މިދިޔަ އަހަރުގެ މާޗް މަހު ބޯޑަރު ބަންދުކޮށް ޖުލައި މަހު ރާއްޖެ ހުޅުވި އެވެ. އޭރު ރާއްޖެވީ ދުނިޔޭގައި ވެސް އޮތް އެންމެ އަވަހަށް ހުޅުވި ގައުމުތަކުގެ ތެރޭގަ އެވެ. ރާއްޖޭގެ ހުޅުވުމާއެކު ރާއްޖެ މައުގޫލު ވެގެން ދިޔައީ "އެންމެ ސޭފް" މަންޒިލްގެ ގޮތުގަ އެވެ. އަދި ދުނިޔޭގައި ހުޅުވާފައި ހުރި މަދު މަންޒިލްތަކާއެކު ރާއްޖެއަށް އޮތް ޑިމާންޑް އުފުލިގެން ދިޔަ އެވެ. އެ ހިސާބުން ރާއްޖެއަކީ ދިގު މުއްދަތަކަށް މަސައްކަތް ކުރަން އަންނާނެ މަންޒިލަކަށް މަޝްހޫރުވިއެވެ. ނަމަވެސް އޭރު ވެސް އޮތް ބިރަކީ ބައްޔެވެ. މި ބަލިން ރައްކާތެރިވާނެ ހަގީގީ ބޭހެއް ނެތުމެވެ. ދުނިޔެ އިންތިޒާރު ކުރަމުން ދިޔައީ ވެކްސިނެއް އަންނާނެ ދުވަހަކަށެވެ. ދުނިޔެ އަށް ވެކްސިނެއް ލިބުނު ދިޔައީ މިބަލީގައި ތިބި މީހުންނާއި ބަލީގެ ބިރަށް ހުށަހެޅިފައިވާ އެތަށް ބަޔަކު އުފަލުން ފޮޅު ކަމަށެވެ. ގައުމުތަކުގެ އިގްތިސޯދަށް ދިރުން ލިބިދާނެކަމުގެ ކޮޅުމަތި ފެނުނު ކަމަށެވެ. އެފަދަ އެއް ގައުމަކީ ރާއްޖެ އެވެ. ވެކްސިނާއެކު ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އުންމީދެއް ލިބިގެން ދިޔަ އެވެ.
"ވެކްސިންގެ ސަަބަބުން ޓޫރިޒަމަށް އިތުރު އުންމީދެއް ގެނެސްދީފި. އިރާދުކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ދިވެހި ރައްޔިތުންގެ ގަޔަަށް ވެކްސިން ޖަހައި، އަންނަ ޓޫރިސްޓުން ވެކްސިން ޖަހައިގެން އަންނަން ފެށީމަ ކުރިން ޓޫރިޒަމް އޮތް ހާލަތަށްދާނެ،" އަވަސް އަށް ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.
ޓޫރިޒަމް ސިނާއަތަށް ވެކްސިން ދޭން ފެށުން
ރާއްޖޭން ވެކްސިން ޖަހަން ފަށާފައިވާއިރު، ރާއްޖޭގައި ޖަހަނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެ އަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެކްސިން ދޭން ވެސް ވަނީ ފަށާފަ އެވެ. ސަބަބަކީ އިކޮނޮމީ ހިންގަން ބާރު އެޅުމެވެ. އެގޮތުން ވެކްސިން ޖެހުމުގެ ޕްރޮގްރާމުގެ ދަށުން 27،000 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ވެކްސިން ރިސޯޓު މުވައްޒަފުންނަށް ވީހާ ފަސޭހައިން ވެކްސިން ދެވޭނެ އިންތިޒާމެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މުވައްޒަފުން ރިސޯޓުގައި ތިބެގެން ނޫނީ ކައިރި ރިސޯޓަކަށް ގޮސްގެން ވެކްސިން ޖަހާ ގޮތަށް އިންތިޒާމު ކުރާނީ. އެ މަގުސަދުގައި ވެކްސިން ޖެހުން ފެށިގެން މިދިޔައީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.
