ޑރ. މުހައްމަދު މުއިއްޒު

މިއަހަރުގެ އަމާޒަކީ 20 ރިސޯޓު ހުޅުވުން

ފަތުރުވެރިކަމަށް މިއަހަރު އާ 20 ރިސޯޓު ހުޅުވުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ އާ 20 ރިސޯޓު ހުޅުވައި ފަތުރުވެރިކަމަށް 2،857 އެނދު އުފެދިގެން ދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފަތުރުވެރިކަން ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްގީކުރަން ހުރި ދަތިތަކާއި ހުރަސްތައް ބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"މިގޮތުން ޓޫރިޒަމް ތަރައްގީ ކުރަން ދޫކޮށްފައިވާ 63 މަޝްރޫއެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ފައިނޭންސް މިނިސްޓްރީ އާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރު ދަނީ އެކުލަވާލެވެމުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި މި މަސައްކަތް ނިމޭނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިފަދަ ތަންތަން ތަރައްގީކޮށް ނިންމުމަށްޓަކައި ލީސް އެގްރީމަންޓާއި އިންވެސްމަންޓްތައް ރީ-ސްޓްރަކްޗާކޮށް، އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރެވިގެންދާނެ އެވެ.

"އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރެވޭނެ. މިގޮތުން ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް "އައްސޭރި ޓޫރިޒަމް" މަޝްރޫއެއް އެކުލަވާލައި އިފްތިތާހުކުރުމުގެ ގޮތުން އައްޑޫ ސިޓީއަށް ހާއްސަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ދަނީ ކުރެވެމުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.