ގައުމަކަށް ދަތުރު ކުރާއިރު ކޮންމެ މީހަކު ވެސް މިހާރު ބޭނުންވަނީ "ސޭފްޓީ" އެވެ. ރައްކާތެރިކަމުގެ ޔަގީން ކަމެކެވެ. މުޅި ދުނިޔެ ބިރު ގަންނަވާލާފައިވާ ކޮވިޑް-19 ގެ ރޯގާ ނުޖެހޭނެ ކަމުގެ ޔަގީން ކަމެކެވެ. ރާއްޖެ ފަދަ ވަކިވަކިން ރަށްތައް ހުރި މަންޒިލްތައް މި ހާލަތުގައި މަގުބޫލުވާ ސަބަބަކީ ވެސް މި އެވެ. ބޯޑަރު ހުޅުވުމާއެކު ރާއްޖެ އަށް "ނެޗުރަލް ޑިމާންޑް" އެއް އުފެދުނީވެސް އެހެންވެ އެވެ. މިހާރު މުޅި ދުނިޔެ ބަލަނީ ވެކްސިނަށެވެ. ގިނަ ބަޔަކު ގަބޫލު ކުރަނީ ވެކްސިނުން ރައްކާތެރިކަން ހޯދޭނެ ކަމަށެވެ. އެމީހުން "އިމިއުން" ވާނެ އެވެ. ނުވަތަ ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރަން ހަށިގަނޑު ތައްޔާރުވާނެ އެވެ. އެހެންވީއިރު ކޮވިޑް-19 ގެ ވެކްސިން ބޭނުންކޮށްގެން ރާއްޖެ އިސްތިހާރު ކުރެވިދާނެ ހެއްޔެވެ؟ ވެކްސިން ޖަހާއިދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރެވިދާނެ ހެއްޔެވެ؟ ވެކްސިން ޖަހަން ރާއްޖެ އަށް މީހުން އަންނާނެ ގޮތް ހެދިދާނެ ހެއްޔެވެ؟
"ވެކްސިން ޖަހާ މަންޒިލެއްގެ ގޮތުގައި ރާއްޖެ މަގުބޫލުކޮށް ލެވިދާނެ. އެކަމަށް މަސައްކަތްކޮށް ކާމިޔާބު ވެއްޖެނަމަ އެވާނީ ރާއްޖެ އަށް ލިބޭނެ ބޮޑު އެޑްވާންޓޭޖަކަށް،" އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ ގެސްޓްހައުސް ވިޔަފާރީގެ ޖަމިއްޔާ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ އާބާދީއަށް ކުރިއަށް އޮތް ހަ މަސް ތެރޭ ވެކްސިން ޖަހާ ނިންމުމުގެ އަމާޒެއް ހިފައިފަ އެވެ. މީގެ މަގުސަދަކީ ރާއްޖޭގެ އާބާދީއެއްކޮށް "އިމިއުން" ކުރުމެވެ. އާބާދީގައި ކޮވިޑް ބައްޔާ ދެކޮޅަށް މަސައްކަތް ކުރާނެ ދިވާއު އުފެއްދުމެވެ. އެ މަގުސަދުގައި ވެކްސިން ޖަހަން ފަށާފައިވާއިރު މިހާތަނަށް ހަފުތާއެއްގެ ތެރޭ 12،000 މީހުންނަށް ވެކްސިން ޖަހައިފި އެވެ.
ރާއްޖޭގައި ޖަހަނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެ އަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުން ވެސް ވަނީ ދިވެހިރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.
އެހެންވެ އުންމީދަކީ ހަ މަހަށްފަހު ދިވެހިންނަށް މިބަލީގެ ރައްކާތެރިކަމުގެ ބޮޑުބައެއް ޔަގީންވުމެވެ. މި ޔަގީންކަމަކީ ޓޫރިޒަމަށް ވެސް ލިބޭނެ ޔަގީން ކަމެކެވެ. ރާއްޖެ އަންނަ މީހުންނަށްވެސް ލިބޭނެ ޔަގީން ކަމެކެވެ. އެއަށްފަހު ދެން ވިސްނަންވީ ރާއްޖެ އަށް މީހުން ގެނެސްގެން ވެކްސިން ޖަހައިދޭން ފެށުމެވެ.- މި ވިސްނުން ސަރުކާރުން އެބަ ގެންގުޅެ އެވެ.
