ސާވިސް ޗާޖް

ބޮޑު ސާވިސް ޗާޖު ؛ ސްލިޕުގެ އަނެއް ފުށް

ރާއްޖޭގެ ޓޫރިޒަމަށް ބައިގަރުނު ވެގެންދާއިރު ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންގެ ޝަކުވާތައް އޮތީ ފުނިޖެހިފަ އެވެ. ހާއްސަކޮށް މި ދާއިރާގައި މަސައްކަތް ކުރާ މި ގައުމަށް އުފަން، ދިވެހި ނޫކަށި ޒުވާނުން އަބަދު ވެސް "ކުސް ތެޅުން ނޫން" ހައްގު މިންވަރެއް ނުލިބުމަކީ ޝަކުވާ އެވެ. ޓޫރިޒަމް ރަނގަޅުވީނަމަވެސް ހެޔޮވަރުގެ ސާވިސް ޗާޖެއް ނުލިބުމަކީ ދާއިމީ ޝަކުވާ އެކެވެ. ނަމަވެސް 10 ޕަސެންޓުގެ ސާވިސް ޗާޖެއް ހުރިހާ ހިދުމަތަކުން ނަގަން ނަގަން ގާނޫނުން މަޖުބޫރު ކުރުންވީ ގިނަ ބަޔަކު އުފަލުން ފޮޅުނު ކަމަކަށެވެ. މިއާއެކު ދުރުގައި ބަލަން ތިބޭއިރު ބޮޑު ސާވިސް ޗާޖެއް ބަހަން ފެށި މަންޒަރު ފެންނަން ފަށައިފި އެވެ. ކުއްލި އަކަށް ގިނަ ރިސޯޓު ތަކުން ސާވިސް ޗާޖު ބޮޑު ވެއްޖެ އެވެ.

ހަގީގަތުގައި ވެސް ރިސޯޓު ތަކުން ބޮޑު ސާވިސް ޗާޖެއް ދޭން ފެށީ ހެއްޔެވެ؟ މިހާރު އިއުލާނު ކުރާ ސާވިސް ޗާޖު ސްލިޕުގެ އަނެއް ފުށުގައި އޮތީ ކޮންމެ އެއްޗެއް ހެއްޔެވެ؟ މީގައި ސިއްރެވޭ ހެއްޔެވެ؟

"ރިސޯޓު ތަކުން އަބަދު ވެސް ސާވިސް ޗާޖުދޭ. އެކަމަކު މިހާރު ބަހާ ގޮތަށް ސާވިސް ޗާޖެއް ނުބަހާ ދުވަހަކު ވެސް. ގިނަ ތަންތަނުން ސާވިސް ޗާޖު ދޭން ޖެހޭނީ ތަފާތު އުކުޅުތައް އެބަ ބޭނުން ކުރޭ،" ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ރިސޯޓެއްގެ ސީނިޔަ މަގާމެއްގައި މިހާރު ވެސް ހުރި ވެރިއަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

މިއީ މިހާވަރެއްގެ ހަގީގަތެއް ހުރި ވާހަކައެއް ހެއްޔެވެ؟ މިހާރު ސާވިސް ޗާޖު ބަހަން ބޭނުން ކުރަނީ ކޮން އުކުޅެއް ހެއްޔެވެ؟ އޮޅުވާލައިގެން ސާވިސް ޗާޖުގެ ބޮޑު ނަމްބަރު ބޮޑު ކުރެވިދާނެ ހެއްޔެވެ؟

