ރާއްޖޭގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި ހަރަކާތްތެރިވާ 234 ކުންފުނީގެ ލިސްޓް އިކޮނޮމިކް މިނިސްޓްރީން އާއްމު ކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އާއްމު ކުރި ފޮރިން އިންވެސްޓަރުންގެ ލިސްޓުގައި 234 ކުންފުނި ހިމެނެ އެވެ. މި ލިސްޓުގައި އިންވެސްޓަރުން އިންވެސްޓް ކޮށްފައިވާ އަހަރާއި ކުންފުނީގެ ނަން އަދި އިންވެސްޓް ކޮށްފައިވާ މުއްދަތު ވެސް ހިމަނާފައިވެ އެވެ.
މި ލިސްޓުގައިވާ ގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ފޮރިން އިންވެސްޓް ކުރި އެއް ކުންފުންޏަކީ 1980 ވަނަ އަހަރު ފޮރިން އިންވެސްޓަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށް މިހާރު ވެސް ހިދުމަތް ދެމުން ގެންދާ އިންޓަނޭޝަނަލް އޮޑިޓް ފާމް ފްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ. ދެން ހިމެނެނީ 1988 ވަނަ އަހަރު އިންވެސްޓް ކުރި މޯލްޑިވްސް އިންފްލައިޓް ކޭޓަރިން އާއި މަޝްހޫރު ޓޫރިޒަމް ކުންފުނި ކުރެއްދޫ ހޯލްޑިންގް އެވެ.
މިހާތަނަށް ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އިންވެސްޓަރުން އިންވެސްޓްކޮށްފައިވަނީ 2013 އިން ފެށިގެން 2018 ވަނަ އަހަރާ ދެމެދު އެވެ. މި މުއްދަތުގައި ރާއްޖެއަށް ފާސްޓް ފުޑް އަދި ފްރެންޗައިޒް ވިޔަފާރި ވެސް ތައާރަފުވި އެވެ.
އިިކޮނޮމިކް މިނިސްޓްރީން ކުރިން އަވަސް އަށް ހިއްސާކުރި މައުލޫމާތު ތަކަށް ބަލާއިރު، 2019 ވަނަ އަހަރު ރާއްޖެ 2019 ވަނަ އަހަރު ޓޫރިޒަމް ސިނާއަތުގައި 33 އިންވެސްޓްމަންޓް ކޮށްފައިވެ އެވެ. އަދި އެހެނިހެން ސިނާއަތް ތަކުގައި 45 އިންވެސްޓްމަންޓް ކޮށްފައިވާއިރު އެ އަހަރު ރާއްޖެ އަށް އައި ފޮރިން އިންވެސްޓްމަންޓުގެ އަދަދަކީ 78 އެވެ. މީގެތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ 33 މަޝްރޫއެއްގައި އިންވެސްޓްކުރި 817 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއި އެހެނިހެން 45 ދާއިރާއެއްގައި އިންވެސްޓްކުރި 2.9 ބިލިއަން ޑޮލަރު އިންވެސްޓްމަންޓެވެ. މިއާއެކު އެ އަހަރު ރާއްޖޭގައި ކުރި އިންވެސްޓްމަންޓުގެ ޖުމްލަ އަގު 3.7 ބިލިއަން ޑޮލަރަށްވުރެ މައްޗެވެ. އަދި ރާއްޖެ އަށް މިދިޔަ އަހަރު 294 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވެ އެވެ.
ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު ޓޫރިޒަމާ ގުޅުންހުރި ފޮރިން އިންވެސްޓްމަންޓް އެންމެ ގިނައިން އަންނަ އެއް ގައުމެވެ. މިހާތަނަށް ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ފޮރިން އިންވެސްޓްމަންޓް އައިސްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ވެރިކަމުގައި އިންވެސްޓްމަންޓަށް ފަހި ކުރަން ރިސޯޓު ހަދަން ދިން ލުއިތަކާއެކު ފަސް އަހަރުތެރޭ 50 ރިސޯޓެއް ހުޅުވި އެވެ. އަދި މިހާރު ހުޅުވަމުންދާ ގިނަ ރިސޯޓު ތަކަކީ ވެސް އެ ވެރިކަމުގައި ދޫކުރި ރަށްތަކެވެ.