ރާއްޖެއަކީ ހަރުދަނާ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް އޮތް ގައުމަކަށް ނުވާތީ ރާއްޖެއަށް ޓެކްސީގެ ހިދުމަތް މުހިއްމެވެ. އެކަމަކު ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުގެ ޓެކްސީތަކާއި ސަރުކާރާ އަބަދު އޮންނަނީ މުޑިއަރައި އެކްސިޑެންޓްވެފަ އެވެ. މައްސަލަތައް ހައްލުކުރަން މަޝްވަރާކޮށް ފޯރަމްތައް ބާއްވަ އެވެ. ނިކުންނަ ހެޔޮ ނަތީޖާއެއް ނުފެނެ އެވެ. ގިނަ ފަހަރު އެފަދަ ބައްދަލުވުންތައް ނިމެނީ ވެސް ޓެކްސީ ކުރާ މީހުން ބޭނުންވާ ގޮތަށް ކަންކަން ނިމިގެންނެވެ. ސިޔާސީ ގޮތުން އެ މީހުންގެ ތާއީދު ވެސް ބޭނުންވާތީ ސަރުކާރު ކުޑަކަކޫ ޖަހަނީ އެވެ.
ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ކުރިއަށް ނެރޭ ޒަމާންވީ މައްސަލަތަކެއް އެބަހުއްޓެވެ. އެއީ އަބަދު ދޫކޮށްލައިގެން ތިބެންޖެހޭ ކަންބޮޑުވުންތަކަށް ވެގެން ނުވާނެ އެވެ. ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހިދުމަތް ދޭން ކަނޑައަޅާފައި އޮންނަ އަގު ކުޑަވުމެވެ. އެކަމުގައި ވިސްނަންޖެހޭ މައްސަލަތަކެއް އެމީހުން ފާހަގަކުރާތީ ހައްލަށް މަސައްކަތް ކުރަންޖެހެ އެވެ. ހަމައެގޮތަށް ޓެކްސީގެ ހިދުމަތް ރެގިއުލޭޓް ކުރުން ހަރުދަނާ ކުރުމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ޒިންމާ އަދާކުރަންވެސް ޖެހެ އެވެ. އެ މަންޒަރެއް ނުފެނެ އެވެ. ކަންބޮޑުވުންތަކަށް ހައްލު ހޯދުމާއި އިދާރާތަކުން ޒިންމާ އަދާކުރުން މިއީ އެއްކޮޅަށް ދުއްވާ މަގެއްގައި އެއް ވަރަށް ދަތުރުކުރަން ޖެހޭ ދެ ކަމެކެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ތަކެތީގެ އަގުތައް މައްޗަށް ޖެހިއްޖެ އެވެ. އެކަމާ ދެބަސްވާ އެކަކު ވެސް ނެތެވެ. އެ ބަދަލާ އެކު އެންމެ ފުރަތަމަ ވެސް ތެލުގެ އަގު ބޮޑުކޮށް، ލިބޭ ގެއްލުން ކުޑަކުރަން ފިޔަވަޅުތައް އެޅީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އެހެންކަމަށްވާނަމަ ތެލުގެ އަގު ބޮޑުވެ، އެންމެ ފުރަތަމަ ގެއްލުންވާނެ އެއް ފަރާތަކީ ޓެކްސީގެ ހިދުމަތް ދޭ ޑްރައިވަރެވެ. ތެޔޮ އަގު ބޮޑުވުމުން ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ގެއްލުންވެ އޭނާގެ ދިރިއުޅުމަށް ވެސް ކުރާ އަސަރުތަކެއް ހުންނާނެ އެވެ. ހިތާ ދެކޮޅަށް ނަމަވެސް އެ ހަގީގަތް ގަބޫލުކުރަންޖެހެ އެވެ.
ދެން އޮތީ ހިދުމަތުގެ އަގު ބޮޑުކުރުމުން ދިމާވާނެ މައްސަލަތަކެވެ. ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަކީ އާންމު ރައްޔިތުންނަށް ލިބޭނެ އިތުރު ގެއްލުމެއް ކަން ޔަގީނެވެ. އެހެންކަމުން ޓެކްސީ ޑްރައިވަރުންނަށް ލިބޭ ގެއްލުން ކުޑަކުރަން ސަރުކާރުން އަނެއްކާ ވެސް ދަތުރުތަކުގެ އަގު ބޮޑުކުރަން ހުއްދަ ދިނުމަކީ އަދި ހައްލަކަށް ވެސް ނުވާނެ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ގަބޫލުކުރައްވާ ގޮތުގައި މިފަދަ ހާލަތްތަކުގައި އޮތް އެއް ހައްލަކީ ސަރުކާރުން ޓެކްސީގެ ހިދުމަތަށް ސަބްސިޑީއެއް ދީގެން އަގު ކޮންޓްރޯލް ކުރުމެވެ.
