ރާއްޖެއަަށް އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން އަންނަ އަހަރަކީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން އަންނާނެ އަހަރެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މިހާރުގެ ތަފާސްހިސާބުތަކަށް ބަލައި މިއަހަރުގެ ނިޔަލަށް ރާއްޖެ އަންނަނީ 1.87 މިލިއަން ފަތުރުވެރިން ކަމަށް ބަޖެޓްގައި ލަފާކޮށްފައިވެ އެވެ.
ދެ މިލިއަން ފަތުރުވެރިންނާ އެކު މިއަހަރާ އަޅާބަލާއިރު އަންނަ އަހަރު ބެޑްނައިޓްސް ހަތް އިންސައްތަ ކުރި އަރައި، ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން 6.6 އިންސައްތަ އިން އަންނަ އަހަރު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ހިނގަމުން މިދާ 2023 ވަނަ އަހަރު ނިމޭއިރު ބެޑްނައިޓްސް 9.1 އިންސައްތަ އިން ކުރިއަރައި، ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން 8.7 އިންސައްތަ އިން މި އަހަރު ކުރިއަރާނެ ކަމަށްވެސް ބަޖެޓް ފޮތުގައިވެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު ބޮޑު ކުރިއެރުމެއް އައީ ކޮވިޑް 19 އަށް ފަހު ޗައިނާގެ ބޯޑަރު ހުޅުވާލުމާ އެކު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޗައިނާގެ ޝެޑިއުލްތައް ރާއްޖެއަށް ފެށުމާ ގުޅިގެންނެވެ. އަންނަ އަހަރު ޗައިނާގެ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާތީ އަންނަ އަހަރުވެސް ޗައިނާ އިތުރު ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ޗައިނާގެ މާކެޓް އަންނަ އަހަރު ރަނގަޅުވި ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް މަދުވެފަ އެވެ. އަންނަ އަހަރުވެސް މިއަދަދު އިތުރު ވާނެ ކަމަކަށް ކަމާ ގުޅޭ އިދާރާތަކަކުން އުއްމީދެއް ނުކުރެ އެވެ.