ވެކްސިން މަންޒިލް- ސަރުކާރުގެ ވިސްނުމެއް
އަވަސް އަށް ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ފުރަތަމަ ބަލަނީ ރާއްޖޭގެ އާބާދީ އަށް ވެކްސިން ދޭން ކަމަށާ، އޭގެފަހުގައި ޓޫރިސްޓުންނަށް ވެކްސިން ޖަހަން ފެށުމަކީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ވިސްނުމެއް ކަމަށެވެ.
"ސަރުކާރުގެ ވިސްނުމެއް އެއީ ޓޫރިސްޓުންނަށް ވެސް ވެކްސިން ދިނުން. ސްޓޮކް ލިބޭ ވަރަކުން އެކަން ކުރެއްވުމުގެ ވިސްނުން ގުޅުއްވާ،" ޑރ. މައުސޫމް ވިދާޅުވި އެވެ.
ސަރުކާރުގެ ވިސްނުމެއް އެއީ ޓޫރިސްޓުންނަށް ވެސް ވެކްސިން ދިނުން. ސްޓޮކް ލިބޭ ވަރަކުން އެކަން ކުރެއްވުމުގެ ވިސްނުން ގުޅުއްވާއަބްދުﷲ މައުސޫމް | ޓޫރިޒަމް މިނިސްޓަރު
އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ވެކްސިން ޖަހަން ފެށުމަކީ ވެސް އަންނަން ތިބި މީހުންނަށް ލިބުނު ބޮޑު ޔަގީން ކަމެއް ކަމަށެވެ.
"މިހާރު ވެކްސިން ޖަހަމުން އެބަދަނީ ރިސޯޓު ސްޓާފުންނަށް ވެސް. ޕްރަންޓްލައިންގެ ހިދުމަތްތެރިންނަށް. އެހެންވެ މިއީ ވަރަށް ބޮޑު ޔަގީންކަމެއް. އެހެންވެ ކުރިއަށް އޮތީ އަންނަ މީހުންނަށް ޖެހުން. މި ވިސްނުން ސަރުކާރުން ގެންގުޅުއްވާ،" މައުސޫމް ވިދާޅުވި އެވެ.
"ވެކްސިން ޑެސްޓިނޭޝަން" އެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރެވިދާނެ ކަމަށް އިންޑަސްޓްރީގެ ދުވަސްވީ ބައެއް ތަޖުރިބާކާރުން ވެސް ގަބޫލު ކުރައްވަ އެވެ. މިކަމުގައި ކުރިމަތިވާނެ ހަމައެކަނި ގޮންޖެހުމަކީ އެކަށީގެންވާ ސްޓޮކެއް ހޯދުމެވެ. އެކަމަކު މިއީ ވެސް ދޭދޭ ގުޅުންތަކާއެކު ދުނިޔެއަށް ކުޅެލާ ހިކުމަތު އަމަލީއަކުން ނުހޯދޭނެ އެއްޗެކޭ ބުނެވޭކަށް ނެތެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްވީ ބޭފުޅެއް ކަމަށްވާ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި އެކަށީގެންދާ ސްޓޮކެއް ހޯދަން ޗެލެންޖަކަށްވާނެ އެވެ. އެކަމަކު މިއީ ވެދާނެ ޕޮސިބަލް ކަމެއްގެ ގޮތުގައި އޭނާވެސް ގަބޫލު ކުރައްވަ އެވެ.