"ޓެކްސީ، ލޯންޗް އަދި އޮޑިދޯނި ފަހަރަށް ވަގުތީ ގޮތުން ސަބްސިޑީއެއް ދެއްވާ. އަގު ކޮންޓްރޯލް ކުރަންވީ ދެފަރާތަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކާ އެކު ހިދުމަތުގެ އަގަށް ބަދަލު ގެނައުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ގެންދަނީ ސްޓެލްކޯ އާއި ފެނަކަ އަށް ސަބްސިޑީ ދެމުންނެވެ. އެކަމާ ގުޅިގެން އެ ހިދުމަތްތަކުގެ އަގުތައް ހުރީ ހިފެހެއްޓިފަ އެވެ. ކާޑުގެ ބާވަތްތައް މެދުނުކެނޑި ރާއްޖެ އަށް ގެނެސް އެއް އަގެއްގައި ކާޑުގެ ބާވަތްތައް ރައްޔިތުންނަށް ލިބޭނެ ކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ގެންދަނީ އެސްޓީއޯ އަށް ސަބްސިޑީ ދެމުންނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރެވި ހުރިހާ ހިސާބަކުން ވެސް އެއް އަގެއް ކާޑު ގަންނަން ލިބެ އެވެ. ޓެކްސީގެ ހިދުމަތަށް ސަބްސިޑީ ދީގެން އަގު ކޮންޓްރޯލް ކުރެވިދާނެތޯ ދިރާސާކޮށްގެން ބެލުމަކީ އޮތް ހައްލެކެވެ.
ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ޓެކްސީ ތަކުގައި މީޓަރު ހަރުކުރުމަކީ ވެސް އޮތް ހައްލެކެވެ. ކުރިން އެކަމަށް ޓެކްސީ ޑްރައިވަރުން ދެކޮޅު ހެދި ނަމަވެސް ޓެކްސީ މީޓަރު ބެހެއްޓުމަށް ތާއީދުކުރާ ޑްރައިވަރުން މިހާރު ގިނަ އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން ލިބޭ ގެއްލުން އެއް ވަރެއްގައި ހިފަހައްޓައި ދެމެހެއްޓެނިވި ގޮތަކަށް ހިދުމަތް ދިނުމަށްޓަކައި މިހާރު އޮތް އެންމެ ރަނގަޅު އެއް ހައްލަކީ ޓެކްސީ މީޓަރުކަން. އަޅުގަނޑުވެސް ކުރިން އެކަމާ ދެކޮޅު. އެކަމަކު އެއީ މިހާރަށް އޮތް ހައްލު ކަމަށް ފެނޭ،" ޓެކްސީ ކުރާތާ 25 އަހަރުވީ ޑްރައިވަރަކު ބުންޏެވެ.
ޓެކްސީ މީޓަރަކީ ދުނިޔޭގެ ގިނަ ޓެކްސީ ނިޒާމުތަކުގައި ބޭނުންކުރާ އެތައް އަހަރެއްވީ އިތުބާރު ބޮޑު ނިޒާމެވެ. ދުނިޔޭގެ އެންމެ ރަނގަޅު ޓެކްސީ ނިޒާމުތައް އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް ބޭނުންކުރަނީ އެ ނިޒާމެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ކުރީގެ ޗެއާމަންކަން އަބްދު ރަޝީދު ނާފިޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ޓެކްސީތަކެއްގައި މީޓަރު ހަރުކުރަން ޖެހޭ ކަމަށެވެ. އޭނާ އޮތޯރިޓީގައި ހުންނެވި ދުވަސްވަރު އެ ހިދުމަތް ފެށުމަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާތީ އެއީ މިވަގުތަށް ކުރެވިދާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
"ކިލޯ މީޓަރަކަށް ވަކިވަރެއް އަރާގޮތަށް މީޓަރު ހުންނަން ވާނީ. މިސާލަކަށް 20ރ. އިން މީޓަރު ފެށިދާނެ. މިހެން ހެދުމުން ދެ ފަރާތަށް ވެސް ފައިދާ. ހަމަޖެއްސުމުން މަޑުކޮށްގެން ތިބޭނަމަ ވެއިޓިން ޗާޖެއް ވެސް އަރާނެ. މި ނިޒާމު ރާއްޖެއަށް ގެންނަން ޖެހޭ،" ނާފިޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޓެކްސީ ތަކުގައި މީޓަރު ހަރުކުރާނަމަ ޑްރައިވަރުންނާއި ހިދުމަތް ހޯދާ މީހުންނަށް އެކަމުން ހަގީގީ މަންފާއެއް ކުރާނީ މާލޭގައި ދުއްވާ ވެހިކަލް ވަކިން ހާއްސަކޮށް ސައިކަލް މަދުކޮށްގެން ކަމަށެވެ. އެހެންނޫނީ ޓްރެފިކާ ހެދި ޓެކްސީތަކުން ބޭކާރު ގޮތުގައި ތަންތަންކޮޅަށް މަޑުކުރަން ޖެހި ހިދުމަތް ހޯދާ މީހާ އަތުން ދާ އެއްޗެއް ބޮޑުވުމުގެ ފުރުސަތު އޮތް ކަމުގައި ވިދާޅުވި އެވެ.
