ޓްރާންސްޕޯޓް އޮތޯރިޓީ

ޓްރާންސްޕޯޓްގެ މައްސަލަތައް މެމްބަރުންނަށް ބުނެއެއް ނުދެވޭ: ނަހުލާ

ޓްރާންސްޕޯޓް އޮތޯރިޓީގެ މައްސަލަތައް މެމްބަރުންނަށް ނުބުނެދެވޭ ކަމަށް ބުނެ މިނިސްޓަރު އައިޝަތު ނަހުލާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

ނަހުލާ މިފަދައިން ނުރުހުން ފާޅުކުރެއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަކަަށް ޖަވާބު ދެއްވަމުން ނެވެ.

ޔައުގޫބު އެއްސެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މައްސަަލަތަކަކީ ޒަމާންވީ މައްސަލަތަކަކަށް ވާތީ އެ ޝަކުވާތައް ނިމުމެއް ގެނެވޭނީ ކޮންއިރަކުތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅޭ އެކިއެކި ޝަކުވާތައް ވަަރަށް ގިނައިން މަޖިލީހުގެ މެމްބަރުންގެ ކިބައިން ލިބެމުންދާ ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ މައްސަލަތަކާ ގުޅިގެން ވަރަށް ފަހުން ވެސް މަޖިލީހުގެ ކޮމިޓީއަަކަށް ހާޒިރުކުރެއްވި ކަން ފާހަގަކުރެއްވި އެވެ.

ނަހުލާ ވިދާޅުވީ ހިދުމަތްތައް ލަސްވާކަމަށް ބުނެ ޝަކުވާތައް ހުށަހެޅޭތީ މަޖިލީހަށް ހާޒިރުވާން ސިޓީ ލިބިވަޑައިގެންނެވުމާ އެކު އެއީ ކޮން ޝަކުވާތަކެއްތޯ ސާފުކުރަން މަޖިލީހަށް ސިޓީ ފޮނުއްވި ކަަމަށެވެ. ނަމަވެސް އެ ޝަކުވާތައް ސާފެއް ނުކޮށްދެވުނެ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ވަކި ޝަކުވާއެއް ބަޔާންނުކުރެވި އަނެއްކާވެސް ސިޓީތައް އަންނަނީ ޝަކުވާތައް ހުށަހެޅެއޭ. ޝަކުވާތައް ހުށަހެޅެއޭ. އަދި ހަމަ އެހެންމެ ކޮމިޓީއަށް ހާޒިރުކުރުމަށް ފަހު ވެސް ކޮމިޓީގެ މުގައްރިރު ފާހަގަކުރެއްވި ހަމަ ހުށަހެޅޭ ވާހަކަ. އަނެއްކާވެސް އަޅުގަނޑުގެ ސުވާލު ރިޕީޓްކުރިން އަޅުގަނޑަށް ޝަކުވާއެއް ވިދާޅުވެ ދެއްވާށޭ. ޝަކުވާ، ޝަކުވާ ވިދާޅުވިޔަކަސް އަޅުގަނޑަކަަށް ޖަވާބު ދޭކަށް ނޭނގޭނެޔޭ ކޮންކަމަކާ ގުޅޭ ޝަކުވާއެއް ވިދާޅުނުވަނީހެއް." ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅޭ ޝަކުވާތައް ރަނގަޅަށް ސާފުކޮށްދެވިއްޖެނަމަ ޖަވާބު ދޭން ފަަސޭހަވާނެ ކަމަށެވެެ.

ނަހުލާ ވިދާޅުވި ގޮތުގައި އޭނާ މިނިސްޓްރީއާ ހަވާލުވި އިރު ޓްރާންސްޕޯޓް އޮތޯރިޓީ އޮތީ ވަރަށް ނިކަމެތިކޮށް ކަމަށާއި ނަމަވެސް މިހާރު އެތަނަށް އެކަށީގެންވާ ބަދަލެއް ގެނެސް ހިދުމަތްތައް ފަސޭހަކޮށް ދެވިފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީން ހަދަން ޖެހޭ ގަވައިދުތަކުގެ ބޮޑު ބައިވެސް މިހާރު ނިމިފައިވާ ކަަމަށާއި އަދި ކުރިން ހިދުމަތްތައް ލަސްވާ ވަރާ ގާތަށް ވެސް ހިދުމަތްތައް މިހާރު ލަސްނުވާ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ދިނުމުގައި މުވައްޒަފުންގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ނަހުލާ މިއަދުވެސް ފާހަގަ ކުރެއްވި އެވެ.

"މާލެއާއި ހުޅުމާލެއާ ވިލިނގިއްޔާއި މި ސަރަހައްދުގައި އުޅޭ ގިނަ ރައްޔިތުންތަކަކަަށް ޓްރާންސްޕޯޓް އޮތޯރިޓީން ހިދުމަތް ދޭއިރު ހިދުމަތްދޭން ތިބީ އެންމެ 21 މުވައްޒަފުން. މި ދަންނަވަނީ އެތައް ހިދުަތެއްގެ ވާހަކަ." ނަހުލާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުން އަވަސްކުރުމުގެ ގޮތުން ސަރުކާރުން އެދިގެން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން މިހާރު ވަނީ ފާސްކޮށްފަ އެވެ. އެ އޮތޯރިޓީ އުވާލަން ހުށަހެޅީ އެ އޮތޯރިޓީ އާއި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ފުށުއަރާ ކަންތައްތަކެއް ހުންނާތީ ކަމަށް ބުނެއެވެ.