސް ޗާޖެއް ޓޫރިޒަމް ސިނާއަތުގެ ބޮލުގައި އަޅުވާފައިވާއިރު، ޓޫރިޒަމް ސިނާއަތުގެ ބައެއް ވިޔަފާރި ތަކަށް މިކަން ވަނީ މި ހާލަތުއި އޮތް ވޭނަކަށެވެ. އަދި މިހާރު ގެނެސްފައިވާ ބަދަލާއެކު ސާވިސް ޗާޖު ނަގަން ޖެހޭ ގޮތް "ސާފު ނުވާކަމަށް" އިންޑަސްޓްރީންގެ ބައެއް ފަރާތް ތަކުން ބުނެ އެވެ.
ކާނި އަބްދުﷲ ވިދާޅުވި ގޮތުގައި ބޮޑެތި ގެސްޓްހައުސް ތަކުން ސާވިސް ޗާޖު ނެގި ނަމަވެސް ކުދި ތަންތަނުން ނުނެގޭނެ އެވެ.
"ކުދި ތަންތަނުން ސާވިސް ޗާޖު ނަގަން ފަށައިފިނަމަ ވިޔަފާރި ހަލާކު ވާނެ. އެ މީހުންނަށް އެކަމެއް ނުވާނެ. އަނެއްކާ ސާވިސް ޗާޖު މަޖުބޫރު ކުރުވާފައި މިއޮތީ ވެސް ގޯސް ހާލަތެއްގައި. ހާލަތަށް ބަލައި 2022 ޖެނުއަރީ އަށް ފަސްކޮށް ދިން ނަމަ ވަރަށް ރަނގަޅުވީސް،" އަބްދުﷲ ވިދާޅުވި އެވެ.
ސާވިސް ޗާޖު ނުދީފިނަމަ އަދަބު ބޮޑު
މިހާރު އޮތް ގޮތުން ސާވިސް ޗާޖު ނުދީފިނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް ލިބެ އެވެ. އަދި ޓޫރިޒަމް ވިޔަފާރިތަކުން ސާވިސް ޗާޖު ނުނަގާ ނަމަ ނުވަތަ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސާވިސް ޗާޖު ނުބަހާނަމަ ވަޒީފާ ދޭ ފަރާތްތައް 100،000 ރުފިޔާ އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މަޖުބޫރު ކުރުވުމުން ނަގާފައި ދޭނެ އެވެ. އެކަމަކު ސާވިސް ޗާޖު ދޭން ޖެހޭނެ ގޮތާއި މިކަން ކުރާނެ ގޮތް މިހާރަށްވުރެ ސާފުކޮށް ދޭން ޖެހެ އެވެ.
"މަޖުބޫރު ކުރުވިއަސް މިކަން ޑިފައިންއެއް ނުވޭ. ސާފެއް ނުވޭ. ހަމަ ގާނޫނަށް ބަދަލެއް ގެންނާއިރު އެބަޖެހޭ ދެކޮޅު ޖެހޭ ކަމަށް ވާން. ނިކަން ސާފުކޮށް އެނގެން ޖެހޭ މިކުރެވެނީ ކީއްކަން. މިސާލަކަށް ސަފާރީ އުޅަނދު ފަހަރު. ރާއްޖޭގެ 90 ޕަސެންޓް ސަފާރީ މި ހުންނަނީ މަހަކު 30،000 ނޫނީ 40،000 ޑޮލަރަށް ބޭރު މީހުންނަށް ކުއްޔަށް ދީފަ. ސުވާލަކީ ސަފާރީ ތަކުން ސާވިސް ޗާޖު ނަގަން ޖެހޭނީ ކުއްޔަށް ނެގި މީހާ ހޭ ނޫނީ އޮޑީގެ އޯނަރުހޭ. މިވެސް ސާފުވާ ކަމެއް ނޫން،" ވާހަކަ ދެއްކި އެއް ބޭފުޅަކު ވިދާޅުވި އެވެ.
