ދިވެހި ރާއްޖެ އަލުން ހުޅުވާލުން

އެންމެ މުހިންމީ ދަތުރުފަތުރުގެ އާ ނިޒާމެއް!

Jun 13, 2020
2

އެއް ތަނުން އަނެއް ތަނަށް ގޮސް އުޅެން ފައި މަގާއި ގެރިގާޑިޔާ އާއި ބޮޑެތި ރޭލުތަކާ ހަމައަށް ބޭނުން ކުރެ އެވެ. ކުދި ބޯޓު ފަހަރާއި ނާ ފަހަރާއި އާގުބޯޓު ފަހަރުގައި ވެސް މެއެވެ. ބައިސްކަލާއި ކާރާއި ހެލިކޮޕްޓަރާއި އެކިވަރުވަރުގެ މަތިންދާ ބޯޓުތައް ވެސް އާއްމެވެ. ކޮންމެ ގައުމެއްގައި ވެސް އެ ގައުމުގެ އާދަކާދަ ދައްކުވައިދޭ އަމިއްލަވަންތަ އުފެއްދުންތަކުގެ ބޭނުން އެކި ޒަމާނުގައި އެކިވަރަށް ކުރަމުން އައިސްފައި ވެއެވެ. ރާއްޖޭގައި ވެސް ހުރީ މިފަދަ ގޮތަކަށެވެ.

މިހާރު ދިވެހިންނަށް އާދެވިފައި މިވާ ހިސާބުން ބޭނުން ވަނީ ހަލުއި ކަމާއެކު އަވަހަށް، އެއްތަނުން އަނެއްތަނަށް ދެވޭނެ، ހަރަދު ކުޑަ ޒަމާނީ ގޮތްތަކެއް ބޭނުންވެ އެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިޔަށް އަޅަމުން މިދާ ދަތުރުގައި، ރާއްޖޭގެ އިގްތިސޯދު އެ ސިނާއަތެއްގެ މައްޗަށް ބޮޑުތަނުން ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، އެ ސިނާއަތުގެ ފައިދާ ސީދާ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ރާއްޖޭގައި ދަތުރުފަތުރުގެ ލުއި ފަސޭހަ ފުރިހަމަ، ހަރަދުކުޑަ ނިޒާމެއް ގާއިމުވެފައި އޮތުމުގެ ބޭނުން ވަނީ ބޮޑުވެފަ އެވެ.

ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރާބެހޭ، ފަސޭހަ، ހަރުދަނާ، އަގު ހެޔޮ ނިޒާމެއް، ދެމެހެއްޓެނިވި ގޮތެއްގައި ގާއިމް ކުރެވިފައިވުން ކޮންމެހެން ބޭނުންތެރި އެވެ. ރާއްޖޭގެ އެއްތަނުން އަނެއްތަނަށް އެކިއެކި ބޭނުމުގައި ދަތުރުފަތުރު ކުރުމަށެވެ. ރާއްޖެ އުފެދިފައިވާ ގޮތުން ކުދި އާބާދީތައް ދިރިއުޅޭ ރަށްރަށުން ލިބެން ނުހުންނަ ބޭނުންތައް، އެހެން ރަށްރަށުން އަވަހަށް ފަސޭހައިން ލިބިގަނެވޭނެ ގޮތަކަށް މަގުފަހި ކޮށްދޭށެވެ. ސިއްހީ ފަރުވާ ފަދަ ޒަރޫރީ އެތައް ބޭނުންތަކެއް ލިބި ދިނުމަށެވެ. އެއްރަށެއްގައި އުފައްދާ ތަކެތި އަނެއް ރަށަކަށް ވިއްކޭނެ މަގު ފަސޭހައިން ހޯދާށެވެ. އިޖްތިމާއީ އިގްތިސޯދީ، ތައުލީމީ، ސިއްހީ އެތައް ކަމެއް، ފަސޭހަ ކުރުމަށެވެ.

