ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާފުށި

މާފުށީ ގެސްޓްހައުސް ހިންގާ މީހުންގެ ވެކްސިން ފަށައިފި

Feb 8, 2021

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ހަރަކާތް ހިންގާ އެއް ރަށް ކަމަށްވާ ކ. މާފުށީގެ ޓޫރިޒަމް ހިދުމަތްދޭ ފަރާތްތަކަށް ކޮވިޑް-19 ގެ ވެކްސިން ދޭން ފަށައިފި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން އިސް ނަގައިގެން އިއްޔެ މާފުށީގައި ފެށި ވެކްސިން ޕޮރޮގްރާމުގައި ފުރަތަމަ ވެކްސިކް ޖަހާފައިވަނީ ގޭމްގެ ރައީސް އަބްދުﷲ ނަޝީދު އެވެ.

މާފުށީގައި އެންމެ ފުޅާކޮށް ގެސްޓްހައުސްގެ ވިޔަފާރި ކުރާ އެއް ފަރާތް ކަމަށްވާ އަބްދުﷲ ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މާފުށީގައި ފެށި ވެކްސިން ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 200 ފަރާތަކަށް ވެކްސިން ދޭން ހަމަޖެހިފައިވެ އެވެ.

ރާއްޖޭގައި މިހާތަނަށް މާލެ ސަރަހައްދުން 7،963 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފަ އެވެ. އަދި އަތޮޅުތަކުން 1،789 މީހަކަށް ވެކްސިން ދީފައިވެ އެވެ. މިހާތަނަށް މުޅިރާއްޖޭން 9،000 ވުރެގިނަ ފަރާތްތަކަށް ވެކްސިން ޖަހާފައިވެ އެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހަ އެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މިވަގުތު 55 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިން ޖެހޭނެ އެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.