ރިޕޯޓް

ނުރައްކާ ހުއްޓުވޭނީ ލޯ، މަޑިދަށުން ނެއްޓިގެން!

ދުވެލި މަޑުކުރުމަކީ ފަރުދީ ޒިންމާއެކެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެފައިވާ ފަދައިން ރާއްޖޭގެ މަގުމަތީގައި ހިނގާފައިހުރި ނުރައްކާތެރި ހާދިސާތަކާއި އަދި މިހާރުވެސް ހިނގާ ހާދިސާތަކަކީ ރައްޔިތުން އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބުގައި ހުރި މައްސަލަތެކެވެ. މަގުމަތީގައި ހިނގާ އެކްސިޑެންޓެއްގެ ޝިކާރައަކަށްވެ މީހަކުޔ ދުނިޔެ ދޫކޮށްދާން ޖެހުމަކީ އެއްވެސް މީހަކު އެމީހަކު އެދޭނެ ކަމެއް ނޫނެވެ.

ނައިބު ރައީސް އެ ދުވަހު ވިދާޅުވީ ހެޔޮކޮށެވެ. ގާނޫނުތައް ހަދާފައި ހުންނަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.

"ގަވައިދުތަކާއި ގާނޫނު ހެދިފައި ހުންނަނީ ރައްޔިތުންގެ ރައްކާތެރިކަމަށް. އެއްވެސް ހާލެއްގައި ގާނޫނަކީ ނުވަތަ ގަވާއިދަކީ މީހަކަށް އަނިޔާއެއްދިނުމުގެ ގޮތުން ހެދޭ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެންގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފަ ހުރި ގާނޫނުތައް." މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް "ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި ގައުމީ ހަރަކާތެއް މިދިއަ އަހަރުގެ ޑިސެމްބަރު މަހު ފައްޓަވައި ދެއްވަމުން ފައިސަލް ވިދާޅުވެފައިވެ އެވެ.

އެކަމަކު މިއީ ހައްލެއް ނުލިބި، ފުނި ޖެހިފައިވާ މައްސަލަތަކުގެ ދިގު ލިސްޓުގެ ވަރަށް ކުރީގައި އޮތް ނުރައްކާތެރި އަދި ޒަމާންވީ މައްސަލައެކެވެ. ނުރައްކާތެރި އެކްސިޑެންޓެއްގެ ވާހަކަ ނޫހެއްގެ ސުރުހީއަކުން ނުފެންނަ ދުވަހެއް ވަރަށް މަދެވެ. މިދިއަ ހުކުރު ދުވަހު ވެސް މީގެ ހިތާމަވެރި ހާދިސާއެއްގައި 24 އަހަރުގެ ޒުވާން އަންހެނަކު ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔައިފަ އެވެ. ޒަވާޖީ ހަޔާތެއް ފަށަން ތައްޔާރުވަމުންދިއަ ދެ ލޯބިވެރިންނަށް ހިތްދަތި ނިމުމެކެވެ. މުޅި އުމުރަށް ކަރުނަ އަޅާނެ އިތުރު އާއިލާއެކެވެ.

މިއިން ކޮންމެ ހާދިސާއެއްގެ ފަހަތުގައި އޮންނަނީ ހަމަ އެންމެ ސަބަބެކެވެ. ދުއްވަން ނުވާ ވަރަށް ވުރެ ބާރަށް ދުއްވުމެވެ. ސައިކަލެއް ނޫނީ ކާރެއްގެ ކޮންޓްރޯލް ގެއްލޭހާ ބާރަށެވެ. އަދި މިކަމުގެ އެންމެ ހިތާމަވެރި ކަމަކީ، ގިނަ ފަހަރު ގެއްލުން ލިބެނީ ދުއްވަން އިންނަ މީހާއަކަށް ނޫން ކަމެވެ. އާއްމުކޮށް ފުރާނައަށް ނުރައްކާވަނީ އެ އުޅަނދެއްގެ ފަހަތުގައި އިންނަ މީހާއަށެވެ. ނޫނީ ބާރަށް ދުއްވާފައިދާ އުޅަނދު ގޮސް ޖެހޭ އުޅަނދުގެ ހުންގާނުގައި އިންނަ ކުށެއް ނުކުރާ މީހާއަށް ކަމެވެ.

އެތައް ފުރާނަ އެކެވެ. ނޫނީ މުޅި އުމުރަށް ނުކުޅެދުންތެރިކަމެއް ތަހައްމަލު ކުރަންޖެހޭ ފަދަ އަނިޔާތަކެކެވެ. މިއިން ކޮންމެ ހާދިސާއަކަށް ފަހު އާއްމުންގެ ރުޅިގަނޑު ފަޅައިގެން ދެއެވެ. އެކަމަކު ވާ އެއްކަމެއް ވެސް ނޯވެ އެވެ. އަރައިގެން އަންނަ އިރާއެކު، އަނެއްކާވެސް އިވިގެން ދާނީ އާ ހާދިސާއެއްގެ ވާހަކަ އެކެވެ.

ޓްރެފިކް ގަވައިދުތައް ވާފެވައިވާ

އެއްގަމު އުޅަނދުތަކަށް ވަރު ވަރުން ގާނޫނުތަކާއި ގަވައިދުތައް އެބަ ހުއްޓެވެ. ނަމަވެސް، އެ ހުރިހާ އެއްޗެއް ތިރި ކުރެވިފައި އޮތީ ހަމައެކަނި ކަރުދާސްގަނޑަށެވެ. އާއްމު އުސޫލުގެ ދަށުން އޭގައި ލިޔެފައި އޮތް އެއްޗެއް ތަންފީޒުވާ ތަނެއް ނޫނީ ކުރެވޭ ތަނެއް ނުފެނެ އެވެ. އެ ގަވައިދުތައް ތަންފީޒު ކުރަން ތިބޭ ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ގިނަ ކަން ގަބޫލު ނުކުރަނީއެއް ނޫނެވެ. އެކަމަކު ޒަމާނުއްސުރެ ރައްޔިތުންގެ ޝަކުވާއަކީ، ފުލުހުންގެ ސަމާލުކަން އޮންނަ ސައިކަލުތަކުގެ މަޑިދަށް ބަލައި ހާވާށެވެ.

އެއީ ޖާއިޒު ޝަކުވާއަކަށް ވަނީ ގިނަ ފަހަރު ފުލުހުންގެ އަމަލުތައް ހުންނަ ގޮތުންނެވެ. ދުވާލެއްގެ ވަކި ގަޑިތަކުގައި ޗެކް ޕޮއިންޓުތައް އަޅައިގެން ފުލުހުން ތިބުމަކީ އާއްމުކޮށް ފެންނަ މަންޒަރެކެވެ. ނަމަވެސް، ހުއްޓުވައިގެން، ބަލާ ފާސް ކުރާއިރު، ކުރާތަން ފެންނަނީ އެންމެ ކަމެކެވެ. ލައިސެންސް ދޭށޭ ބުނުމާއެކު، ސައިކަލު މަޑި ދަށަށް ސަމާލުކަން އެނބުރެ އެވެ. އަހަރީ ފީ އާއި، އިންޝުއަރެންސް އަދި ރޯޑް ވާދިނަސް ހަމަތޯ ޗެކު ކުރާށެވެ. އެ ގަޑީގައި ބާރަކަށް ދުއްވާފައިދާ އުޅަނދެއް ނުފެނެ އެވެ. ބޯކޮށް ކަޅު ދުން ބުރުވަމުން، ކިރިޔާ ދުވާ ހާލުގައި، ކައިރިން އަޅާފައިދާ ބާ ލޮރީގެ ރޯޑް ވާދިނަސް އޮތްތޯ ބަލަން ބޭނުމެއް ނުވެ އެވެ.

މިދިއަ ހުކުރު ދުވަހުގެ ހާދިސާއާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކާއެކު މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒް ފަހުމީ ވަރަށް ހައްސާސީ ވާހަކައެއް ވިދާޅުވެފައިވެ އެވެ.

"ލައިސަންސް އޮތަސް ނެތަސް ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ ގޮތަށް ދުއްވާފައިދާދިއުމުގައި ހުއްޓުވައި، ޗެކްކުރާލެ ގިނަކަން ފާހަގަ ކުރެވޭ،" އިންތި ވިދާޅުވެފައިވެ އެވެ.