މިހާރު މުޅި ދުނިޔެއަށް ދިމާވެފައިމިވާ ސިއްހީ ކާރިސާގެ ސަބަބުން ދުނިޔޭގެ އެއްތަނުން އަނެއްތަނަށް ނުވަތަ އެއް ގައުމުން އަނެއް ގައުމަށް މީހުން އާއްމުކޮށް ދަތުރުފަތުރު ކުރަން ފެށުމަށް އެތައް ދުވަހެއް، އެތައް ސަބަބަކާހުރެ، ނަގާނެ ކަމަށް ބެލެވޭ މިދަނޑިވަޅުގައި ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ އެތެރޭގެ ދަތުރުފަތުރު ކުރުން ގިނަވާނެ ކަމަށް ލަފާ ކުރެވޭތީ ވެސް މެއެވެ. ރާއްޖެގައި ވެސް ލޯކަލް ޓޫރިޒަމަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް ބެލެވޭތީ އެވެ.

ރާއްޖޭގެ އެތައް ރަށެއްގައި ތަފާތު ފެންވަރުގެ ގެސްޓްހައުސްތައް ހެދިފައިވެ އެވެ. ދިވެހިންނަށާއި ރާއްޖޭގައި ރަނގަޅު ފެންވަރުގެ ވަޒީފާތަކުގައި އުޅޭ އެތައްހާސް މަސައްކަތްތެރިންނާއި، އެމީހުންގެ އާއިލާތައް ވެސް އުޅެ އެވެ. އެހެންކަމުން ލޯކަލް ޓޫރިޒަމްގެ ސަބަބުން ރައްޔިތުންނަށް ކުރާނެ ފައިދާ އިތުރު ކުރުމަށާއި އިގްތިސޯދަށް އަވަސް ކުރިއެރުންތަކެއް ހޯދައިދޭންޖެހެ އެވެ.

ރާއްޖޭގައި މިހާރު ގާއިމު ކުރެވިފައިވާ ޑޮމެސްޓިކް ޓްރާންސްޕޯޓް ނިޒާމްތަކަކީ އަގު ބޮޑު ނިޒާމުތަކެކެވެ. ވައިގެ މަގުން ޑޮމެސްޓިކް އެއާޕޯޓްތަކަށް ކުރާ ދަތުރުތަކުގެ އަގު ބޮޑުކަން ފާހަގަ ކުރެވޭއިރު ކަނޑަށް ޖައްސާ މަތިންދާބޯޓުތަކުގެ ދަތުރުތަށް ހުންނަނީ އަތް ފޯރާ ފަށަށްވުރެ މަތީގަ އެވެ. ކަނޑު މަގުން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ކަންކަން ހުރީ އަދި ވަރަށް ދޯދިޔާ ގޮތަކަށެވެ. ދަތި އުނދަގޫ ވެސް ގޮތަކަށެވެ.

މިކަންކަމުގެ އުނދަގޫ ތަހައްމަލު ކުރަން ޖެހިފައި ވަނީ، ކުދި ރަށްތަކުގައި އުޅޭ ދިވެހިންނަށް އެކަންޏެއް ވެސް ނޫނެވެ. ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް މިކަމުގެ ގޮންޖެހުންތައް ބޮޑެވެ. އަދި ކައިރި މުސްތަގުބަލެއްގައި ދިމާވާނެ ގޮންޖެހުންތައް އެހާމެ ގިނަ އެވެ.

ދުނިޔެއަށް މިވަތު ދިމާވެފައި މިވާ ފަދަ އިގްތިސޯދީ ނުތަނަވަސް ކަމަކާއެކު، މުދާ އުފައްދާ ފަރާތްތަކުން އެއްމެ އާއްމުކޮށް ވިސްނުން ބަހައްޓާ ގޮތަކީ، އެފަރާތުން އުފައްދާ މުދާ، އެފަދަ މުދާ އުފައްދާ އެހެން ފަރާތް ތަކަށްވުރެ ހެޔޮ އަގުގައި ވިއްކާލުމަށެވެ. ހަމައެހެންމެ ދުނިޔޭގެ އެކި ގައުމުތަކުގައި މިފަދަ މުދާތައް ގަނޑުކޮށް ވިއްކުމަށް މެދުވެރިވާ ފަރާތްތަކުން، ބްރޯކަރުންނާއި ޑިސްޓްރިބިއުޓަރުން، ހޯލްސޭލަރުން އަދި ޓްރެވަލް އޭޖެންޓުން ބަލާނީ، އެފަދަ މުދާވިއްކާ އެހެން ފަރާތަކަށް ވުރެ އަގު ހެޔޮކޮށް، އަވަހަށް ވިއްކާލުމަށެވެ. ވިއްކާ މުދަލެއް އަނެކަކަށްވުރެ ގިނައިން ވިއްކުމުގެ ބޭނުމުގަ އެވެ. ކޮންމެހެން ކުރަންޖެހޭ ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށާއި، ދިމާވެފައިވާ އިގްތިސޯދީ ހީނަރު ކަމުން ވީ އެންމެ އަވަހަކަށް އަރައިގަތުމަށެވެ.

މިފަދަ ހާލަތެއްގައި ރާއްޖެ ފަދަ އެހެން ގައުމުތަކުން، އެ ގައުމުތަކުގެ އުފެއްދުންތައް އަގު ހެޔޮކޮށް ވިއްކަން ފަށައިފި ނަމަ އެކަމުގެ ގެއްލުން ރާއްޖެއަށް ވަރަށް ބޮޑުވާނެ އެވެ. ދުނިޔޭގެ ގައުމުތަކުގައި، ހާއްސަކޮށް ދުނިޔޭގެ ހުރިހާ ބޮޑެތި މާކެޓްތަކުގައި، މިފަދަ އުފެއްދުންތައް ވިއްކަނީ އާއްމުކޮށް އެއް ބަޔަކަށް ވުމުން ވެސް މެއެވެ. މިފަދަ ހާލަތްތަކުގައި އެމީހުން ވެސް ބަލާނީ، ރަނގަޅު ފައިދާއަކާއެކު ފަސޭހައިން އަވަހަށް ވިއްކޭނެ މުދަލެއް ވިއްކާލެވޭތޯ ކަމަށް ވުމުންނެވެ.

ރާއްޖެއަކީ ބޭނުންވާ ކުދި ބޮޑު ހުރިހާ ތަކެއްޗެއް ބޭރުން އެތެރެކުރާ ގައުމަކަށް ވުމުން، ބޭނުންހާ ގޮތަކަށް އަގު ދަށް ކުރުމަކީ ކުރެވޭނެ ކަމަކަށް ނުވެ އެވެ. މި ސަބަބާހުރެ މިހާރު ވެސް ދުނިޔޭގެ އެންމެ އަގު ބޮޑު އެއް މަންޒިލުގެ ގޮތުގައި ލޭބަލް ވެފައި ވެއެވެ.

ރާއްޖޭގެ ރިސޯޓްތަކުން ވިއްކާ ކޮޓަރިތަކުގު ހަމައެކަނި އަގު ހެޔޮ ކުރިޔަސް، އެއަށް މާ ބޮޑު ތަފާތެއް ނާދެ އެވެ. އެތެރޭގެ ދަތުރުފަތުރުގެ އަގު ބޮޑު ތަނުން އުފުލިފައި ހުރެ އެވެ. ހާއްސަކޮށް ސީޕްލޭންގެ ދަތުރުތަކުގެ އަގެވެ. އެއްގަޑިއިރުގެ ދެކޮޅު ދަތުރަކަށް ބޮލަކަށް ގާތްގަޑަކަށް 800 އެމެރިކާ ޑޮލަރު ނަގަ އެވެ. މިއީ ޔޫރަޕުން ރާއްޖެއަށް ކުރާ 10 ގަޑިއިރުގެ ދެކޮޅު ދަތުރަކަށް ނަގާ އަގަށް ވުރެ ބޮޑު އަގެކެވެ. މިއީ، ރާއްޖޭގެ ރިސޯޓެއްގައި މިހާރު ވެސް، ދެމީހަކަށް ހަތަރު ދުވަހު ފުރިހަމަ ޗުއްޓީއެއް ހޭދަ ކުރުމަށް ހޭދަވާ މިންވަރެވެ. އެހެންކަމުން ރާއްޖެއިން ވިއްކާ ކޮޓަރީގެ އަގު ހަމައެކަނި ދަށްވުމަކުން އަދި ނުފުދެ އެވެ.

