ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓޫރިޒަމް މުވައްޒަފުން ވެކްސިނަށް ރެޖިސްޓްރީވާން ހުޅުވާލައިފި

Feb 3, 2021
1

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ މީހުންގެ ނަމާއި އުފަން ތާރީހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓާއި މަގާމާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވަން އެދިފައިވެ އެވެ. ބިދޭސީ މުވައްޒަފުން ރަޖިސްޓްރީވާން ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ވެސް ހިމަނަން ޖެހޭނެ އެވެ.

ވެކްސިން ޖަހަން، ރިސޯޓު މުވައްޒަފުންނާއި ސަފާރީ އާއި ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަޖިސްޓަވެވޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަންނަ ހަފްތާގައި ވެކްސިން ދޭން ފެށޭވަރުވާނެކަމަށް ބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

މިގޮތުން، ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންނަށް 10،000 ވެކްސިން ޑޯޒް މިހާރު ހާއްސަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގައި ތައްޔާރުކުރި ކޮވިޑް ވެކްސިން އިއްޔެ ރާއްޖޭގައި ދޭން ފެށިއިރު އެންމެ ފުރަތަަމަ އިސްކަންދީފައިވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރީންނަށެވެ.

ސްޓާފުން ވެކްސިން ޖަހަން މާލެ އަންނަން ނުޖެހޭނެކަމަށާއި އެ ސްޓާފަކު ދިރިއުޅޭ ސަރަަހައްދުން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ އާ ހަމައަށް 800 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދެވިފައިވާއިރު، މިއަދު ރާއްޖޭގެ ހުރިހާ ހޮސްޕިޓަލުތަކެއްގައި ވެކްސިން ދޭން ވަނީ ފަށައިފަ އެވެ.