"މިހާރު ލިބިގެން މި އުޅެނީ ރާއްޖެ ފަދަ ގައުމަކަށް ހިލޭ ލިބިގެންއުޅޭ ސްޓޮކެއް. ހޯދުން ދަތިވާނީ. އެކަމަކު އުޅެފިއްޔާ ލިބިދާނެ. ހޯދޭނެ ގޮތްވެސް އެބައޮތް،"
ދެ މިލިއަން ޓޫރިސްޓުން ގެނެވިދާނެ ގޮތެއް
ވެކްސިން މަންޒިލެއްގެ ގޮތުގައި ރާއްޖެ ހަދަން ބޭނުންނަމަ ބޭނުންވަނީ އިތުރަށް ވެކްސިންގެ ދެ މިލިއަން ޑޯޒެވެ. މާނައަކީ އެއީ ދެ މިލިއަން ޓޫރިސްޓުންނެވެ. މި ދެ މިލިއަން ޑޯޒު ހޯދިއްޖެނަމަ ރާއްޖެއަކީ ވެކްސިން ޖަހައިދޭ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރަން ފަށަންވީ އެވެ. އޭރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެކްސިން ޖަހަން އަންނާނެކަން ޔަގީނެވެ.
ދުނިޔޭގެ އެތަށް ބިލިއަން މީހުންގެ ނަޒަރު ހުއްޓިފައި ތިބީ ވެކްސިން އަށެވެ. އެހެންވީއިރު ވެކްސިން ނުހޯދަންވީ ސަބަބެއް ނެތެވެ. ދުނިޔޭގައި ގިނަ ވެކްސިންތައް އުފައްދާފައިވަނީ ދެ ޑޯޒް ޖަހާ ގޮތަށެވެ. މާނައަކީ ރާއްޖޭގެ ރިސޯޓަކަށް އައިސް އެއް ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒެއް ވެސް ޖަހައިގެން ދެވޭ ގޮތަށް ހެދިދާނެ އެވެ. މިހާރު ގިނަ ވެކްސިންތަކުގެ ޑޯޒްގެ ދެމެދުގައި ދެ ހަފުތާ އެވްރެޖުކޮށް ނަގަ އެވެ. މިއީ ޓޫރިސްޓުންގެ ސްޓޭ އިތުރު ކުރެވިދާނެ ގޮތެވެ.
ޓޫރިސްޓުންގެ ސްޓޭ މަތި ކުރެވިދާނެ
މިގޮތަށް ބޭރުން އެއް ޑޯޒް ޖަހައިގެން ތިބި މީހުންނަށް ދެވަނަ ޑޯޒް ޖަހަން އާދެވޭ ގޮތްވެސް ހެދިދާނެ އެވެ. ނޫނީ ރާއްޖެ އައިސް ދެ ޑޯޒް ޖަހައިގެން ދާގޮތަށްވެސް ހެދިދާނެ އެވެ. މި ބަދަލު ގެނެވިއްޖެނަމަ މިހާރު ޓޫރިސްޓުންގެ\އެވްރެޖު ސްޓޭގެ ގޮތުގައި އޮތް ނުވަ ދުވަސް 14 ދުވަހަށް އިތުރުވާނެ އެވެ. ސްޓޭ އިތުރުވުމުގެ މާނައަކީ ގިނަ ފައިސާ ހޭދަ ކުރުމެވެ. ގިނަ ވިޔަފާރި ކުރުމެވެ. ގިނަ ވިޔަފާރި ކުރާނަމަ ޓޫރިޒަމް ޓެކުހާއި ޖީއެސްޓީ އަދި ގްރީން ޓެކްސް ޑަބަލް ވެގެންދާނެ އެވެ.
ރަށްރަށުގައި ތިބޭ ޓޫރިސްޓުން ގިނަ ދުވަހު ތިބޭނަމަ ރަށުތެރެ ތިޔާގެ ވެގެންގޮސް ޓޫރިޒަމް އޮކިއުޕެންސީ ޖަންޕެއް ޖަހައި މަތިވެގެންދާނެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް އެކަމަށް އެއްބަސްވެ ވަޑައިގަނެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެގޮތަކީ ސްޓޭ އިތުރުވާނެ ކަމެކެވެ.
