ޑރ. އަބްދުﷲ މައުސޫމް

ބޮޑުފިނޮޅުގެ މަޝްވަރާތައް ކުރިއަށް ނުގޮސް ކޯޓުގައި

ޓޫރިޒަމް ޓްރެއިނިން ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްފައި އޮތް ލ. އަތޮޅު ބޮޑުފިނޮޅުގައި އެ މަސައްކަތް ކުރިއަށް ނުދާތީ މަޝްވަރާ ކުރެވުނު ނަމަވެސް ކާމިޔާބެއް ނުލިބުނު ކަމަށާއި އެ މައްސަލަ މިހާރު އޮތީ ކޯޓުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލ. ގަން ދާއިރާގެ މެންބަރު މުހައްމަދު ވިޝާމް (ސަމްޕަތު) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ މި މައްސަލައަކީ ހައްލު ހޯދަން ބޭނުންވާ މައްސަލައެއް ކަމަށެވެ.

"މި މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފަ. މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކޯޓުން ބޭރުގައި މަޝްވަރާ ކުރެވުނު،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ އެ ކުންފުނިން ބަދަލުގެ ގޮތުގައި ހުށަހަޅާ ހުށަހެޅުމާއި ސަރުކާރުން ހުށަހަޅާ ހުށަހެޅުންތަކާއި މެދު ދެ ފަރާތުން އެއްބަސްނުވެވޭތީ މި މައްސަލަ ކޯޓުން ބޭރުގައި ހައްލު ވާނެ ކަމާއި މެދު ސުވާލު އުފެދިފައިވާކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ޓޫރިޒަމް ޓްރެއިނިން ރިސޯޓު ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާތަކުގެ އަލީގަ، ތާށިވެފަ މިއޮތީ. ކުރިއަށް ނުކަނޑާ މިހާރަކު. ދެން އޮތީ އަޅުގަނޑުމެން އެތަން ވަކިކުރާނީތޯ،" މައުސޫމް ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި ޓޫރިޒަމް ޓްރެއިނިން ރިސޯޓެއް ތަރައްގީ ކުރުމަށް ޕްރިމިއާ އެކްޓިވިޓީ ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ހަވާލު ކުރީ 2008 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ކުންފުނިން ވަނީ މިހާތަނަށް ސަރުކާރަށް 2.7 މިލިއަން ޑޮލަރު ދައްކާފަ އެވެ.

މައުސޫމް ވިދާޅުވީ ބޮޑުފިނޮޅު އަނބުރާ ސަރުކާރަށް ނަގާއިރު އެ ކުންފުނިން ދައްކާފައިވާ 2.7 މިލިއަން ޑޮލަރުގެ ބަދަލު ދޭނެ ގޮތަކާއި މެދު ވިސްނަން ޖެހޭ ކަމަށެވެ. ސަރުކާރަށް އަނބުރާ ނެގުން އެއީ ކުރެވޭނެ ކަމެއް ކަމަށާއި މީގެ ކުރިންވެސް ސިޔާސީ ބޭނުންތަކަށް ތަންތަން ސަރުކާރަށް ނަގާފައި އެބަ ހުރި ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު އެރަށް ނުހެދޭ. ނުހެދުނީމަ ދެން މިހާރު އަޅުގަނޑުގެ ހިތުން މިހާރު މިއޮތީ ވަކި ކުރަން ޖެހޭ ހިސާބަށް ގޮއްސަ. ދޭން ޖެހޭ ބަދަލެއް ދީފަވެސް،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ބަޔަކާ ހަވާލުކޮށްފައިވާ ތަނެއް އަދި ހާއްސަކޮށް ރާއްޖޭގެ ބޮޑު އިންޑަސްޓްރީއެއްގެ ތަނެއް އަނބުރާ ސަރުކާރަށް ނަގާ ކަމުގައި ވާނަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް ނަގަން ޖެހޭ ހާލަތުގައި ނަގާނެ ކަމަށްވެސް މައުސޫމް ވިދާޅުވި އެވެ.

ލ. ގަމުން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކާއި ލ. ބޮޑުފިނޮޅު ޕްރިމިއާ އެކްޓިވިޓީ ކުންފުންޏަށް ތަރައްގީ ކުރެވޭނެ ކަމަކަށް އެ އަތޮޅުގެ މަޖިލިސް މެންބަރުން އަދި އަތޮޅު ކައުންސިލް މެންބަރުންނާއި ގަން ކައުންސިލް މެންބަރުންވެސް ގަބޫލުނުކުރައްވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

ބޮޑުފިނޮޅުގެ 4.6 ހެކްޓަރު ބިން ތަރައްގީ ކުރަން ޕްރިމިއާ އެކްޓިވިޓީ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 25 އަހަރުގެ މުއްދަތަކަށެވެ.