މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ޑްރޯން ދުއްވުމުގެ ހުއްދަ ދޫކުރުން އަންނަ އަހަރު

ޑްރޯން ދުއްވާ ފަރާތްތަކުން އަންނަ އަހަރުން ފެށިގެން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގަވައިދެއް ހެދުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފި އެވެ.

ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ޑްރޯން ދުއްވުމަށް ނަގަން ޖެހޭ ހުއްދައިގެ ކަންކަން ނިމޭނެ ކަމަށެވެ.

"އެހެންކަމުން ދިވެހިރާއްޖޭގައި ޑްރޯން ބޭނުން ކޮށްގެން ތަފާތު ހިދުމަތްތައް ފޯރުކޮށްދިނުމަށް އަންނަ އަހަރު އިރާދަކުރެއްވިއްޔާ ހުއްދަ ދޫކުރަން ފެށޭނެ،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިންފޮމޭޝަން އޮފިޝަލް އިބްރާހިމް މުހައްމަދު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން މަދަނީ ހިދުމަތް ދިނުމަށްޓަކައި ބޭރު ގައުމުތަކުގައިވެސް މިކަމަށް ހަދާފައިވާ ގަވައިދުތައް ނަމޫނާއަކަށް ބަލައިގެން ގަވައިދުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ގަވައިދުތައް ހަދާ ނިމި އަންނަ އަހަރު އަމަލު ކުރަން ފަށާނެ ކަމަށްވެސް އިބްރާހިމް ވިދާޅުވި އެވެ.

ބައެއް ސަރަހައްދުތަކުގައި ޑްރޯން ދުއްވުމަށް މިހާރުވެސް އެމްއެންޑީއެފުން ހުއްދަ ނަގަން ޖެހެ އެވެ. ނަމަވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ޑްރޯން އޮޕަރޭޝަންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދޫކުރާ ހުއްދަތަކާއި ޑްރޯން ދުއްވުމަށް އެމްއެންޑީއެފުން ނަގަންޖެހޭ ހުއްދައަކީ ތަފާތު ދެ ހުއްދައެއް ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

މާލޭގައި ހުއްދަ ނުނަގައި ޑްރޯން އެރުވޭނީ ހަމަ އެކަނި ރަސްފަންނު ސަރަހައްދުގަ އެވެ. އެހެން ސަރަހައްދެއްގައި ޑްރޯން އަރުވާނަމަ އެމްއެންޑީއެފުން ހުއްދަ ނަގަން ޖެހެ އެވެ.