ބޮޑު ސާވިސް ޗާޖު ދައްކަން ބޮޑު ވާދަވެރިކަމެއް

ރިސޯޓު/ ޓޫރިޒަމް ސިނާއަތުން ސާވިސް ޗާޖުގެ ގޮތުގައި ދޭ އަދަދަކީ ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ނަމްބަރެއް ނޫނެވެ. މިނިސްޓްރީއަށް ސާވިސް ޗާޖެއް ބުނާއިރަށް އަޑު ނީވޭ ކަމަށް ހަދައިގެން ހުންނަނީ އެވެ. މިހާރު އާއްމުވަމުންދާ ސާވިސް ޗާޖުގެ ނަމްބަރު ތަކަކީ އެކި ރިސޯޓުތަކުގެ މުވައްޒަފުންދޭ މައުލޫމާތުގެ މައްޗަށް
ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބުރަ މަސައްކަތުން އާއްމު ކުރާ އެއްޗެކެވެ. އެހެންވެ ރާއްޖޭގައި އޮޕަރޭޝަނުގައި 150 އަށްވުރެ ގިނަ ރިސޯޓު އޮތްނަމަވެސް ސާވިސް ޗާޖުގެ ނަމްބަރުތައް އާއްމުވަނީ ނިސްބަތުން މަދު ތަނެއްގަ އެވެ. އަނެއްބައި ތަންތަނުގައި ސާވިސް ޗާޖު ދޭކަން ވެސް އާއްމުންގެ ގިނަ ބަޔަކަށް ނޭނގޭނެ އެވެ.

މި މައުލޫމާތުތައް މަހުން މަހަށް އާއްމުކުރަނީ "ރިސޯޓް ވޯކާސް" ގެނަމުގައި ހިންގާ ޕޭޖަކުންނެވެ. މި ޕޭޖަށް ބަލާއިރު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާއްމުވެފައިވަނީ 38 ރިސޯޓެއްގެ ސާވިސް ޗާޖު ނަމްބަރު ތަކެކެވެ. މީގެތެރެއިން 1،000 ޑޮލަރަށް ވުރެ މަތިން ސާވިސް ޗާޖު ދީފައިވަނީ އެންމެ 19 ރިސޯޓަކުންނެވެ. ދެން ހުރި ރިސޯޓު ތަކުން ދީފައިވަނީ އެ އަށްވުރެ ދަށް ނަމްބަރުތަކުގެ ސާވިސް ޗާޖެވެ.ނަމަވެސް އެންމެ ފަހުން މި މަހަށް ބަލާނަމަ ސާވިސް ޗާޖު ދިން ރިސޯޓުގެ އަދަދު މިހާރު ވެސް ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ.

މިހާތަނަށް 19 ރިސޯޓަކުން 1،400 ޑޮލަރަށްވުރެ މަތީގެ ސާވިސް ޗާޖެއް ދީފައިވެ އެވެ. އަދި ހައެއްކަ ރިސޯޓުން ދިން ސާވިސް ޗާޖު 3،000 ޑޮލަރަށްވުރެ ބޮޑެވެ. މި ގޮތުން ސާވިސް ޗާޖު ދީފައިވާ ބައެއް ރިސޯޓުތަކަށް ބަލާއިރު އެއްވެރެޖުކޮށް އުޅޭ ކަމަށް އެނގިފައިވަނީ 200 އާއި 500 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުންނެވެ.

މި ވަރަށް މުވައްޒަފުން ތިބެ 3،000 ޑޮލަރުގެ ސާވިސް ޗާޖެއް ދޭނަމަ 200 މުވައްްޒަފުން ތިބި ރިސޯޓަކުން ސާވިސް ޗާޖަށް އެކަނި 600،000 ޑޮލަރު (9.2 މިލިއަން ރުފިޔާ) އަދި 500 މުވައްޒަފުން ތިބިނަމަ 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ހޭދަ ކުރަން ޖެހޭނެ އެވެ. މި އަދަދަކީ ރިސޯޓަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީ އަށް ބަލާނަމަ ނިސްބަތުން ބޮޑު އަދަދެކެވެ.