ސާވިސް ޗާޖަކީ ދޭ ހިދުމަތުން ނަގާ އެއްޗެއް ހެއްޔެވެ؟ ނޫނީ ހަމަ ކޮންމެ ވިޔަފާރިއަކުން ވެސް ސާވިސް ޗާޖު ނަގަން ޖެހޭނެ ހެއްޔެވެ؟ މި ހަމައެކަނި ޓޫރިޒަމް ސެކްޓާ އިން ނަގަން މަޖުބޫރު ވަނީ ކީއްވެ ހެއްޔެވެ؟ ޓޫރިޒަމް މިހާރު އިންޑަސްޓްރީ އޮތް ގޮތުން ސާވިސް ޗާޖުގެ ފައިދާ ލިބޭނީ ދިވެހިންނަށް ހެއްޔެވެ؟
ޓޫރިޒަމް އިންޑަސްޓްރީ ބާއްވާފަ އެހެން ވިޔަފާރި ތަކުން ވެސް ސާވިސް ޗާޖު ނަގަ އެވެ. މާލޭގެ ބައެއް ރެސްޓޯރެންޓު ތަކުން ވެސް ސާވިސް ޗާޖު ނަގަަ އެވެ. އެހެންވީއިރު މި ތަންތަނުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ލިބެން ނުޖެހޭނެ ހެއްޔެވެ؟
ރާއްޖޭގައި ސަފާރީ ދުއްވާތާ ގިނަ ދުވަސްވެފައިވާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ގިނަ ސަފާރީތަކުގެ މުވައްޒަފުންނަކީ މިހާރު ބިދޭސީންނެވެ. އެހެންވެ މި ސާވިސް ޗާޖުގެ ސަބަބުން ދިވެހިންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
"އަޅުގަނޑުމެން ވާނެ ގިނަ އިން ދިވެހިން ގެންގުޅޭ ބަޔަކަށް. އެހެންވެ އަޅުގަނޑުމެންގެ ސްޓާފުންނަށް ރަނގަޅު ވާނެ. އެކަމަކު ގިނަ އުޅަނދު ފަހަރުގައި ގިނައީ ބިދޭސީން. އެހެންވެ މީގެ ފައިދާ ދާނީ ބޭރަށް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
"ޓޫރިޒަމް ރޭޝިއޯ މިއޮތީ 70 ޕަސެންޓް ބޭރު މުވައްޒަފުން. ދިވެހިންގެ 30 ޕަސެންޓް. ދިވެހިން ގިނަ ނަމަ ކިތަންމެހާ ވެސް ރަނގަޅުކަމެއް މިއީ. ދިވެހިން ގިނަނަމަ މިއީ ރިސޯޓުގެ ހިއްސާ ދިނުން ފަދަ ކަމެއް،" ސަފާރީ ވިޔަފާރީގައި އުޅޭތާ ގިނަ ދުވަސްވީ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
ސާވިސް ޗާޖު ނަގަން މަޖުބޫރު ކުރުވިއަސް އަދި ނުފުދެ އެވެ. އެކަން ކުރެވޭނެ ގޮތް ވެސް ސާފުކޮށް ބުނެދޭން ޖެހެ އެވެ. ނަމަވެސް މިހާރު އޮތް ގޮތުން މިކަން ރަނގަޅަށް ސާފެއް ނުވެ އެވެ.
ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފު ވިދާޅުވި ގޮތުގައި ސާވިސް ޗާޖު ނެގުން ފުރިހަމަ ކުރަން އިތުރު ގަވާއިދުތައް ބޭނުންވެ އެވެ. މިކަން ފުރިހަމަވާނީ އޭރުންނެވެ.
"އިކޮނޮނިމިކް މިނިސްޓްރީ އާއި އެލްއާރުއޯ އިން ވެސް އެބަޖެހޭ މީގެ ގަވާއިދެއް ހަދަން. އޭރުން މި ފުރިހަމަވާނީ،" މައުރޫފު ވިދާޅުވި އެވެ.