ޓްރާސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދީފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލަން ނިންމައިފި އެވެ.
މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރަން ނިންމީ ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރުމަށް ނޯޓިސް ދީފައިވާ މުވައްޒަފުން ފޮނުވި ސިޓީތަކެވެ.
އެ ބައްދަލުވުން ބޭއްވުމަށް އެޖެންޑާކޮށްފައި ވަނީ މިއަދު މެންދުރު 2:30 އަށެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި ފަރުވާ ކުޑަކުރާ ކޮންމެ މުވައްޒަފަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައިވަނިކޮށް 11 މުވައްޒިފަކަށް ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ފިޔަވަޅު އަޅަން ނިންމާފައިވާ 11 މުވައްޒިފުންނަކީ ހާޒިރީއަށް ވަރަށް ފަރުވާ ކުޑަ މުވައްޒިފުންނެވެ. އޭގެ ތެރެއިން ބައެއް މުވައްޒިފުންނަކީ އަހަރަކު އޮފީހަށް ހާޒިރުވާންޖެހޭ ދުވަސްތަކުގެ ތެރެއިން 70 ނުވަތަ 80 ދުވަހު ގަޑިޖެހިފައިވާ މުވައްޒިފުންނެވެ.
ނަމަވެސް، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރަން ނޯޓިސް ދީފައިނުވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންނަށްވުރެ ގިނައީ ފެންވަރު ދަށް، ދެރަވަރުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި، އެކަން ހައްލު ކުރަން ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް ފަސް ޖެހިވަޑައި ނުގަންނަވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވާ އޯޑިއޯ މީގެ ކުރިން ވަނީ އާންމުވެފަ އެވެ. އެކަމާ ގުޅޭގޮތުން މިދިޔަ ހަފްތާގައި މިިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލީހުގައިވެސް ވާހަކަ ދައްކަވާފައެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ އެއްވެސް ރައްޔިތަކާމެދު ނިކަމެތިކޮށް އަމަލުކުރާ ތަން ފެނުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ވަކިން ޚާއްސަކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް އިދާރާއަކުން ޚިދުމަތް ހޯދަން ދާ ރައްޔިތަކާމެދު ނިކަމެތިކޮށް ކަންކަން ކޮށްފިނަމަ އެއީ ކޮންމެ މުވައްޒަފަކަށް ވިޔަސް އެކަމަނާ މަގާމުގައި ހުންނެވިހާ ދުވަހަކު ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.
"... ޓްރާންސްޕޯޓް މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ޚިދުމަތް ހޯދަން އަންނަ ރައްޔިތުމީހާ މެދު ނިކަމަތިކޮށް އަމަލުކުރާ ތަން ފެނުމަކީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން. އެގޮތަށް އަމަލުކުރެވޭ ނުވަތަ ޚިދުމަތްދެވޭ ނޫނީ ދަށް ފެންވަރުގައި ޚިދުމަތްދޭ ކޮންމެ ފަރާތަކާމެދު އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން. ސަބަބަކީ އަޅުގަނޑަކީ ވެސް ރައްޔިތުންގެ ހާދިމެއް. އަޅުގަނޑުގެ ވެރިންނަކީ ރައްޔިތުން." ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ އުސޫލުތަކުން މަސައްކަތް ކުރާ އެއްވެސް މުވައްޒިފަކަށް ބިރެއް ނެތެވެ. އަދި އެއްވެސް މުވައްޒިފަކާ މެދު އިންސާފުން ބޭރުން ފިޔަވަޅެއް އަޅުއްވާނެ ނުވާނެ ކަމަށާ އެފަދައިން ފިޔަވަޅެއް ނުވެސް އަޅުއްވާނެ ކަމަށެވެ.