އެސްއެމްއީ ވިޔަފާރި

ކުދި އަދި މެދު ފަންތި ގިންތިކުރާ ގަވައިދު ނެރެފި

Jan 9, 2022

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކޮށް އެކަމަށް ހާއްސަ ގަވާއިދު ނެރެފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނުން ބާރު ލިބިގެން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނެރެފައިވާ "ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުމާ ބެހޭ ގަވާއިދު" ގެ މަގުސަދަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ހުރިހާ ވިޔަފާރިތައް ގިންތިކޮށް ވިޔަފާރި އަށް ލިބިފައިވާ ގިންތިއަށް އަންނަ ބަދަލު ދަފުތަރުގައި ހިމަނައި އެ މައުލޫމާތު އާންމުކުރުމުގައި މިނިސްޓްރީން އަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ.

ވިޔަފާރީގެ ގިންތިތައް

  • އެންމެ ކުދި ފަންތީގެ ވިޔަފާރި
  • ކުދި ފަންތީގެ ވިޔަފާރި
  • މެދު ފަންތީގެ ވިޔަފާރި

މި ގަވާއިދުގައިވާ ގޮތުން ވަކި ގިންތި އަކަށް ވިޔަފާރިއެއް ކަނޑައެޅުމުގައި ބަލާނީ، އެ ވިޔަފާރި އަކުން ފޯރުކޮށްދޭ ހިދުމަތްތަކެވެ.

ވިޔަފާރި ގިންތިކުރާނެ ގޮތް

  • އެންމެ ކުދި ވިޔަފާރި (0-5 މުވައްޒަފުން) އާމްދަނީ ފަސް ލައްކަ، ސާފު ފައިދާ 75،000ރ. އާ ހަަމައަށް
  • ކުދި ވިޔަފާރި (6-30 މުވައްޒަފުން) އާމްދަނީ ފަސް ލައްކަ ރުފިޔާއަށް ވުރެ މަތި ފަސް މިލިއަނާ ހަމައަށް ސާފު ފައިދާ 75،000ރ. އަށްވުރެ މަތި، 750،000ރ. އާ ހަަމައަށް
  • މެދު ވިޔަފާރި (31-100 މުވައްޒަފުން) ފަސް މިލިއަން ރުފިޔާއަށް ވުރެ މަތި، 20 މިލިއަން ރުފިޔާއާ ހަމައަށް، ސާފު ފައިދާ 750،000ރ. އަށް ވުރެ މަތި، ތިން މިލިއަން ރުފިޔާ އާ ހަަމައަށް

މި ގަވައިދު ނެރުމާއެކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި ވަޒީފާއާ ބެހޭ ގާނޫނު ތަންފީޒުކުރާ އިދާރާ އިން ލިބޭ މައުލޫމާތަށް ބިނާކޮށް، ކޮންމެ އަހަރެއްގެ އޯގަސްޓު މަސް ނިމުމުގެ ކުރިން ވިޔަފާރިތަކަށް ދީފައިވާ ގިންތި މިނިސްޓްރީން މުރާޖައާކޮށް، އެއްވެސް ބަދަލެއް އައިނަމަ އެ ބަދަލު އެނގޭނެ ގޮތަށް، އެ ވިޔަފާރިއެއްގެ ގިންތި ރިކޯޑު ކުރަން ޖެހެ އެވެ.