ޓީއެމްއޭ

ޓީއެމްއޭގެ 60 ވަނަ ބޯޓު ގެނެސްފި

Nov 30, 2021

ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ޓޫރިޒަމްގައި އެންމެ ނުފޫޒު ގަދަ އެއް ކުންފުނި ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެ ކުންފުނީގެ 60 ވަނަ ސީޕްލޭން ގެނެސްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮޕަރޭޓު ކުރަމުން ގެންދާ ޓީއެމްއޭއިން އާ ބޯޓެއް ގެނެސްފައިވަނީ ކުރިއަށް އޮތް ޓޫރިޒަމްގެ މައި ސީޒަނަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ޓީއެމްއޭއިން ބުނީ އަލަށް ގެނައި ޑި ހެވިލަންޑް ޑީއެޗްސީ- 6 މަރުކާގެ ޓުވިން އޮޓާ އެއާކްރާފްޓު ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) އަށް އައިސްފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. އިންޑޮނޭޝިއާއިން ފުރައިގެން އައި މި ބޯޓު ގެނައުމަށްފަހު ބޯޓުގައި ކަނދު ހަރުކޮށްގެން ދަތުރުތަކަށް ނެރޭނެ އެވެ.

"ޓޫރިސްޓުން ރިސޯޓުތަކަށް ދިއުމަށް އެންމެ ބޮޑަށް ބޭނުންވަނީ ސީޕްލޭން. ރިސޯޓުތައް ހުޅުވި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ އެހެންވެ މިހާރުހުރި ރިސޯޓުތަކަށްވެސް ޓީއެމްއޭއިން މަސައްކަތް ކުރަނީ ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ ގޮތް ހަދަން،" ޓީއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މިހާރު ދުވާލަކު ރާއްޖޭގެ 80 ރިސޯޓަށް 300 އެއްހާ ދަތުރު ކުރަމުންދާ ކަމަށެވެ.

ޓީއެމްއޭއިން އާ ބޯޓެއް ގެނައިއިރު އެ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ އެމެރިކާގެ ބެއިން ކެޕިޓަލް އިން، އެ ގައުމުގެ ކާލައިލް ގްރޫޕް އިންކޯޕަރޭޓެޑް އަށް މެޖޯރިޓީ ހިއްސާ ވަނީ ވިއްކާލާފަ އެވެ.