މަގުމަތީގެ އެކްސިޑެންޓް

ކޮންކަހަލަ ވަކިވުމެއް، ކޮންފަދަ ހިތާމައެއް!

އިއްޔެ ހަވީރު 4:45 އެހާކަންހާއިރު ދެކުނުގެ ފުވައްމަލު ސިޓީގައި ބޮޑު އަދި ނުރައްކަލުން ފުރިގެންވާ އެކްސިޑެންޓެއް ހިނގައިފި ކަން މުޅި ރާއްޖެއަށް އިއުލާންވި އެވެ. އޭގެ ވިއްސަކަށް، ފަންސަވީހަކަށް މިނެޓް ފަހުން ދެން އައި ހަބަރުތައް ބުނި ގޮތުން އެކްސިޑެންޓްވި ކާރުގައި ތިބި ދެ ޒުވާނުން ވެސް މަރުވެއްޖެ އެވެ. ފަރުވާއެއް ދެވޭތޯ އުޅެނިކޮށް އެކަކު މަރުވީ 4:56 ގަ އެވެ. އަނެކަކު މަރުވީ 5:04 ގަ އެވެ. ދުއްވި ކާރެއްގެ ކޮންޓްރޯލް ގެއްލި ގަހެއްގައި ޖެހުނު ގޮތަށް އޭގައި ތިބި ދެ ޒުވާނު ޒަހަމްތަކާއެކު ކާރުގެ ތެރޭގައި ތާށިވެ ފަތްފަތްޖެހުނީ އެވެ. ދެ ޒުވާނަކު މަރުވެ، ވަކިވެގެން އެ ދިޔައީ ކޮން ކަހަލަ ނުރައްކާތެރިކަން ބޮޑު އެކްސިޑެންޓެއްގައި ހެއްޔެވެ؟ އޭގެ ސަބަބުން ދެ އާއިލާއަކަށް، ފުވައްމުލަކަށް އަދި ރާއްޖޭގެ އެންމެނަށް މި ލިބުނީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟

އެކްސިޑެންޓް ވުމުގެ އިރުކޮޅެއް ކުރިން ނިޝާން 350ޒެޑް ސްޕޯޓްސް ކާރު، ނަފުސަށް ވެސް އޮބި ނޯންނަހާ ބާރަށް އިއްޔެ ފުވައްމުލަކު ފުނާޑުގެ ތާރު މަގު / ނައިބުތުއްތު މަގުގައި ދުއްވި ކަމަށް ވެއެވެ. ބޮޑު އެ އެކްސިޑެންޓް އައިރު ކާރު ދުއްވަން އިނީ އެ ރަށު ކޯން ސްލީޓް، އަލީ އާމިލް 19، އެވެ. އޭނާއަކީ އެ ކެޓަގަރީން ލައިންސަންސް އޮތް ޒުވާނެކެވެ.

ކާރުގައި ދެން އިނީ އެ ރަށު ކެޕްރީ، އުމުރުން 24 އަހަރު އަހުމަދު މުތީއު އަބްދުލްހަކީމެވެ. ކާރު، "ނިޝާންފެއާލޭޑީ" ގައި ބުރެއް ޖަހާލަން ދުއްވާލިލެއް ބާރު ކަމުން ގޮސް ކާރުގެ ކޮންޓްރޯލް އާމިލަށް ގެއްލުނީ އެވެ. އަދި ބާރު ސްޕީޑްގައި ގޮސް އެ މަގުގެ ހުޅަނގު ފަރާތުގައި ހުރި ކިނބިގަހަކާއެކު މުޑިއަރައި ފަތްފަތް ޖެހުނީ އެވެ. އެކްސިޑެންޓްގައި އެ ދެ ޒުވާނުންމެ މަރުވީ އެވެ.

އާމިލް ދުއްވި އެ ކާރަކީ އޭނާގެ ތިމާގެ މީހެއްގެ ކާރެކެވެ. މި ބޮޑު އެކްސިޑެންޓްގައި ކާރު ގޮސް ގަހާއެކު މުޑިއަރައި ފަތްޖެހިގެން ދިއުމުން ފުރަތަމަ މަސައްކަތް ކުރަން ޖެހުނީ ކާރުގެ ތެރޭގައި ޒަހަމްތަކާއެކު ތާށިވެފައި ތިބި އެ ދެ ޒުވާނުން ކާރުން ބޭރަށް ނެރެވޭތޯ އެވެ. އެކަަމަކު އެކަމަށް "ވިއްސަކަށް ފަންސަވީހަކަށް" މިނެޓް ނެގި ކަމަށް ވެއެވެ.