"ސައިކަލް މަދު ކުރަންވީ. އޭރުންތާ މަގުން ޖާގަ ލިބޭނީ. މިހާރު އެބައުޅޭ މަގުމަތީގައި ހަމައެކަނި ލައްކައެއްހާ ސައިކަލް. ކާރު ވެސް އެބައުޅޭ 5،000 އަށް ވުރެ ގިނައިން. އެހެންވީމަ ސައިކަލް އިތުރުވުން އެބަޖެހޭ މަދު ކުރެވެން،" ނާފިޒު ވިދާޅުވި އެވެ.
ޓެކްސީ މީޓަރު ތައާރަފް ކުރުމަކީ ޓެކްސީ ޑްރައިވަރުން އަގުތަކާ ގުޅޭގޮތުން ކުރިއަށް ނެރޭ ޝަކުވާތަކަށް އޮތް މައިގަނޑު ހައްލު ކަމަށް ކަމާ ގުޅޭ ތަޖުރިބާކާރުންނަށް ވެސް އެއްބަސްވެވެ އެވެ. އެހެންވެ ޓެކްސީ މީޓަރު ތައާރަފް ކުރައްވާނެ ކަމަށް ޖެނުއަރީ 10، 2019 ގައި މިނިސްޓަރު އައިޝަތު ނަހްލާ ވިދާޅުވި އެވެ. އަދި އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެ ހިދުމަތް ބޭނުންކުރަން ފަށާނެ ކަމަށްވެސް ފަހުން އެ މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެ ހިދުމަތް ތައާރަފް ނުކުރެވި، އެ ވާހަކަ ވެސް މިހާރު މިނިސްޓްރީން ނުދައްކަ އެވެ.
މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާ، މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ ތެރޭގައި 25 ރުފިޔާ އެވެ. މިއަދަދުތައް އަމިއްލަ އަށް ބޮޑުކޮށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑު އަގުގައި ދަތުރުކުރަން ފެށުމަށް ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ވަނީ ނިންމާފަ އެވެ. ޑްރައިވަރުން އެގޮތަށް ނިންމަން ހިތްވަރު ލިބުނީ ކުރިންވެސް ފާހަގަކުރި ގޮތަށް ތެލުގެ އަގު ބޮޑުވުމުން ސަރުކާރުގެ ކުންފުނިތަކުން ގެއްލުން ކުޑަކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ޓެކްސީ ޑްރައިވަރުން އަގު ބޮޑުކުރާނެ ކަމަށް ބުނާ ކޮންމެ ފަހަރަކު ދެން އިވެނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންގެ އިންޒާރުގެ އަޑެވެ. މިހާރު ޖެހިގެން އުޅޭ މައްސަލައިގައި ވެސް މިނިސްޓްރީއާއި ފުލުހުން ބަސް މަގު ހުރީ އިންޒާރުގެ ރަތް ރޮނގުން ދަމައިގެން ޑްރައިވަރުން ހުއްޓުވާށެވެ. އެކަމަކު އެއީ ދާއިމީ ހައްލެއް ނޫނެވެ. އިދާރާތަކުގެ ޒިންމާ އިންޒާރާ ހަމައިން ފުއްދާލުމުގެ ބަދަލުގައި ކަށަވަރުކޮށްދޭން ޖެހޭ ކަންކަން ކަށަވަރުވެސް ކޮށްދޭށެވެ.
ޓެކްސީގެ ހިދުމަތާ ހެދި ސަރުކާރާއި ޓެކްސީ ހިދުމަތްދޭ ފަރާތްތައް އަބަދު އެކްސިޑެންޓްވެ، ބިނދިފައި ތިބުމަށް ވުރެ ކަންކަން ރެގިއުލޭޓް ކުރުން ހަރުދަނާކޮށް، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމު ވަރުގަދަކުރުމަށް ފިޔަވަޅުތައް އެޅުން އަވަސްކުރުން މުހިއްމެވެ. ޓެކްސީ ތަކުގައި މީޓަރު ބެހެއްޓުން އެއީ ދައްކާ ވާހަކައެއްގެ ބަދަލުގައި އަމަލުން ކުރާ ކަމަކަށް ހަދަންޖެހެ އެވެ. މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލްކޮށް، ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމު ހަރުދަނާކޮށް، އެ ނިޒާމު ބޭނުންކުރުމަށް މީހުންނަށް ހިތްވަރު ލިބޭ މުޖުތަމައެއް ބިނާކުރުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދަތުރުކުރާ ގިނަ މީހުންގެ މައިގަނޑު ވަސީލަތަކީ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެވެ.