ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ވެކްސިން ޓޫރިޒަމަކީ މައުސޫމުގެ ސަޅިބައިސާއެތަ؟

ރާއްޖޭގެ ޓޫރިޒަމް ބްރޭންޑްގެ ވާހަކަ ދުނިޔެއިން ދައްކާ ގޮތަށް މިހާރު ރާއްޖެއާބެހޭ ގޮތުން ދަންނަ އާ އެއް ވާހަކައަކީ ރާއްޖޭން ވެކްސިން ޓޫރިޒަމް ތައާރަފު ކުރަން އުޅޭ ވާހަކަ އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެކްސިން ޖަހައިދޭން ފަށަން ވިސްނާ ވާހަކަ އެވެ. މި ވާހަކަ ދުނިޔޭގައި ފެތުރުމާއެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މި ވާހަކަ ރަނގަޅަށް ދުނިޔެތެރެއަށް ވިއްކާވެސް ފައެވެ. މަޝްހޫރު ޓީވީ ޗެނަލް ސީއެންއެންއަށް އަރައި އެ ވާހަކަ ދެއްކެވުންވީ ރާއްޖޭން ދެންމެ ދެންމެ ވެކްސިން ޓޫރިޒަމް ތައާރަފުކޮށްފާނެ ކަމުގެ ހީތައް ދުނިޔެއެަށް ކުރެވުނު ކަމަކަށެވެ. އެކަމަކު ރާއްޖެއަށް ވެކްސިން ޓޫރިޒަމެއް ތައާރަފު ކުރެވިދާނެ ހެއްޔެވެ؟ އެފަދަ ކާމިޔާބީ ރާއްޖެއަށް ހޯދަން ކިހާ ދުވަހެއް ނަގާފާނެ ހެއްޔެވެ؟ އެ ނޫނީ މިއީ ރާއްޖޭން ކަނޑައިލިު ސަޅިބައިސާ އެއް ހެއްޔެވެ؟

"ސަރުކާރުގެ ވިސްނުން ހުރީ ދިވެހި ރައްޔިތުން ވެކްސިން ޖެހުމަށްފަހު ޓޫރިސްޓުންނަށް ވެކްސިން ޖަހައި ދޭން. މިކަން އިރާދުކުރެއްވިއްޔާ ކުރެވިގެން ދާނެ. މިއީ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެ،" ޓޫރިޒަމް ސިނާއަތުގައި ވެސް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ވިޒިޓް، ވެކްސިން އެންޑް ވެކޭޝަން (ތްރީވީ) ގެ ނަމުން ދުނިޔެ ދަންނަ ވެކްސިން ޕްރޮގްރާމް ރާއްޖޭގައި ފަށައިފިނަމަ އެކަން ވާނީ ގައިމު ވެސް ޓޫރިޒަމަށް ލިބޭނެ ވަރަށް ބޮޑު ބޫސްޓަކަށެވެ. ވެކްސިންގެ ސަބަބުން ހަށިގަނޑުގައި ދިފާއީ ނިޒާމު ވަރުގަދަވާ ގޮތަށް ހާލަތަށް ބަލާއިރު ޓޫރިޒަމްގެ ދިފާއު ވެސް މި ވެކްސިންގެ ސަބަބުން ވަރުގަދަ ވެގެން ދާނެ އެވެ. ރާއްޖެއަށް ކުރިއެރުން ލިބޭނެ އެވެ.

ތްރީވީގެ ވާހަކަ ނޫނީ މިކަން ކުރާނެ ވާހަކަ ދުނިޔޭގެ އެހެން ގައުމަކުން ނުދައްކަނީ ކޮންމެހެން އެ ހިޔާލު އެ ގައުމުތަކުގެ ސްޓެރެޓަޖީގައި ނެތިގެނެއް ނޫނެވެ. އެ ވަރަަށް ވެކްސިން ލިބޭނެ ކަމުގެ ޔަގީންގަން ނެތީމަ އެވެ. ދުނިޔެ އިން އެ ސަޅިބައިސާ ނުކަނޑަނީ އެހެން ވެގެނެވެ. އެކަމަކު މި ވާހަކަ ރާއްޖެއަށް މި އޮތީ މިހާރު ދެއްކިފަ އެވެ.

