ރިޕޯޓް

ކުރު ދަތުރުތަކުގައި ކާކަށް ނުލިބޭނެ، މާލީ އަގަކީ ކޮބާ؟

Dec 8, 2021
14

ބޯޓު ނައްޓާލައި ކަމަރުގެ ނިޝާން ނިވުމާއެކު ކެބިން ކްރޫއިން އައިސް ބުނެ އެވެ. "ކޯޗެއް ތޯ ބޭނުމީ؟ ޖޫސް ތޯ؟ ނޫނީ ފެން ތޯ؟ " އެކަމަކު ދެން އެތެރޭގެ ގިނަ ދަތުރު ތަކަށް އަރާ ފަސިންޖަރުންނަށް ވަގުތީ ގޮތުން ނަމަވެސް މިހެން ބުނުން މެދުކެނޑިގެން ދާނެ އެވެ. މި ނިންމުން އައިސްފައިވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރު ބަލަހައްޓާ މިނިވަން ބޮޑީ، ސިވިލް އޭވިއޭޝަން އޮތޯރިޓީން އެންމެ ފަހުން ނިންމި ނިންމުމަކާ ގުޅިގެންނެވެ. އެ އޮތޯރިޓީން އެތެރޭގެ އުދުހުމުގެ ހިދުމަތްދޭ ހުރިހާ އެެއާލައިންތަކަށް އަންގާފައިވަނީ އެއް ގަޑިއިރަށްވުރެ ކުރުނަމަ އެއްވެސް ކާއެއްޗެއް- ބުއިމެއް- ދީގެން ނުވާނެ ކަމަށެވެ.

ކޮވިޑުގެ އާ ވޭރިންޓަށް ދުނިޔެ ސިހިސިހި ތިބި ވަގުތެއްގައި މިފަދަ ނިންމުމެއް އައިސްފައި މިވަނީ ފްލައިޓުގެ ފަޅުވެރިންނާއި ފަސިންޖަރުން ގައިގޯޅިވުން މަދު ކުރުމުގެ މަގުސަދުކަމުގައި ބެލެވެ އެވެ. މި ނިންމުމާއެކު އެތެރޭގެ އުދުހުންތަކުގައި މިހާތަނަށް ދެމުން ދިޔަ ފެން ތައްޓާއި ޖޫސް ފޮދު ވެސް ލިބުން ހުއްޓުނީ އެވެ. ދެން ފްލައިޓަށް އަރަން ޖެހޭނީ ބޯނެ އެއްޗެއް ބޮއެގެންނެވެ. ކޮންމެވެސް ބޭނުންވާ ހާލަތުގައި ފެން ލިބޭނީ ރިކުއެސްޓް ކުރާ ފަރާތަކަށެވެ.

މި ބަދަލާއެކު އެއާލައިން ތަކަށް މާލީ ގޮތުން ފޮރުވޭނެ އެއްޗެއް އޮންނާނެ އެވެ. މި ނިންމުމުން އެންމެ ފައިދާ ވާނެ އެއާލައިނެއް ވެސް ވާނެ އެވެ. މި ބަދަލާއެކު މާލީ ގޮތުން ރައްކާ ކުރެވޭނެ ހަރަދުގެ ނަމްބަރަކީ ކޮބައި ހެއްޔެވެ؟ ކުރު ދަތުުރުތަކުގައި ބުއިންތައް ދިނުން ހުއްޓާލުމުގެ މާލީ އަގަކީ ކޮބާ ހެއްޔެވެ؟

