ޑރ. އަބްދުﷲ މައުސޫމް

ބޮޑުތިލަދުންމަތީގެ ޓޫރިޒަމަށް ހުރި ދަތިތައް ދެއަހަރުގެ ތެރޭގައި ހައްލުވާނެ

ބޮޑުތިލަދުންމަތީގެ އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މިހާރު ހުރި ދަތިތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހައްލުވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމު ވިދާޅުވީ ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދަން ބޭނުންވާ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ކަމަށެވެ.

ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އިންޑިއާ މިސާލަކަށް ނަންގަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީވެގެން އައުމާއިއެކު ފަތުރުވެރިން ދަތުރުކުރުމަށް ހޭދަކުރަންޖެހޭ މިންވަރާއި އެކަމުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ އެވެ. އަދި ހއ. އަތޮޅާއި ހދ. އަތޮޅާއި އަދި ށ. އަތޮޅަށް ފުޅާކުރެވިފައިވާ އާރްޓީއެލް ފެރީތަކުގެ ޓިކެޓުގެ އަގު ފަތުރުވެރިންނަށާއި އާންމުންނަށް އެއްއަގެއްގައި ދިނުމުގެ މަގުސަދަކީވެސް ފަތުރުވެރިން ކުރަންޖެހޭ ހޭދަ ކުޑަކޮށް ފަތުރުވެރިކަން ފުޅާކުރުން ކަމުގައި ވިދާޅުވި އެވެ.

"ބޮޑު އަގެއް ދީފައި ގެސްޓް ހައުސް ހުންނަ ރަށްތަކަށް ދަތުރުކުރުމަކީ ހައްލެއް ނޫން. އެހެންވެ ހަނިމާދޫ އެއާޕޯޓް މުހިއްމު ވަނީ. މާލެއަށް އައުމަށް ވުރެ 40 މިނެޓް ކުރިން ހަނިމާދޫ އެއާޕޯޓަށް ޖެއްސޭނެ އިންޑިއާއިން އަންނަ ބޯޓުތަކަށް. ދުވަސްވެސް ސަލާމަތްވީ، ފައިސާ ވެސް ސަލާމަތްވީ،" މިނިސްޓަރު މައުސޫމު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފަތުރުވެރިކަމަށް ރަށެއް ފަހިކުރުމަށްޓަކައި ރަށްތަކުން ލިބެންޖެހޭ ވަސީލަތްތައް ބިނާކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށެވެ. މިގޮތުން ބަނދަރުތައް ހެދި، ފެނާއި ކަރަންޓާއި ނަރުދަމާ އެޅި ރަށްތަކުގެ ތައުލީމީ އަދި ސިއްހީ ދާއިރާ ތަރައްގީވެގެން ދިއުމާއިއެކު އެ ރަށްތަކުގެ ޓޫރިޒަމް އިތުރަށް ކުރިއަރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެ ހުރިހާ ކަމެއްވެސް އެދަނީ ހަމަޖެހެމުން. އެހެންވީމަ ޓޫރިޒަމްގެ ދުރުރާސްތާގައި އިއްޒަތްތެރި މެމްބަރު ތިފާހަގަކުރެއްވި މައްސަލަތައް މުޅިން ހައްލުވެގެންދާނެ. އަޅުގަނޑު ދުރުރާސްތާއޭ މި ދެންނެވީ އަހަރުތަކެއް ނޫން. ކުރިއަށް އޮތް ދެއަހަރު ތެރޭގައި އެ މައްސަލަތއް ހަމަ މުޅިން ހައްލުވެގެން ދާނެ،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ފުޅާކުރުމަށް މިވަގުތު ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑު ތިލަދުންމައްޗަށް ފަތުރުވެރިކަމުގެ 8000 އެނދު އިތުރުކުރުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވި އެއްޗެއް އިތުރަށް ތަފްސީލްކޮށްދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރާއްޖޭގެ އުތުރުގައިވެސް ރީތި ގޮނޑުދޮށްތައް ހުރި ރަށްރަށް ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން 8،000 އެނދު ތަރައްގީ ކުރެވިގެންދާނީ ހަނިމާދޫ އެއާޕޯޓާއިއެކު ރިސޯޓް އަދި ގެސްޓްހައުސް ހިމެނޭ ގޮތަށް ކަމުގައި ވިދާޅުވި އެވެ. އަދި އެކަން ކުރާނީ ސީދާ ސަރުކާރުން ހަރަދުތަކެއް ކޮށްގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ފަށާފަ އެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ހަނިމާދޫގައި އޮތް 1.8 ކިލޯ މީޓަރުގެ ރަންވޭ ބޮޑު ކުރާނެ އެވެ. އެގޮތުން އަލަށް ތަރައްގީކުރާ ރަންވޭގައި 2.24 ކިލޯމީޓަރު ހުންނާނެ އެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޓާމިނަލްއެއް އެޅުމަށް ނިންމާފައިވެ އެވެ.