ވެކްސިން ހޯދުން ފަސޭހައެއް ނުވާނެ

ދުނިޔޭގައި ކޮވިޑް-19 ގެ ވެކްސިން މިހާރުވެސް ވެފައިވަނީ މާވަހަރަށް ވުރެ ވެސް ތަދުއެއްޗަކަށެވެ. ދުނިޔޭގައި ވެކްސިން އެންމެ ފުޅާކޮށް އުފައްދާ ގައުމު ތަކުން ވެސް އެ އުޅެނީ އެ ގައުމުތަކަށް ބޭނުންވާ ވަރަށް އެ ނުލިބިގެނެވެ. ރާއްޖޭން ވެކްސިން ހޯދަ މައިގަނޑު ގައުމަކީ އިންޑިއާ އެވެ. އިންޑިއާއިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އެހީތަކެއް ދީގެން ދިވެހިން އެ ވެކްސިން ޖަހަމުން ދިޔަ ނަމަވެސް އެ ވެކްސިން ވެސް ބޭނުންވާ ވަރަށް ނުލިބިދާނެ ކަމުގެ ހީތަކެއް މިހާރު ވަނީ ކުރެވެން ފަށާފަ އެވެ.

ސަބަބަކީ ރާއްޖޭގެ އާބާދީއަށް ހަމައެކަނި ބޭނުންވާ 700،000 ޑޯޒަށް ޖަހާފައިވާ ވެކްސިންގެ އޯޑަރު ވެސް ލިބޭނެ ދުވަހެއް ޔަގީންކަން ސަރުކާރަށް ދެވިފައި ނެތުމެވެ. އެހެން މީހެއްގެ ގަޔަށް ވެކްސިން ޖަހަން ސަރުކާރަށް ވިސްނޭނީ ދިވެހިންނަށް ވެކްސިން ޔަގީވި ދުވަހަކުންނެވެ. މިހާރު މަންޒަރު ފެންނަ ގޮތުން އެކަމުގައި އަދި އެއް އަހަރު ވެސް ނަގާފާނެ އެވެ. އެ މުއްދަތުގައި ދުނިޔޭގެ ގިނަ ބަޔަކު ވެސް ހޯދުނު ގޮތަށް ފުރުސަތު ހޯދައިގެން ތިބޭނީ ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށްގެނެވެ.

މިހައި ދަތިކޮށް ދުނިޔޭގައި ވެކްސިން ލިބުން އޮތްއިރު، ރާއްޖޭން މިހާރު ދުނިޔެއަށް މިދައްކާ "ތްރީވީ" ދަޅައަކީ އަކީ އެންމެ ފަހު ވަގުތު ރާއްޖޭން ހާލަތުގެ ބޭނުންކޮށް ކަނޑާލި ސަޅިބައިސާއަކަށް ވުމަކީ ގާތް ކަމެއް ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރައްވަ އެވެ. އަނެއްކޮޅުން މި ވެކްސިން ޖަހާނެ ތާރީހެއް ޓޫރިޒަމް އިންޑަސްޓްރީއަށް ނޭނގުމަކީ ބޭރުގެ އޮޕަރޭޓަރުންގެ ސުވާލުތަކާ ޓޫރިޒަމް ސިނާއަތް ކުރިމަތިލާން ޖެހޭނެ ކަމެކެވެ. މިހާރު ވެސް ޓުއާ އޮޕަރޭޓަރުން ވަނީ އެ ސުވާލުތައް އަހަން ފަށާފަ އެވެ. އެ މީހުންގެ މައިގަނޑު ސުވާލަކީ މިކަމެއް ރާއްޖޭން ފެށޭނީ ކޮން އިރަކުން ހެއްޔެވެ؟ އޭގެ ތާރީހެއް ދޭށެވެ.

ދިވެހި ޓްރެވަލް ކުންފުންޏެއްގެ އިސްވެރިއަކު ނޫހުގައި ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވި ގޮތުގައި ޓޫރިޒަމް ސިނާއަތާ މަޝްވަރާ ނުކޮށް ސަރުކާރުން އިއުލާނުކުރި "ތްރީވީ" އަށް ޓޫރިޒަމްގެ ސުވާލުތައް ވަރަށް ގިނަ އެވެ.