ރާއްޖޭގެ އެތެރޭގެ އުދުހުންތައް އޮތް ގޮތުން ވީލް ބޭސް ކޮންޓްރޯލް އޮތީ ގައުމީ އެއާލައިން މޯލްޑިވިއަންގެ މުށު ތެރޭގަ އެވެ. އަދި މޫދަށް ޖައްސާ ބޯޓު މައިތިތި ކުރަނީ އެތެރެ އާއި ބޭރުގެ މަހުޖަނުން ހިއްސާވާ ކުންފުނި ޓީއެމްއޭ އިންނެވެ. މި ބަދަލުގެ ސަބަބުން ވަގުތީ ގޮތުން ނަމަވެސް އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނީ ގައުމީ އެއާލައިން މޯލްޑިވިއަން އަށެވެ. މި ނިންމުމާއެކު ގައުމީ އެއާލައިން އަށް ކޮންމެ ވެސް އެއްޗެއް ރައްކާ ކުރަން ވަޅި ސިކުންތުކޮޅެއް ނަމަވެސް ލިބިގެންދާ ކަމެވެ. އަނެއް ކޮޅުން ބަލާނަމަ މި ބަދަލާއެކު އެންމެ ބޮޑު ކަރު ހިތްކުމެއް ލިބޭނީ ގައުމީ އެއާލައިން ނެޓްވޯކުން އުދުހޭ މީހުނަށެވެ. ސަބަބަކީ ގައުމީ އެއާލައިންއަކީ ހުރިހާ އެއާޕޯޓުތަކަށް ޖައްސާ ހަމައެކަނި އެއާލައިން ކަމަށްވުމެވެ. މި ބަދަލާއެކު ގައުމީ އެއާލައިން އަށް ސޭވް ކުރެވޭނީ ކިހާ ވަރެއް ހެއްޔެވެ؟ މީގެ އިމްޕެކްޓް ކަސްޓަމަރުންނަށް ފޯރާނީ ކިހާ ވަރަކަށް ހެއްޔެވެ؟

މައްސަލައަކީ ފްލައިޓުގެ ޑިލޭ ދިގުވުން

މޯލްޑިވިއަން އިން އެތެރޭގެ 18 މަންޒިލަށް ނުވަތަ އެއާޕޯޓަކަށް އުދުހެ އެވެ. މި މަންޒިލްތަކުގެ ތެރެއިން މާލެއިން ފުރައިގެން ހަނިމާދޫ އާއި ފުނަދޫ އައި އައްޑޫ އާއި ހުވަދު އަތޮޅުގެ އެއާޕޯޓްތައް ފިޔަވައި ދެން ހުރި ހުރިހާ މަންޒިލްތަކެއްގެ އެވްރެޖު ދުރުމިން ގާތްގަނޑަކަށް 20 މިނެޓަށް ފެތެ އެވެ. ނަމަވެސް މިހާރު އެއާޕޯޓުގައި އޮތް ވައިގެ ތެރޭގެ ތޮއްޖެހުން- އެއާޕޯޓުގެ ބާރު ބޮޑުވުމާއެކު 20 މިނެޓުގެ ދަތުރަކަށް އަރާ މީހާ މި ދުވަސްވަރު އެވްރެޖުކޮށް މަންޒިލާ ހަމަ އަށް ފޯރާއިރު ހުންނާނީ ގާތްގަނޑަކަށް 30 މިނެޓު ނުވަތަ 45 މިނެޓުވެފަ އެވެ. ނުވަތަ ބައެއް ފަހަރު 1:20 މިނެޓު ވަރުގެ ޑިލޭ ވެސް މިހާރު ފާހަގަ ކުރެވެ އެވެ. ނަމަވެސް މިހާރު އަންގާފައިވާ ގޮތަށް އަމަލު ކުރުމުން މި ވަގުތުތަކުތަކުގައި ފަސިންޖަރުން ތިބެން ޖެހޭނީ ހުސް ގޮހޮރާ އެވެ. އެހެންވެ މިކަމަކީ ފަސިންޖަރުން ކުރި އަށް އޮތްތަނުގައި ތަހަމަލްކޮށްލަން ޖެހޭ- ހަޖަމުކޮށް- ގަބޫލުކޮށްލައިގެން ތިބެން ޖެހޭ ކަމަށް ވާނެ އެވެ. ދަތުރު ކުރާ ފަސިންޖަރުންނަށް މި ކަމުން ދަތި ތަކެއް ކުރިމަތިވި ނަމަވެސް މި ނިންމުގެ ސަބަބުން އެއާލައިނަށް މާލީ ގޮތުން މާބޮޑު ނޫން ނަމަވެސް ފައިދާއެއް ވެސް ލިބެ އެވެ.