ދިވެހިނަށް ވެކްސިން ޖެހުމުގެ އިތުރުން ޓޫރިސްޓުނަށް ވެސް ވެކްސިން ދިނުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ. މިކަން ވެެގެންދާނީ މި ހާލަތުގައި އާ ޓޫރިޒަމެއް ތައާރަފު ވެގެންދާނެ ކަމަށެވެ.
ރައްޔިތުން މަޖިލީހުގައި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ވޯކް އެންޑް ވެކޭޝަންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރާ ގޮތަށް ވެކްސިންދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް "ވިޒިޓް، ވެކްސިން، ވެކޭޝަން" ގެ ޓެގްލައިންއެއް ބޭނުންކޮށްގެން ރާއްޖެ ޕްރޮމޯޓް ކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
ކޮވިޑަށް ދޭ ވެކްސިންގެ ދެ ޑޯޒެއް ފުރިހަަމަކުރަން ޖެހެ އެވެ. ދެވަނަ ޑޯޒް ފުރިހަމަ ކުރަން ޖެހެނީ ފުރަތަމަ ޑޯޒް ޖަހާތާ ތިނެއް ނުވަތަ ހަތަރު ހަފްތާ ފަހުން ނެެވެ. އެހެން ކަމުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރަން ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހެ އެވެެ. އެގޮތަށް ދިގު މުއްދަތަކަށް ރާއްޖޭގައި ފަތުރުވެރިން ތިބެން ފަށައިފިނަމަ ރާއްޖެއަށް އޭގެން ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަން މައުސޫމް ފާހަގަ ކުރެއްވި އެވެ.
ޓޫރިސްޓުންގެ ސްޓޭ އިތުރު ކުރަން ފިޔަވަޅު
ސަރުކާރުން މިހާރު ވިސްނަމުން ދަނީ ޓޫރިސްޓުން ރާއްޖޭގައި ތިބެވޭނެ މުއްދަތު އިތުރު ކުރުމެވެ. މިހާރު މަސް ދުވަހު ޓޫރިސްޓުން ތިބެވެ އެވެ. ނަމަވެސް މި އަދަދު 90 ދުވަހަށް އިތުރު ކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅަން ދަނީ ތައްޔާރު ވަމުންނެވެ. މީގެ މައިގަނޑު ބޭނުނަކީ ޓޫރިސްޓުންނަށް ވެކްސިން ޖެހުމުގެ ވިސްނުން ގެންގުޅޭއިރު ރާއްޖޭގައި ތިބެ ދެ ޑޯޒް ފުރިހަމަ ކުރަން ފުރުސަތު ފަހި ކުރުމެވެ.
މީގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން ބޭރުން އެއް ޑޯޒް ޖަހައިގެން ތިބި މީހުންނަށް ދެވަނަ ޑޯޒް ޖަހަން އާދެވޭ ގޮތަށް ހެދުމަށްވެސް ވިސްނުން ގުންގުޅުއްވަ އެވެ. މި ބަދަލު ގެނެވިއްޖެނަމަ މިހާރު ޓޫރިސްޓުންގެ އެވްރެޖު ސްޓޭގެ ގޮތުގައި އޮތް ނުވަ ދުވަސް 14 ދުވަހަށް އިތުރު ވާނެ އެވެ. ސްޓޭ އިތުރުވުމުގެ މާނައަކީ ގިނަ ފައިސާ ހޭދަ ކުރުމެވެ. ގިނަ ވިޔަފާރި ކުރުމެވެ. ގިނަ ވިޔަފާރި ކުރާނަމަ ޓޫރިޒަމް ޓެކުހާއި ޖީއެސްޓީ އަދި ގްރީން ޓެކްސް ޑަބަލް ވެގެންދާނެ އެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ފެށުމާއެކު، މުޅި އިކޮނޮމީއަށް މިވަނީ އުންމީދެއް ލިބިގެން ގޮސްފަ އެވެ. މިހާރު އުންމީދަކީ މި އަހަރު ސަރުކާރުގެ އަމާޒަކީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ.