ޓޫރިޒަމް

އެއާޕޯޓެއް ކާމިޔާބުކަމާއެކު ހިންގަން 8،000 އެނދު ބޭނުންވޭ: މައުސޫމް

އެއާޕޯޓެއް ކާމިޔާބުކަމާއެކު ހިންގުމަށް އެ ސަރަހައްދަކަށް ފަތުރުވެރިކަމުގެ 8.000 އެނދު ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ހއ، ހދ، އަދި ށ. އަތޮޅުގައި ރިސޯޓް، ހޮޓާ އަދި ގެސްޓްހައުސް ހިމެނޭ ގޮތަށް 1،724 އެނދު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި 1،524 އެނދު އޮޕަރޭޓްކުރަމުންދާ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހދ. ދިއްޕަރުފުށި އަދި ހދ. ނާގޮށީގެ ފޭސް އެކެއް ހުޅުވިގެންދާނެ ކަމަށާއި އެއާއެކު އިތުރު އެނދު ދާއިރާއަށް ނެރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހއ. ބެރިންމަދޫ، ށ. ހުރަސްފަރު، ނާއިންފަރު އަދި ކަނބާލިފަޅު ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށާއި އެއާއެކު 1،360 އެނދު އޮޕަރޭޝަނަށް ގެނެވެނެ ކަމަށެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ރަޖިސްޓާޑް ޓޫރިސްޓް ހޮޓާ ޑިވެލޮޕްމަންޓް މަޝްރޫއުގެ ތެރެއިން ހއ. ކެލާ، ހއ. އުތީމު އަދި ހއ. ވަށަވަރުގައި ހޮޓާ-ރިސޯޓު ނިމި 404 އެނދު ތައާރަފުކުރެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އުތުރުގައި 3،700 އެނދު ހުންނާނެ ކަމަށެވެ. ނަމަވެސް އެއީ ކުރިން ފާހަގަކުރި 8،000 އެނދަށް ވުރެ މަދު އަދަދެއްކަން ފާހަގަކުރެއްވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު މިނިސްޓަރު މައުސޫމް ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ފުލް ކެޕޭސިޓީގައި ދުވާލަކު 1،780 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. ފުރަތަމަ އަހަރުގައި ދުވާލަކު 300 ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކުރެވޭއިރު މިހާރު ހުރި އެނދުގެ އަދަދުން ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް އެއާޕޯޓްތައް މުހިއްމު ކަމަށާއި އެއަށްފަހު އެ ސަރަހައްދަށް ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ބޭނުންވާ ކަމަށެވެ. އެގޮތުން މިހާރު ހއ.، ހދ.، އަދި ށ. އަތޮޅަށް އާރްޓީއެލް ފެރީ ދަތުރުކުރާކަން ފާހަގަކުރެއްވި އެވެ. އެއަށްފަހު ކަރަންޓާއި ފެނާއި ނަރުދަމާގެ އިތުރުން އިންޓަނެޓްގެ ހިދުމަތާއި ހޮޓާ އަދި ގެސްޓްހައުސް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ހޮޓާ ގެސްޓްހައުސްތަކަށް ބޮޑު އިންވެސްޓްމަންޓެއް ބޭނުންވާއިރު ކުޑަ ހަރަދަކާއެކު ހޯމް ސްޓޭ ގެސްޓްހައުސް ހެދުމުގެ މަގު މިހާރު ފަހިވެފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑު ތިލަދުންމައްޗަށް ފަތުރުވެރިކަމުގެ 8000 އެނދު ތަރައްގީ ކުރުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ސެޕްޓެމްބަރު މަހު އެވެ. ރައީސް އޭރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީގެ މަޝްރޫއު ނިމޭއިރު ބޮޑު ތިލަދުންމަތީގައި ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީކުރާނީ ސަރުކާރަކުން ނޫނެވެ. އެކަން ކުރާނީ އިންވެސްޓަރުން ކަމަށް ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއު ޖޭއެމްސީއާ ހަވާލުކުރީ 136.6 މިލިއަން ޑޮލަރު --2.1 ބިލިއަން ރުފިޔާ އަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ މުޅިން އާ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ. މިއަހަރު ފަހުކޮޅު އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއު 2024 ވަނަ އަހަރު ނިންމާ ހިދުމަތް ދޭން ފަށާނެ އެވެ.