ހަބަރު

ރިސޯޓުތަކުން މަދުވެގެން 10 ޕަސަންޓް ސާވިސް ޗާޖު ނަގަން ލާޒިމްކުރަން ފާސްކޮށްފި

Aug 6, 2019
4

ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓުތަކުން މަދުވެގެން 10 ޕަސަންޓް ސާވިސް ޗާޖު ނަގަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގަވައިދުން ސާވިސް ޗާޖު ދެމުންދޭތޯއާއި ސާވިސް ޗާޖު ދެމުންދާ އުސޫލު ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

އެ މައްސަލަ ކޮމިޓީން ދިރާސާ ކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވަނީ، ސާވިސް ޗާޖު ދިނުމުގައި ހުރިހާ ރިސޯޓަކުން އެއް ހަމައަކުން އަމަލުކުރުވުމަށް ގާނޫނަށް އިސްލާހެއް ގެންނަންޖެހޭކަމަށް އެ ކޮމިޓީގެ މެންބަރުން އިއްތިފާގުވެފައިވާ ކަމަށެވެ. އެގޮތުން، ހުރިހާ ރިސޯޓަކުންވެސް ސާވިސް ޗާޖު ނެގުން ލާޒިމްކޮށް، ސާވިސް ޗާޖުގެ ގޮތުގައި މަދުވެގެން 10 ޕަސަންޓް ނަގަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ލަފާދިނުމަށް ކޮމިޓީގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވާ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ. ނަމަވެސް، މިހާރު ގާނޫނުގައި ސާވިސް ޗާޖު ނެގުން ލާޒިމްކޮށްފައެއްނުވެ އެވެ.

މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ ރިޕޯޓަށް މިއަދު ބަހުސް ކުރެއްވި ހުރިހާ މެންބަރުންވެސް ވިދާޅުވީ ސާވިސް ޗާޖު ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަންޖެހިފައިވާ ކަމަށެވެ. އަދި ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ނުދޭކަމުގެ ޝަކުވާ ކުރެވޭއިރު، އެފަދަ މައްސަލަތައް ވެސް ބެލޭނެ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް ގިނަ މެންބަރުން ވިދާޅުވި އެވެ.

ގިނަ ރިސޯޓުތަކެއް ހިންގަވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެ ބަހުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މުސާރަ އާއި އެކު ސާވިސްޗާޖު ދިނުމަށް ހުރި ދަތިތަކާއި ގުޅޭ ގޮތުން އެ އިންޑަސްޓްރީގެ އިސް ފަރާތްތަކުގެ ލަފާ ހޯދަން ޖެހޭ ކަމަށެވެ.

އެގޮތުން ގާސިމް ވިދާޅުވީ، ރިސޯޓްތަކުގައި ބައެއް ހިދުމަތްތައް ކްރެޑިޓަށް ދެމުން އަންނައިރު، އެ ފައިސާ ވަގުތުން ނުލިބުމުގެ ސަބަބުން މުސާރައާއި އެކު ސާވިސް ޗާޖު ދިނުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

"އެބޭފުޅުންނަށް އިނގިވަޑައިގަންނަވާބާ ސާވިސް ޗާޖު މިލިބެނީ އެތަނަކަށް ލިބޭ ހުރިހާ އެއްޗަކުން ސާވިސް ޗާޖު ނަގާއިރު އެ ކޮންމެ ޕަސެންޓެއް ވިޔަސް އިންވޮއިސް ހަދައިގެން އެއްމަސް ދުވަސް ފަހުން ދޮޅުމަސް ދުވަސް ފަހުން ބައެއް ފަހަރަ ނުލިބިވެސް އެބަދޭ،" ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ވެރިޔާ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، އިގުތިސޯދީ ގޮތުން ލޮޅުމެއް އަންނަ ފަދަ ނިންމުންތައް ނިންމާއިރު، އެކަންކަން ވަރަށް ރަނގަޅަށް ދިރާސާ ކުރަންޖެހޭ ކަމަށެވެ.