"އެބަ އަހާ ކޮން އިރަކުން ހޭ ތިޔަ ވެކްސިން ޖަހަން ފެށޭނީ. އެހެން ބުނީމަ އަަޅުގަނޑުމެން މި ބުނަނީ ދިވެހިންނަށް ޖަހާ ނިންމާފައޭ. ސަރުކާރުން އޭރު އަންދާޒާކުރީ ހަ މަސް ތެރޭ ރާއްޖޭގައި ވެކްސިން ޖަހާ ނިންމަން. އެކަމަކު މިހާރު ހިއެއް ނުވޭ އެހެން ވާނެ ހެނެއް. ދެން އެހެންވީމަ މިހާރު ދޭނެ ޖަވާބެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ތްރީވީ ފެށިއްޖެ ނަމަ ފައިދާ

ޓޫރިސްޓުނާ ހަމައަށް ވެކްސިން ޖެހޭނެ ދުވަހެއް ބުނަން ނޭނގުނު ނަމަވެސް އެކަން ކުރެއްވިއްޖެނަމަ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ފައިދާ ބޮޑެވެ. މިއީ ހުވަފެނެއް ނޫނީ ސަޅިބައިސާއެއްގެ ގޮތުގައި ބެލިއަސް މިކަން ކުރެވޭނެ ގޮތެއް ކޮންމެވެސް ގޮތަކުން ހޯދަން ވެސް ޖެހެ އެވެ. ރާއްޖެ އަންނަން ނަގާ އިންޝުއަރެންސް ޕެކޭޖުގެ ތެރެއިން ނުވަތަ ހިލޭ ނަމަ ވެސް މިކަން ކުރެވިއްޖެނަމަ ރާއްޖޭގެ އެވްރެޖު ސްޓޭ މަތި ވެގެންދާނެ އެވެ.

"ތްރީވީ" ތައާރަފު ކުރެއްވިއްޖެނަމަ ދެ ޑޯޒް ޖަހާފައި ރާއްޖޭން ދާގޮތަށް ހޮލިޑޭ ޕެކޭޖު ވިއްކުމުގެ ފުރުސަތު ހުޅުވޭނެ އެވެ. މިއީ ޓޫރިޒަމްގެ އާމްދަނީ އެތަަށް ގުނައެއް މަތި ވެގެންދާނެ ކަމެކެވެ. އެހެންވެ "ތްރީވީ" ކާމިޔާބު ކުރަން ސަރުކާރުން މަސައްކަތް ކުރުން މުހިންމެވެ.

އެކަމަކު އޮތް ސުވާލަކީ، ތްރީވީ ޓޫރިޒަމް ތައާރަފު ކުރެއްވިދާނެ ގޮތަކީ ކޮބައި ހެއްޔެވެ؟ މި ހާލަތުގައި އެންމެ ބޮޑު ޗެލެންޖަކަށް ވާނީ ވެކްސިން ހޯދުމެވެ. އެހެންވެ، ރާއްޖޭގައި ތިބި ދުނިޔޭގެ ބޮޑެތި ހޮޓެލް ޗެއިންތަކާއި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ސަރުކާރުގެ އެންމެ މަތީ ލެވަލްގައި މަޝްވަރާތައް ފެށުން މުހިންމެވެ. މިގޮތަށް ނަމަވެސް މިކަން ކާމިޔާބު ވޭތޯ ބަލަން އެބަޖެހެ އެވެ. އެހެން ނޫނަމަ ދުނިޔެ އިން ބަލާނީ ވެކްސިން ޓޫރިޒަމަކީ ރާއްޖޭން ކެނޑި ސަޅިބައިސާއެއްގެ ގޮތުގަ އެވެ. މިއީ ރާއްޖޭން ކުރިއަށް އޮތްތަނުގައި ފަށާ ޓޫރިޒަމް ކެމްޕޭންތަކަށް ހިޔަނި އެޅޭނެ ވެސް ކަމެކެވެ. ދެން މިފަދަ ކެމްޕޭނެއް ފަށާއިރު ރާއްޖޭގެ އިމޭޖާމެދު ދެކޭ ގޮތް ބަދަލު ވެގެން ދާނެ އެވެ.