ފުވައްމުލައް ޗާޓުން ފާހަގަކޮށްފައި

ދެކުނުގެ އެއްރަށް އަދި އެއް އަތޮޅު މައްޗަށް އޮތް ސިޓީން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ދެ ޒުވާނުން އެކްސިޑެންޓްވި ނުރައްކާތެރި ހާދިސާ "އުފަންވީ" މުތީއު އާއި އާމިލް ގޮސް ކާރަށް ޕެޓްރޯލް އަޅައިގެން ނައްޓާލިތަނާ މާ ގިނަ އިރެއް ނުވަނީހެވެ. އަދި އެ އެކްސިޑެންޓުވެފައި ވަނީ ވެސް އެ ރަށުގެ ޕެޓްރޯލް ޝެޑާ ގާތްގަނޑަކަށް ފަންސާހަކަށް މީޓަރު ދުރުންނެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވި ގޮތުގައި ފުރަތަމަ ވެސް އޭގެ ތެރެއިން އެއް ޒުވާނަކު ހޮސްޕިޓަލަށް ގެންދެވުނެވެ. ދެވަނަ ޒުވާނާ ގެންދިއުމުގައި ވަގުތުކޮޅެއް ނެގި އެވެ. އެހެންވާން ދިމާވީ ކާރުގެ ތެރޭގައި ތާށިވެފައި ތިބުމުންނެވެ.

"އެއް ކުއްޖަކު ހޮސްޕިޓަލަށް ގެންދެވުނީ ކާރުގެ ބައިބައި ވަރަށް ރޫޅައި ނައްޓާލައިގެން،" ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

އެހެން މީހަކު ބުނި ގޮތުގައި އެ ދެ ޒުވާނުން ކާރުގެ ތެރެއިން ނެގި އިރު ތިބީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އަދި އެ މީހުން ދުއްވަމުން ދަނިކޮށް އެކްސިޑެންޓުވި ކާރު ގަހުގައި ލައިގަތް ގޮތަށް ތިބީ ކާރުގެ ތެރޭ އެކިވަރުގެ ޒަހަމްތަކާއެކު ފިތި ފަތްޖެހިފަ އެވެ. އެ މީހާ ބުނި ގޮތުގައި އެއީ ގަހުގައި ކާރު ޖެހުނު ގޮތަކުން ދޮރުފަތްތައް ތާށި ވެގެނެވެ.

"އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ބޯ ވެސް އޮތީ ޗިސްވެފައި. އެކަކު ވެސް ކާރުތެރެއިން ނެރެން ޖެހުނީ ބައެއް އާލަތްތައް ބޭނުންކޮށް ބައިތައް ވަކިކޮށްގެން އެކަމަކު އެކަކު ވަރަށް އަވަހަށް ހޮސްޕިޓަލަށް ގެންދެވުނު،" އޭނާ ބުންޏެވެ.

މީން ޒަމާނަކު ފުވައްމުލަކުން ނާންނަ ވަރުގެ ބޮޑު މި އެކްސިޑެންޓްވެ ދެ ޒުވާނަކު މަރުވެ ހުރިހާ ވާހަކައެއް ނިއުޅެމުން ދިޔައީ ވަރަށް އަވަހަށް އޭހާ ހޫނުކޮށެވެ. އެކަމަކު އިއްޔެ ފުލުސް މުއައްސަސާ އަށް ކަމެއްވީހެން ހީވެސް ނުވެ އެވެ. އެހެންނާ މިބާވަތުގެ ކަންކަމުގައި ފުލުހަށް ވުރެ އަވަހަށް ނޫސްވެރިން މައުލޫމާތު އޮއްސަންޏާ ފުލުސް ވަރަށް ކަންބޮޑު ވެއެވެ. ތަހުގީގަށް ހުރަސް އެޅިދާނެތީ އެއްވެސް ވާހަކައެއް ނުލިޔާން ވެސް އެދެ އެވެ. އެކަމަކު ފުލުސް އިދާރާ އިއްޔެ އޮތީ އެކްސިޑެންޓާއެކު "މަރު" ވެފަ އެވެ.