އެއީ ހަގީގަތުގައި ވެސް ކަން ހިނގަމުންދާ އުސޫލެވެ. ޓްރެފިކް ފުލުހުންގެ މައި މަރުކަޒުގެ ކުރި މައްޗަށް ނުކުމެލާފައި، ވިއްސަކަށް ސައިކަލުގެ މަޑި ހުޅުވައި ޗެކު ކޮށްލީމާ ނިމުނީ އެވެ. ވާޖިބު އަދާވީ އެވެ. ބައެއް ފަހަރު ފުލުހުން އުޅެނީ، ކޯޓާއެއް ހަމަކުރަން، އެ ދުވަހަކަށް ވާ ވަރަށް ވަކި އަދަދަކަށް ޖޫރިމަނާގެ ފައިސާކޮޅެއް ދައުލަތަށް ހޯދައިދޭން ކަމަށް ބުނުމުގެ ޖާގަ ލިބެނީ އެހެންވެ އެވެ.

މިކަމުގައި ފުލުހުންނަށް ފާޑުކިއުންތައް އަމާޒު ކުރަން ޖެހެނީ، ހަމައެކަނި ވަކި ކަންކަމެއް ޓްރެފިކް ކުށަކަށްވާތީ އެވެ. ބުނަން މިއުޅެނީ މަޑިދަށުގައި ސްޓިކާތައް ހަމަތޯ ނުބަލާށެކޭ ނޫނެވެ. ގަވައިދުގައި އެކަންވެސް އޮތިއްޔާ ބަލަންޖެހެ އެވެ. އެކަމަކު ބާކީ ހުރި އެހެން ހުރިހާ ކަމަކަށް ގިނަ ފަހަރު "ކަނު" ވުމަކީ ހަގީގީ މައްސަލަ އެވެ.

ހުރިހާ ގަވައިދެއް މުހިއްމުވާން ޖެހޭ

ޓްރެފިކަށް ބާރު ބޮޑުވާ ގަޑިތަކުގައި، ބޮޑެތި ހަތަރު އަނގޮޅިތަކުގައި ބައިތިއްބާފައި ތިބޭ ފުލުހުންގެ ހަމައެކަނި ޒިންމާއަކީ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް އޮންނަނީ ވެފަ އެވެ. ޓޯ ޔާޑު ކުރިމައްޗަށް ނުކުމެލައި ފުލުހުންގެ ވާޖިބަކީ ސްޓިކާ ހަމަތޯ ބެލުމެވެ. ވަށައިގެން ދެން ހިނގާ އެއްވެސް ކަމެއް ފެންނަ ކަމަކަށް ނުހަދަ އެވެ. ފެނުނަސް އަޅާލާ ތަނެއް ވެސް ނުފެނެ އެވެ.

ސިނަމާލެ ބުރިޖު ހުޅުވި ފަހުން، އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވެފައި ވެއެވެ. ބުރިޖު މަތީގައި ނޫނީ ހައިވޭގައި ސްޕީޑު ކެމެރާ ހިފައިގެން ފުލުހުން ބައެއް ފަހަރު ތިބެ އެވެ. އެކަމަކު އެ ވަގުތު ފުލުހުންގެ ޒިންމާއަކީ ބާރަށް ދުއްވާ މީހުން ބެލުމެވެ. ސަފަކަށް މުޅި މަގު ހިފައިގެން، މަޑުމަޑުން ދުއްވާފައިވާ ދާ މީހުނަށް ސަމާލު ކަމެއް ނުލިބެ އެވެ. ސިގްނަލް ވެސް ނުދީ، ކުއްލިއަކަށް ފަޅި ބަދަލުކުރާ އުޅަނދުތަކަށް ވެސް އެ ހަމަ އެވެ.