މި އަދަދަށް މުވައްޒަފުން ތިބި ރިސޯޓެއްގެ ކޮންމެ މުވައްޒަފަކަށް "މިވަރުގެ ބޮޑު" ސާވިސް ޗާޖެއް މިހާރު ދެނީ ހެއްޔެވެ؟ ނޫނީ ސާވިސް ޗާޖު ދޭން ބައެއް ރިސޯޓު ތަކުން "ޓްރިކެއް" ބޭނުން ކުރަނީ ހެއްޔެވެ؟ ނޫނީ ހަމަ ޓޫރިޒަމް ވިޔަފާރި ބޮޑުތަނުން ރަނގަޅުވީ ހެއްޔެވެ؟

ސާވިސް ޗާޖު ބޮޑުކޮށް ދައްކަން "އުކުޅެއް"

ސާވިސް ޗާޖު ނަގައި ބެހުމަކީ ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ. މިހާރު އޮތް ގޮތުން ސާވިސް ޗާޖު ނުދީފިނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑުކޮށް ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް ދީފައިވެ އެވެ. އަދި ޓޫރިޒަމް ވިޔަފާރި ތަކުން ސާވިސް ޗާޖު ނުނަގާ ނަމަ ނުވަތަ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސާވިސް ޗާޖު ނުބަހާނަމަ ވަޒީފާ ދޭ ފަރާތްތައް 100،000 ރުފިޔާ އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ. - އެހެންވެ ގާނޫނުން މިހާރު މިކަން ވަނީ ލާޒިމްގެ މަޖުބޫރީ ހާލަތުގަ އެވެ.

ނަމަވެސް، ސާވިސް ޗާޖު "ބަހަން މަޖުބޫރު" ކޮށް ގާނޫނެއް ހެދިނަމަވެސް މިއަށް ރަނގަޅަށް އަމަލު ކުރޭތޯ ސަރުކާރަކުން ނުބަލަ އެވެ. އަދި މިކަމުގައި މިހާރު ހުރި ހަމަނުޖެހޭ ކަންކަން ހައްލު ކުރަން ވެސް އިތުރު މަސައްކަތެއް ނުކުރެ އެވެ. ނަތީޖާއަކީ އުކުޅުތައް ހަދައިގެން ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ނަމްބަރުތަކަށް ކުޅެން ފެށުމެވެ. މިކަން ކުރަން ބައެއް ރިސޯޓުތަކުން ހަދާ ގޮތަކީ ރިސޯޓުގެ އެތެރޭގެ ހިދުމަތްތައް "އައުންޓް ސޯސް" ނުވަތަ ކޮންޓްރެކްޓަށް ހިދުމަތް ދޭން އެހެން ޕާޓީ އަލަށްދެނީ އެވެ.

ވިޔަފާރިއަށް މި ބަދަލު ގެނައުމުން ސްޕާ ހިންގާނީ ވަކި ބައެކެވެ. ރެސްޓޯރެންޓް ހިންގާނީ ވަކިންނެވެ. ސެކިއުރިޓީ އާއި ޓްރާންސްޕޯޓު ވެސް އޮންނާނީ އައުޓްސޯސް ކޮށްފަ އެވެ. އަދި އެހެން ގިނަ ހިދުމަތްތައްވެސް ހުންނާނީ ވަކިން ހިންގާ ތަންތަނުގެ ގޮތުގަ އެވެ. އެކަން ކުރަނީ ރިސޯޓުން ވަކިން ކުންފުންޏެއް ހަދައިގެންނެވެ. ނޫނީ ބަޔަކަށް ދީގެންނެވެ. މިހެން ހެދުމަށްފަހު މި ހިދުމަތުގެ އަގެއްގެ ގޮތުގައި އެ ފަރާތް ތަކަށް ކޮންމެ މަހަކު މުވައްޒަފުންގެ މުސާރަ ވެސް ހިމެނޭ ގޮތަށް ވަކި އަދަދެއް ދެނީ އެވެ. އަދި ރިސޯޓުގެ މުވައްޒަފުންގެ ގޮތުގައި މަދު އަދަދެއްގެ މީހުން ކަނޑައަޅަ އެވެ. މިގޮތަށް ބަދަލުކޮށްލުމުން މަދު މުވައްޒަފުންގެ ބޮލަކަށް ޖެހޭ ސާވިސް ޗާޖު ބޮޑު ވެގެންދެ އެވެ. މިހާރު ގިނަ ރިސޯޓު ތަކުން ފެންނަ ބޮޑު ސާވިސް ޗާޖުގައި ފޮރުވައިވާ އެއް ހަގީގަތަކީމިއެވެ. ނަމަވެސް މި "އުކުޅަނީ" ހުރިހާ ރިސޯޓު ތަކުން ކުޅޭ އުކުޅެއް ނޫނެވެ. މިކަން ރަނގަޅަށް ކުރާ ރިސޯޓުތައް ވެސް ގިނަ އެވެ.

ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނި ގޮތުގައި ސާވިސް ޗާޖު މަޖުބޫރު ކުރުމުން ބައެއް ރިސޯޓު ތަކުން އެ ރަނގަޅު ގޮތުގައި ބަހަމުން ދިޔަނަމަވެސް ބައެއް ގިނަ ރިސޯޓު ތަކުން މިކަން އޮޅުވާލަ އެވެ.

"އަޅުގަނޑު އުޅޭ ރިސޯޓުގައި ސެކިއުރިޓީން ފެށިގެން ދޯނި ކްރޫއަކީ ވެސް މި ރިސޯޓުގެ މުވައްޒަފުން. އެހެންވީމަ ސާވިސް ޗާޖު ދޭއިރު ހުރިހާ މީހުންނަށް ލިބޭނީ އެއް އަދަދެއް. އެކަމަކު ބައެއް ރިސޯޓު ތަކުން ވަގުތީ މުވައްޒަފުން ނަގައިގެން ވެސް ހިދުމަތް ދޭ. ސީޒަން އައުމުން މުވައްޒަފުން ހޯދަނީ ވަގުތީ ގޮތުން،" ނަން
ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

މިހާރު ކޮންމެ މަހަކު ސާވިސް ޗާޖުގެ ބޮޑު ނަމްބަރު ތަކެއް އާއްމުވަމުން ދާއިރު މީގެ ސަބަބުން ބައެއް ރިސޯޓު ތަކަށް ދަނީ ގިނަ ދަތިތަކާއި "ބޭކާރު ޕްރެޝަރާ" ކުރިމަތިވަމުންނެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ފުޅާކޮށް ޓޫރިޒަމް ވިޔަފާރި ކުރާ ދިވެހި ކުންފުނީގެ އިސްވެރިއަކު ބުނި ގޮތުގައި މިހާރު ގިނަ ރިސޯޓު ތަކުން "ހަގީގީ ސާވިސް ޗާޖު" ނުދޭއިރު މިކަން ރަނގަޅަށް ކުރާ މީހުންނަށް މިހާރު ކަންތައް ވާގޮތުން ދަތިވެ އެވެ.

"އަހަރެމެން އަބަދު ވެސް ސާވިސް ޗާޖު ބަހަން. އެކަމަކު މިހާރު ޖެނުއިންކޮށް މިކަން ކުރާ މީހުންނަށް މިހާރުވާ ގޮތުން ދަތިތަކާ ކުރިމަތިވޭ. މިހާރު ގިނަ ތަންތަނުން ބޮޑު ސާވިސް ޗާޖެއް މި ދެނީ އެ ތަނުގައި ތިބި ހުރިހާ މުވައްޒަފުންނަކަށް ނޫން. މަދު ބަޔަކަށް،" ރާއްޖޭގައި 11 ވަރަކަށް ރިސޯޓު ހިންގާ ކުންފުނީގެ އިސްވެރިޔާ ވިދާޅުވި
އެވެ.

ސާވިސް ޗާޖު ނަގައި ބަހަން މަޖުބޫރު ކުރުމުން މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. މިކަމުގެ މަޅިއަކުން ބޯ ދަމައިގަނެގެން ނުކުމެ ބޮޑު އޮޅުވާލުމެއް އޮޅުވާލާ ތަނެވެ. މިހާރު ގިނަ ރިސޯޓު ތަކުން ފެންނަ ސާވިސް ޗާޖު ސްލިޕުން ފެންނަނީ އެ ހަގީގަތެވެ. އެ މަންޒަރެވެ.