އެއާލައިނަށް، މަހަކު 150،000ރ. ސަލާމަތްވާނެ

ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް ޓިކެޓުގެ އަގު ހަދާފައި ހުންނަނީ އެ އަށް މީލް- ބުއިން- ސްކެކްސް- ގެ އަގުތައް ހިމަނައިގެންނެވެ. އެހެންވެ މީގެ މީލެއް ނުވަތަ ކެއުމެއް ދޭނަމަ ރާއްޖޭގެ އެތެރޭގެ އެއާލައިން ތަކުން ޓިކެޓަށް ތިން ޑޮލަރާއި ފަސް ޑޮލަރު (ގާތްގަނޑަކަށް 46ރ. އާއި 77ރ.) ގެ އަގެއް ލާނެ އެވެ. އަދި ހަމައެކަނި ފެން ތައްޓެއް ނުވަތަ ޖޫސް ތައްޓެއް ދޭނަމަ 2:50 ޑޮލަރު (ގާތްގަނޑަކަށް 38ރ.) ޓިކެޓަކަށް ނަގަން ޖެހެ އެވެ. މި ފައިސާއަކީ އެއާލައިނަށް ސަލާމަތް ކުރެވޭނެ އަދަދު ތަކެކެވެ.

ގައުމީ އެއާލައިންގެ އިސް މަގާމެއް ފުރުއްވި ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި މި ނިންމުމުގެ ސަބަބުން މަހަކު ގާތްގަނޑަކަށް 10،000 ޑޮލަރު (ގާތްގަނޑަކަށް 154،000ރ.) ސަލާމަތްވާނެ އެވެ.

"އަނެއްހެން އެއާލައިން އޮޕަރޭޝަނަކީ ހަރަދު ބޮޑުކަމެއް އެގޮތަށް ބަލާނަމަ މި އަދަދަކީ މާބޮޑު އެއްޗެއް ނޫން ނަމަވެސް މިއީ މޯލްޑިވިއަން އަށް އެކަނި ބެލިނަމަވެސް މަހަކު ސޭވް ކުރެވޭނެ އަދަދެއް،" ނަން ނުޖެހުމަށް
ޝަރުތުކޮށް ވިދާޅުވި އެވެ.

ގައުމީ އެއާލައިނުން 2019 ވަނަ އަހަރު 700،100 ފަސިންޖަރުން އުފުލާފައިވެ އެވެ. މި އަދަދުން ބަލާނަމަ އެއާލައިނަށް ބޮޑު ފައިދާއެއް ލިބޭނެ އެވެ. އަދި މަހަކު 150،000ރ. ސަލާމަތް ކުރެވޭނެ ކަމަށް ބަލައި ފިނަމަ އެ ކުންފުންޏަށް އަހަރަކު 1.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވެން ވާނެ އެވެ. ނަމަވެސް މޯލްޑިވިއަންއަކީ ހަރަދު ބޮޑު ކުންފުންޏަކަށް ވާއިރު މި އަދަދަކީ މާކަބޮޑު ސޭވިން އަކަށް ނުވުމުގެ ފުރުސަތު ވެސް ކުޑައެއް ނޫނެވެ. ސަބަބަކީ މި ސަލާމަތް ކުރެވޭ އަދަދުތަކަކީ މަހަކަށް ބަލާނަމަ އެ ކުންފުނީގެ އެމްޑީ އާއި ޑީއެމްޑީ މުސާރައިގެ ގޮތުގައި ގެއަށް ގެންދާނެ އަދަދާ ގާތް ކުރާ ނަމްބަވަރަށްވާ ކަމެވެ.

ކޮންމެ ގޮތެއްވިއަސް މިހާރުގެ ހާލަތުން ދުވަސް ގަނޑެއް ވަން ދެކަށް ކުރިން ދިން ޖޫސް ދެން ނުލިބޭނެ އެވެ. މިކަމަކީ ބޭރުގައި ދަތުރު ކުރާ މީހުންނަށް އާކަމަށްވިނަމަވެސް ގިނަ ދިވެހިން 20 މިނެޓަށް އަރާ ދަތުރަށްވެސް ޖޫސް ބޯން ބޭނުންވެ ޝަކުވާ ކުރެ އެވެ. ނަމަވެސް މި ޖޫސް ފޮދު ހުއްޓާލުމުންވެސް އެއާލައިނަށް ކޮންމެވެސް އެއްޗެއް ސޭވް ކުރެވިގެންދެ އެވެ.