އެންމެންވެސް އިއްތިފާގުވާކަމަކީ، ގަނޑެއްގައި ވަރަށް ފުރިހަމައަށް ލިޔެވިފައި ހުރި ހުރިހާ ގަވައިދެއް ވެސް މުހިއްމެވެ. އެއީ މަގުމަތީގައި އުޅޭ އެންމެންގެ ރައްކާތެރިކަމަށްޓަކައި، ވަށައިޖެހޭ ގޮތަށް ހެދިފައިވާ ގަވައިދުތަކެކެވެ. އެހެން ގައުމުތަކުގައިވެސް ފުލުހުން އަމަލު ކުރަނީ އެ ގަވައިދުތައް ހަތިޔާރަކަށް ހަދައިގެނެވެ.

ނުބައި ފަޅިން އޯވާޓޭކް ކުރުމުން ފެށިގެން، ސިގްނަލް ނުދިނުމާއި، ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވުމަކީ ހައްތާވެސް ޓްރެފިކް ކުށްތަކެވެ. ކަފިހިހުރަހަށް މަޑު ނުކުރާ އުޅަނދު ވެސް އެ އޮތީ ގަވައިދާ ހިލާފުވެފަ އެވެ. ގަވައިދާ ހިލާފަށް ޕާކު ކުރުމަކީ ހަމައެކަނި ފުލުހުން އިސްކަންދޭ ސަރަހައްދުތަކެއްގައި ހިނގާ ކަމެއް ނޫނެވެ. ޕާކިން ސްޓިކާ ފޮތް ގަނޑު ހިފައިގެން، ހަމައެކަނި ވެލާނާގެ ކައިރީގައި ތިބެގެން ނުފުދެ އެވެ. ޓްރެފިކް ފުލުހުންގެ ކާމިޔާބީ، މަހަކު އެއް ފަހަރު އާއްމުކުރާ ޗެކު ކުރި ވެހިކަލްތަކުގެ އަދަދުތަކުގެ ތަފާސް ހިސާބު ގަނޑަކަށް ތިރިކުރުން ނިމުމަކަށް ގެންނަންޖެހެ އެވެ.

"ރެކްލަސް ޑްރައިވިން" ގެ ގޮތުގައި ހުރިހާ ގައުމެއްގައި ސިފަ ކުރަނީ ކޮންމެހެން ބާރަށް ދުއްވުން އެކަންޏެއް ވެސް ނޫނެވެ. އެހެން މީހުންނަށް ނުރައްކާތެރިވާ ގޮތަށް އުޅަނދު ފަހަރު ދުއްވުމަކީ ކުށެކެވެ. ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގައި، ވަކި ބްރޭންޑެއްގެ ސައިކަލުތަކެއް، ހަރުފައެއްހެން، ރޭސްކޮށް ކޮށްފައި، ނުބައި ފަޅިން، ބާރު ބާރަށް ދުއްވާފައިދާ ތަން ފުލުހުންނަށް އެބަ ފެންނަންޖެހެ އެވެ. ފެނުނީމާ އަޅާލަން އެބަޖެހެ އެވެ. އެމީހުން ހުއްޓުވެންޖެހެ އެވެ. ފިޔަވަޅު އެޅެންޖެހެ އެވެ.

ފުލުުހުންގެ ޒިންމާ ފެށެނީ އެކްސިޑެންޓެއް ހިނގާ ފަހަކުން ނޫނެވެ. ގަވައިދާ ހިލާފުވި މީހާއާ މެދު ފިޔަވަޅެއް އަޅަންވީ، މީހެއްގެ ފުރާނަ ގެއްލުނީމައެއް ނޫނެވެ. އެ ހިސާބަށް ދިއުމުގެ ކުރިން، ސައިކަލުތަކުގެ މަޑި ދަށުން ލޯ ނައްޓައިގެން، ނުރައްކާތެރިކޮށް ދުއްވާ މީހުން ހުއްޓުވައި، ފިޔަވަޅު އަޅަންޖެހެ އެވެ. އެކަން ކުރުމަށް ހުރަސްތަކެއް ހުރި ނަމަ، އެކަން ކޮންމެވެސް ގޮތެއް ހަދައިގެން ހައްލުކުރަން އެބަ ޖެހެ އެވެ. އެހެން ނޫން ނަމަ، މާދަމާވެސް އަދި އޭގެ އަނެއް ދުވަހު ވެސް، ތަކުރާރުވާނީ ހަމަ އެއް ހިތާމަވެރި ސުރުހީ އެކެވެ.