ރައްޔިތުންގެ މަޖިލިސް

500 ޑޮލަރު މާރުކުރަން އިހުތިޔާރީ ކުރަން ބިލެއް

ރާއްޖޭގައި ބޭރު ފައިސާ ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ބޭރު ފައިސާއާބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ތައާރަފުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހް އެވެ.

ބިލްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ބޭރު ފައިސާ އިން ކުރެވޭ މުއާމަލާތްތަކާބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމާއި ރާއްޖެއަށް ބޭރު ފައިސާ އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމާބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން ބޭރު ފައިސާއިން ލިބޭ އާމްދަނީ އިން ބައެއް ރުފިޔާއަށް މާރުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމާއި އެނޫންވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއިން މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން ހިމެނެ އެވެ.

ބިލްގައިވާ ގޮތުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާ ނުވަތަ ޖަމާކުރަންޖެހެ އެވެ.

ޓޫރިޒަމް ދާއިރާގެ މުދާ އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުންވެސް ބޭންކަށް ފައިސާ ޖަމާކުރަން ޖެހެ އެވެ.

ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް

މި ކެޓެގަރީގައި ހިމެނެނީ ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި ޕްރައިވެޓް އައިލެންޑްތަކާއި ރިޒޯޓް ހޮޓާތަކާއި އެނޫންވެސް ތަންތަނެވެ.

ކެޓެގަރީ އޭ ގައި ހިމެނޭ އެސްޓެބްލިޝްމަންޓަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށް ބިލްގައިވެ އެވެ.

ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް

މި ކެޓެގަރީގައި ހިމެނެނީ ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކެވެ.

ކެޓެގަރީ ބީ ގައި ހިމެނޭ އެސްޓެބްލިޝްމަންޓަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށް ބިލްގައިވެ އެވެ.

ބޭރު ފައިސާ މާރުކުރުން އިސްތިސްނާވާ ފަރާތްތަކާއި ހާލަތްތައް

  • އެ ޓޫރިޒަމް އެސްޓެބްލިޝްމަންޓެއްގައި ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައިނުވާ ޓޫރިސްޓުން
  • ޓޫރިސްޓުންގެ ތެރެއިން އުމުރުން 10 އަހަރު ފުރިހަމަނުވާ ކުޑަކުދިން
  • އެ ޓޫރިޒަމް އެސްޓެބްލިޝްމަންޓެއްގައި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ މީހުން

މީގެ އިތުރުން ސަރުކާރުން ހާއްސަ އިމްތިޔާޒް ދީފައިވާ މެހުމާނުންވެސް އިސްތިސްނާވާނެ ކަމަށް ބިލްގައިވެ އެވެ.