"މިހާރު ދުނިޔޭގައި ލޯންގް ސްޓޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ބަލައިގޭ. އެހެންވެ ތިއީވެސް ކުރެވިދާނެ ކަމެއް،" ޑރ. މައުސޫމް ވިދާޅުވި އެވެ.
ދެން އޮތީ އެހެން ސުވާލެކެވެ. ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް ހިލޭ ވެކްސިން ޖެހިދާނެ ހެއްޔެވެ؟ ނޫނީ ވެކްސިން ވިއްކާނީ ހެއްޔެވެ؟ އެ މީހުންނަށް ވެކްސިން ދިނުމަކީ ދައުލަތުގެ ބަޖެޓަށް ބުރައަކަށް ވެދާނެ ހެއްޔެވެ؟
މީގައި ހެދިދާނެ އެއް ގޮތަކީ އިންޝުއަރެންސުގެ ތެރެ އަށް ވެކްސިން ހިމެނުމެވެ. އޭރުން ރާއްޖެ އަންނަން ނަގާ ޓްރެވަލް އިންޝުއަރެންސުގައި 10 ނޫނީ 20 ޑޮލަރުގެ ވެކްސިން ދެ ޑޯޒް ހިމެނޭނެ އެވެ. އޭރުން އިންޝުއަރެންސް ޕެކޭޖު ނަގައިގެން ރާއްޖެ އައިސް ވެކްސިން ވެކްސިން ޖަހައިގެން ދާނެ އެވެ. އަނެއް ގޮތަކީ ދައުލަތުން ވެކްސިން ގަނެ ކުޑަ ފައިދާއެއް ލައި ޓޫރިޒަމް ސިނާއަތަށް ފޯރުކޮށްދިނުމެވެ. މިގޮތަށް ހަދައިފިނަމަ ރާއްޖޭގައި ހުރި ބޮޑެތި ހޮޓެލް ޗެއިންތަކުން ވެކްސިން ގަންނާނެ އެވެ. މިއީ އިތުރު އާމްދަނީއެއްވެސް އިތުރުވާނެ ގޮތެކެވެ.
ކުރިން ވާހަަކަ ދެއްކެވި ގޭމްގެ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޖޯންސަން އެންޑް ޖޯންސަން ފަދަ ކުންފުނިތަކުން އެއް ޑޯޒު ޖަހާ ވެކްސިން ހަދާފައިވާ ކަމަށެވެ. އެހެންވެ މި ވެކްސިން ލިބޭނެ ގޮތެއް ވެއްޖެނަމަ ވެކްސިން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރަން ފަސޭހަވާނެ އެވެ.
"އެމެރިކާގައި އަދި ހުއްދައެއް ނުދޭ. އެކަމަކު ހުއްދަ ދިނުމާއެކު މިވެސް ވާނެ ތަފާތު ވެކްސިނަކަށް. މިއީ މިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް،" އަބްދުﷲ ވިދާޅުވި އެވެ.
ދިވެހިންގެ ގަޔަށް ޖަހާ ވެކްސިންގެ އިތުރުން އަދި އިތުރު ދެ މިލިއަން ވެކްސިން ޑޯޒް ހޯދިއްޖެނަމަ މި އަހަރު ނުވަތަ އަންނަ އަހަރުގެ ދެ މިލިއަން ޓޫރިސްޓުންގެ ޓާގެޓެއް ކަނޑައެޅިދާނެ އެވެ. ދެ މިލިއަން ޓޫރިސްޓުން ގެނެސް ގިނަ ދުވަހު ރާއްޖޭގައި ސްޓޭ ވެއްޖެނަމަ ދައުލަތުގެ އާމްދަނީގައި މިހާރު އޮތް ހަނަފަސް ދެ އަހަރުގެ ފަރަގު ކުޑަކޮށް ތިޔާގި އަހަރުތަކެއްގެ ކޮޅުމަތި ފެންނާނެ ގޮތް ހެދިދާނެ އެވެ.