އަދި ޕޯސްޓް ކޮވިޑުގެ މިދުވަސްވަރު، ދުނިޔޭގެ އެއާލައިންތަކުގެ އަގުތައް ކުރިން ދަތުރުކުރި އަގަށްވުރެ މާބޮޑުތަން އުފުލޭނެ ކަމަށް ބެލެވޭތީ އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަކީ ރާއްޖެ އެވެ. ނިއުނޯމަލްގެ މި ހާލަތުގައި ގައިދުރު ކުރުމުގެ މިންގަނޑުތަކުގެ ތެރއިން، އެއާލައިންތަކުގެ ކޮންމެ ދެސީޓުން އެއްސީޓު ދޫކޮށްލަން ޖެހޭނެ އެވެ.

އެހެންކަމުން ގާތްގަޑަކަށް 50 ފަސެންޓް ލޯޑް މަދުކުރަން ޖެހުމުން ކުރީގައި ދަތުރަކަށް ނެގި އަގުގެ ދެގުނަ ނަގާނެ ކަމަށް ބެލެވެ އެވެ. އަދި ކޮންމެ ދެ ބަރިއަކުން އެއްބަރި ދޫކުރަން ޖެހިއްޖެނަމަ ދަތުރުކުރަން ޖެހޭނީ ގާތްގަނޑަކަށް ވިއްސަކަށް ޕަސެންޓް ލޯޑުގައި ކަމަށްވާތީ ޓިކެޓުގެ އަގު 300 ޕަސެންޓާ ހަމަޔަށް ވެސް އުފުލިދާނެ ކަމަށް ލަފާ ކުރެވެ އެވެ.

މިކަންކަން ބިނާވާނީ އެ އެއާލައިނަކުން ކަނޑައަޅާ "ޕޯސްޓްކޮވިޑް" އުސޫލުތަކުގެ މައްޗަށެވެ. އަދި އެ އުސޫލުތައް ބިނާވާނީ އެ އެއާލައިނެއް ނިސްބަތްވާ ގައުމެއްގެ ކަމާބެހޭ ގައިޑްލައިންތަކުގެ މައްޗަށެވެ.

މިފަދަ ކޮންމެ އިގްތިސޯދީ ކާރިސާއަކާއި ގުޅިގެން ބިޒްނަސް ކުލާހުގައި ދަތުރުކުރާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވާނެ ކަމަށް ލަފާކުރެވެ އެވެ. ޚަރަދު ކުޑަކުރުމުގެ ގޮތުން ކޯޕަރޭޓް ބިޒްނަސް ދަތުރުތަށް މަދުވެ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ވެސް އިކޮނޮމީ ކުލާހަށް ބަދަލު ކުރާނެ އެވެ. މިއާއެކު އެއާލައިންތަކުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް (ފިކްސް ކޮސްޓް)، ފޫބައްދަން ޖެހޭނެެ އެވެ.

ހަރުދަނާ ސްޓްރެޓެޖީއެއްގެ ދަށުން، ފަސޭހަ އަދި ހަރަދު ކުޑަ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް އަވަސް ގޮތަކުން، މުޅި ރާއްޖޭގައި ގާއިމު ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަކީ ކަމާބެހޭ ފަރާތްތަކުން ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. އެހެން ކަމުން، ހެލިކޮޕްޓަރު ފަދަ ހަރަދު ކުޑަ، ރައްކާތެރި، ފަސޭހަ ވަސީލަތްތައް ރާއްޖޭގައި، ކޮމާޝަލްކޮށް އޮޕަރޭޓް ކުރުމުގެ ހުއްދަ ދޭންވީ ވަގުތު ޖެހިއްޖެހިފައި ވެއެވެ. އަދި މިނޫނަސް ހަރަދު ކުޑަ ރައްކާތެރި ވައިގެ ދަތުރުކުރާ ޒަމާނީ، ތަފާތު އުފެއްދުންތައް ތައާރަފު ކުރަންވީ ވަގުތު ޖެހިއްޖެ އެވެ.