އެއީ ހިނގައިފި ކަމެކޭ ބުނެލާން އެނގުނީ ވެސް އިރުއޮއްސި 6:53 ގައި ނޫސްވެރިޔަކު ސުވާލު ކުރުމުން 7:30 ގަ އެވެ. އާ މައުލޫމާތަކަށް އޮތީ "މި އެކްސިޑެންޓްގެ މައްސަލަ ފުލުުހުން ދަނީ ތަހުގީގު ކުރަމުން" ނެވެ. ފުލުސް އިދާރާގެ ރަނގަޅު ކަމުން "ކާރު ދުއްވާފައި ވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް، އެއީ 19 އަހަރުގެ މީހާ" ކަމަށްވެސް ބުނެ ދިނެވެ. އެކަމަކު އެއީ އެންމެނަށް އެނގިފައި އޮތް ކަމެކެވެ.

ފުވައްމުލަކުގެ އެކްސިޑެންޓްގައި މަރުވި ދެ ޒުވާނުންގެ ތެރެއިން މުތީއުއަކީ މީގެ ހަތަރު އަހަރު ކުރީން 2017 ވަނަ އަހަރު ވެސް އެ ސިޓީގައި ހިނގި ހަމައެފަދަ ބޮޑު އެކްސިޑެންޓެއް ޒަހަމްވެ ފުއްޕާމެއަށް ލޭ އެޅި ފުރާނަ ސަލާމަތް ކުރެވިދާނެ ކަމާމެދު އުންމީދު ކަނޑާލަން ޖެހެނު ޒުވާނެކެވެ. އެފަހަރު އޭނާ އިން ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހިގެނެވެ. އެ އެކްސިޑެންޓުގައި އޭނާގެ ވާތު ކޮނޑުގެ ކަށިގަނޑާއި ވާތު ފައި ވެސް ބިނދުނެވެ. އެފަހަރު ވެސް އޭނާ އިނީ ކާރު ދުއްވި މީހާއާ ޖެހިގެނެވެ. އެ ފަހަރު މުތީއު އެނބުރި އައީ އޭޑީކޭ ހޮސްޕިޓަލްގައި ދިން ފަރުވާއަށް ފަހު އެވެ. އޭގެ ކުރިން އެ ހޮސްޕިޓަލްގައި އޭނާ ގުނީ މެޝިނާއެކު ކްލިނިކަލީ ޑެޑް ދުވަސްތަކެވެ.

އިއްޔެ އެކްސިޑެންޓްގައި ވެސް މުތީއުގެ ބޮލަށާއި ހަށިގަނޑަށް އެކި ވަރުގެ ޒަހަމްތައް ލިބި ޗިސް ޗިސް ވެފައި ވެއެވެ. އޭނާގެ އެކުވެރިޔާ އާމިލް އާއި ދެ ޒުވާނުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ އެވެ.

މިއީ ކިހާ ދެރަ ހާދިސާއެއް ހެއްޔެވެ؟ ގާތްގަނޑަކަށް 13،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ސިޓީގައި އިއްޔެ ހިނގި އެކްސިޑެންޓްގައި އެ ދެ ޒުވާނަކު މަރުވެ، ވަކިވެގެން އެދިޔައީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު ހިނގި ހާދިސާއެއްގައި އުމުރުން 17 އަހަރުގެ އަހުމަދު ފައުޒާން ގެނބިގެން މަރުވި ހިތާމަ އެ އަތޮޅުން އަދި ފިލައި ނުގޮސް ހިތާމައިގައި އޮއްވައެވެ. ފައުޒާން މަރުވީ އެ ރަށު މާނޭރެ އަތިރި މޫދުގައި ގެނބެމުން ދިޔަ ކުޑަ ދެ އަންހެން ކުދީން ސަލާމަތް ކުރަން އުޅުމުގެ ތެރޭގަ އެވެ. މިގޮތަށް މަރަކަށް ފަހު މަރެއްގެ ހިތާމަ ބަރުދާސްތު ކުރާނީ ހެއްޔެވެ؟ ނޫނީ ހިސާބަކަށް ބަލާލައިގެން އުޅޭނީ ހެއްުޔެވެ؟