ޓޫރިޒަމް

ޑިސެމްބަރުގައި އޮކިއުޕެންސީ އިތުރުވީ ރިސޯޓުން، ގެސްޓްހައުސްތަކާއި ހޮޓާތައް ދަށަށް

ރިސޯޓްތަކުގެ އޮކިއުޕެންސީ -- ޓޫރިޒަމްގެ އެނދުތައް ފުރިފައިވާ އަދަދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިތުރުވި ނަމަވެސް ގެސްޓްހައުސްތަކާއި ހޮޓާތަކުގެ އޮކިއުޕެންސީ ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ ހުރީ 71.8 ޕަސެންޓްގަ އެވެ.

ރިސޯޓުތަކުގެ އޮކިއުޕެންސީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް އަދި ޑިސެމްބަރު 2023 އާ އަޅާބަލާއިރު މިދިޔަ ޑިސެމްބަރު މަހު އިތުރުވެފަ އެވެ.

ރިސޯޓުތަކުގެ އޮކިއުޕެންސީ ނޮވެމްބަރު 2024 ގައި ހުރީ 65.9 ޕަސެންޓްގަ އެވެ. މި އަދަދު ޑިސެމްބަރު 2023 ގައި ހުރީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 63.8 ޕަސެންޓްގަ އެވެ.

ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ މިދިޔަ ޑިސެމްބަރު މަހު ހުރީ 39.6 ޕަސެންޓްގަ އެވެ. ނަމަވެސް މި އަދަދު ނޮވެމްބަރު 2024 ގައި ހުރީ 47.1 ޕަސެންޓްގަ އެވެ. އަދި ޑިސެމްބަރު 2023 ގައި ހުރީ 57.2 ޕަސެންޓްގަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޮޓާތަކުގެ އޮކިއުޕެންސީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުރީ 26.3 ޕަސެންޓްގަ އެވެ. މި އަދަދު ނޮވެމްބަރު 2024 ގައި ހުރީ 31.9 ޕަސެންޓްގަ އެވެ. ޑިސެމްބަރު 2023 ގައި ހޮޓާތަކުގެ އޮކިއުޕެންސީ ހުރީ 39.5 ޕަސެންޓްގަ އެވެ.

ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ ޑިސެމްބަރު 2023 ގައި ހުރީ 19.3 ޕަސެންޓްގަ އެވެ. ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ ނޮވެމްބަރު 2024 ގައި 31.8 ޕަސެންޓްގައި ހުރި ނަމަވެސް ޖެހިގެން އައި ޑިސެމްބަރު މަހު މި އަދަދު ހުރީ 18 ޕަސެންޓްގަ އެވެ.