އަލުން ތައާރަފުކުރާ "މޯޑް އޮފް ޓްރާންސްޕޯޓް" ތަކަކީ ވައިގެ މަގުން ކުރެވޭ، ނުވަތަ "އެއާބޯން" ވައްތަރުތަކުގެ އެއްޗިއްސަށް ވުން މުހިންމެވެ. މަތިން ފެންނައިރު، ރާއްޖޭގެ ގުދުރަތީ ރީތި ކަމުން ފަތުރުވެރިންގެ ހިތްތަށް އުފަލުން ފުރާލައިދިނުމަށެވެ. ނުވަތަ ކަނޑުގެ އަޑިން ދަތުރުކުރާ ވައްތަރުގެ ވަސީލަތެއް ވެސް ރަނގަޅު ވެދާނެ އެވެ. ރާއްޖޭގެ ސަރަހައްދުގެ 99 ޕަސެންޓަކީ ކަނޑުގެ ސަރަހައަދު ކަމަށް ވުމުން ކަނޑުތަކުގެ އަޑީގެ، ގުދުރަތީ އަޖައިބުތަކާއި ސިއްރުތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށެވެ.

ފަހަރުގައި، ކަނޑުއަޑީގެ ޓޫރިޒަމް ތައާރަފު ކުރުމަކީ މި ސިނާއަތުގެ މުސްތަގުބަލަށް ވެސް ވެދާނެ ނޫން ހެއްޔެވެ؟ ވަސީލަތްތައް ފުރިހަމަކޮށް ތައްޔާރު ކުރެވިފައިވާ، ވަށައިގެން ބިއްލޫރިން ހެދިފައިވާ، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފުރިހަމަ، ފަތުރުވެރިކަމަށް ހާއްސަ "ސަބްމެރީން" އެއް ނުވަތަ، "ސަބްމާޖް" ކޮށް ދަތުރު ކުރެވޭ އުޅަނދުތަކަކުން ދިވެހި ކަނޑުތަކުގެ އަޑީގައި ލައްވާފައިވާ ގުދުރަތީ އަޖައިބުތައް ދައްކުވައި ދިނުމަކީ މި ސިނާއަތުގެ މުޅިން އާ ޗެޕްޓަރެއްގެ ފެށުން ކަމުގައި ވެސް ވެދާނެ އެވެ.

އިހުލާސްތެރި ކަމާއެކު ގައުމީ ވިސްނުމަކުން ވިސްނައި މިދެންނެވުނު ފަދަ ދަތުރުފަތުރުކުރުމުގެ ހަރަދު ކުޑަ ޒަމާނީ ނިޒާމެއް އަވަސް ގޮތަކުން ގާއިމް ކުރެވިއްޖެނަމަ، އޭގެ ފައިދާ އެންމެ އަވަހަށް ކުރާނީ، މިވަގުތު ވެއްޓިފައިވާ، ގައުމުގެ އިގްތިސޯދަށެވެ.

އެޑިޓަރުގެ ނޯޓް: މިއީ އެމްއެމްޕީއާރުސީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ލިޔުއްވާފައިވާ އޮޕް-އެޑް މަޒުމޫނެކެވެ. އޭނާ މި މަޒުމޫނު ލިޔުއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ މި ދަނޑިވަޅުގައި ޓޫރިޒަމް މާކެޓް ކުރުމުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކެއް އޭނާގެ ތަޖުރިބާއިން ހިއްސާ ކުރެއްވުމަށެވެ.