ވިޔަފާރި

ގަލްފް ކްރާފްޓުން ރާއްޖޭގައި 400 މިލިއަން ޑޮލަރު އިންވެސްޓެއް ކުރަނީ

ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުނިން ރާއްޖޭގައި ގާތްގަނޑަކަށް 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރު (4,6 ބިލިއަން ރުފިޔާ އާއި 6.1 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓެއް ކުރަން ނިންމައިފި އެވެ.

ރާއްޖޭގައި މިހާރު ވެސް ކަނޑު އުޅަނދު ފަހަރު ބަނުމުގެ މަސައްކަތް ފުޅާ ދާއިރާއެއް ކުރާ ގަލްފް ކްރާފްޓު ކުންފުނިން ރާއްޖޭގައި ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ ގޮތުން މިއަދު ވަނީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއް ގައި ސޮއިކޮށްފަ އެވެ. ޔޫއޭއީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ގަލްފް ކްރާފްޓް ކުންފުނީގެ ވިޔަފާރި ރާއްޖޭގައި ފުޅާ ކުރުމުގެ ގޮތުން "ގަލްފް ލެގޫން" ގެ ނަމުގައި ރާއްޖޭގައި ފަޅެއް ތަރައްގީ ކުރަން މިއަދު ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އެސްއޭއެސްއީ ކޮންޓްރަކްޝަން ކުންފުންޏާ އެވެ.

ތިލަފުށީގައި ހުންނަ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ބޯޓުޔާޑުގައި މިއަދު ބޭއްވި ސޮއިކުރުމުގެ މި އެއްބަސްވުމުގައި އެސްއޭއެސްއީ ކޮންޓްރަކްޝަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުއްﷲ އަހުމަދު އެވެ. އަދި ގަލްފް ކްރާފްޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޔޫއޭއީގެ މަހުޖަނެއް ކަމަށްވާ، އަދި އެ ގައުމުގެ ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ހުސެއިން އަލްޝާލީ އެވެ.

މާލެ އަތޮޅު ސެންތާރާ، ކައިރީގައިވާ ފަޅެއް ހިއްކައިގެން ތަރައްގީ ކުރާ މި މަޝްރޫއުގެ ދަށުން އަށް ރަށެއް ހިއްކާނެ ކަމަށް އެނގިފައިވެ އެވެ. މީގެތެރޭއި ހަތަރު ރިސޯޓެއް ވެސް ހިމެނެ އެވެ. މި ފަޅަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ އަތޮޅުން އެ ކުންފުންޏަށް ދޫކުރި ފަޅެކެވެ. ނަމަވެސް އޭރު މަސައްކަތް ފެށިފައެއް ނުވެ އެވެ.

މި މަޝްރޫއުގެ ދަށުން ގަލްފް ކްރާފްޓުން ބޯޓު ބަންނަ ހާއްސަ ފެކްޓްރީއެއް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރާނެ އެވެ. އަދި މިތަނުގައި ސަފާރީތަކާއި ޔޮޓު ތަކަށް ހާއްސަ ބަނދަރެއް ވެސް ހަދާއިރު ޒުވާނުން މި ދާއިރާ އިން ތަމްރީން ދޭން މެރިޓައިމް ސްކޫލެއް ވެސް އަޅާނެ އެވެ.

އެނގިފައިވާ ގޮތުގައި މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު (4,6 ބިލިއަން ރުފިޔާ އާއި 6.1 ބިލިއަން ރުފިޔާ) އަށް އަރާނެ އެވެ. މިއީ މި ސަރުކާރު އައި ފަހުން ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

މި މަޝްރޫއުގެ ފަށަން ބިން ހިއްކުމާއި ތޮށި ލުމުގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ އެނބޫދޫ ލެގޫންގައި މިހާރު ހަދާފައިވާ ރިސޯޓުތައް ހިއްކުމުގެ މަސައްކަތް ކުރިމ އެސްއޭއެސްއީ ކޮންޓްރަކްޝަން ކުންފުންޏާ އެވެ. އެ ކުންފުނިން މި މަޝްރޫއު 2023 ގެ ކުރިން ނިންމާނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ އަތޮޅުން 30 ފަޅެއް ޓޫރިޒަމް ތަރައްގީ ކުރަން ދޫކުރި އެވެ. މި ފަޅުތަކުގެ ތެރެއިން ގިނަ ތަންތަނުގައި މިހާރު ވަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށް ހުޅުވާފަ އެވެ. މީގެތެރޭގައި އެންމެ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ އެއް ތަނަކީ ތައިލެންޑުގެ ސިންހަ ކުންފުނިން އެނބޫދޫ ފަޅުގައި ތަރައްގީ ކުރި ރިސޯޓެވެ.