ހަބަރު

"އަހަރެން މަރުވި އަޑު އިވިއްޖެނަމަ މާފު ކުރޭ"

ރާއްޖޭގައި އެއް ފަހަށް އޮންނަ ހަމަ އެކަނި އަތޮޅު، އަދި ދެކުނުގެ ފުވައްމުލަކު ސިޓީއަކީ ނާޒުކު ތިމާވެއްޓެއް އޮންނަ ރަށެކެވެ. ފުވައްމަލުކުގައި މޫދުގެ ހިތާމެވެރި ގިނަ ހާދިސާތައް އިހުއްސުރެ ހިނގައި ވަރަށް ގިނަ ބައެއްގެ ފުރާނަ ގެއްލިފައި ވެއެވެ. އިއްޔެއަކީ ވެސް ފުވައްމުލަކުގެ މޫދުގައި އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގައި ޒުވާން ކުއްޖަކު މަރުވެ، އެންމެނާ ވަކިވެގެން ދިޔަ ދުވަހެކެވެ. ފުވައްމުލަކަށް ހިތާމަވެރި ކަޅު ދުވަކެވެ. އެކަމާ ގައުމު ވަރަށް ދެރަވި ދުވަހެކެވެ.

އިއްޔެ އެ ސިޓީން މަރުވެފައި ވަނީ ދޫޑިގަން / ޔޫރޯ، އަހުމަދު ފައުޒާން 17، އެވެ. ގާތްގަނޑަކަށް 13،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ފުވައްމުލަކުގެ ޒުވާން ފައުޒާންގެ މަރާ ގުޅިގެން މުޅި ސިޓީ ވަނީ ކަރުނައިގެ ތެރޭގަ އެވެ.

ފުވައްމުލަކު ސްލޫގެ ގްރޭޑް 10 ގައި ކިޔަވަމުން އައި ފައުޒާނަކީ ސިޓީގެ އެ އުމުރު ފުރާގައި ފާހަގަ ވަމުން ވިދަމުން އައި ކުޅިވަރަށް މޮޅު ކުއްޖެކެވެ. އަދި ރީއްޗަށް އުޅެމުން އައި އަހުލާގު ހުރި ރަނގަޅު ކުއްޖެކެވެ. އާދާގައި ވަރަށް ގިނައިން މޫދަށް ގޮސް ވެސް އުޅޭ ކުއްޖެކެވެ. އޭނާގެ ދުވަހެއްގެ ޝެޑިއުލުގައި މޫދު އޮވެ އެވެ. އިއްޔެވެސް ރައްޓެހި ހަ ކުއްޖަކާއެކު މިސްކިތްމަގު މާނޭރެ އަތިރި މޫދަށް އެރުނެވެ. އެކުދީން މޫދަށް ފޭބީ އަސުރުން ތިރިވެ ހަވީރު 4:30 އެހާކަންހާއިރު އެވެ.

މާނޭރެ އަތިރި މޫދުގައި އިއްޔެ ގެނބެމުން ދިޔަ ކުޑަ ދެ އަންހެން ކުދީން ވެސް ހިމެނެނީ ފައުޒާން މެނާއެކު މޫދަށް އެރުނު އެކުވެރީންގެ ތެރޭގަ އެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފައުޒާން ގެނބި މަރުވި އިރު އޭނާއާއެކު، އެ ދެ ކުދީން ސަލަމާތް ކުރަން އުޅުނު އިބްރާހިމާއި ހަވާލާދީ އޭނާގެ ބައެއް ރައްޓެއްހިން ވާހަކަ ދައްކަ އެވެ.

އޭގެ ތެރެއިން ބައެއް ކުދިން ބުނާ ގޮތުގައި މިއަދު އެ މީހުނާއެކު މޫދަށް އެރި އުޅުނު ކުދީންގެ ތެރެއިން ރާޅު އޮޔާ ދަމައިގަތް ދެ އަންހެން ކުދިން ފުނަށް ގެންދިޔައިރު ފައުޒާނާއި އިބްރާހިމް ތިބީ އެ ދިމާ ފަރު މަތީގަަ އެވެ. ދެ އަންހެން ކުދިން ތިބީ އެމީހުނާ މާ ދުރު ނޫން ހިސާބެއްގަ އެވެ. އަނެއް ތިން ކުދީން ތިބީ އެއްގަމާ ވަރަށް ކައިރީ އެކަމަކު މޫދުގަ އެވެ.

އޮޔާ ދަމަގަތް ކުދީންގެ ތެރެއިން އެއް ކުޖަކާ ހަވާލާދީ ސިޓީގެ ބައެއް ޒުވާން ކުދިން ކިޔައިދިން ގޮތުގައި ދެ އަންހެން ކުދިން އޮޔާ ބޭރަށް ދަމައިގަތީ ކުއްލިއަކަށް ނެގި ބޮޑު ރާޅަކާ އެކު އެވެ. އަދި އެ މަންޒަރު ކައިރީން ފެނުނީ ވެސް ފައުޒާނާއި އިބްރާހިމަށެވެ. އެ ދެ ކުދީން ފަތާފައި ގޮސް ދެ މީހުން ވެސް މަސައްކަތް ކުރީ މީހަކު ކުއްޖަކު ސަލާމަތް ކުރާށެވެ.

އިބްރާހިމް އަތުގައި ހިފި ކުއްޖާ އުނދަގުލުން އަދި ބައެއް އަނިޔާ އާއި ޒަހަމްތައް ލިބިގެން ސަލާމަތްކޮށް ކުރެވުނެވެ. އޭރު ފައުޒާން އާއި އަނެއް އަންހެން ކުއްޖާއަށް ފަރުމަތީން އިސްކޮޅުކާ ހިސާބަށް އެރޭގޮތް ނުވެ ރާޅާއިއެކު ބޭރަށް ދަމައިގެންފައި ވެއެވެ. ނަމަވެސް ރާޅުގެ ތެރޭގައި ފައުޒާންގެ މަސައްކަތުން އަހެން ކުއްޖާ ސަލާމަތްކޮށް ފަރުމަތީ އިސްކޮޅު ޖެހޭ ހިސާބަށް ގެންގޮސް ދިނެވެ. ރާޅުން ސަލާމަތް ނުވެވުނީ ފައުޒާނަށެވެ.

ފައުޒާން ގެ މަސައްކަތުން ސަލާމާތް ކޮށްދިން އަންހެން ކުއްޖާއާ ހަވާލާދީ އޭނާގެ ގާތް ކުދިން ބުނާ ގޮތުގައި އޭނާ ސަލާމަތް ކުރަން މަސައްކަތްކޮށް ދެ މީހުނަށް ވެސް ފައި ޖެހޭ ހިސާބަށް ދެވުނެވެ. އަދި އޭނާ ފަރުމައްޗަށް ފައުޒާން ކޮއްޕާލި ވަގުތަކީ ފައުޒާން އެންމެ ފަހުން ވާހަކަ ދެއްކި އަޑު އިވުުނު ވަގުތެވެ. އެ ވަގުތު ފައުޒާން ބުނެފައި ވަނީ، "ހާސްނުވޭ، އަހެރެން ހުއްޓާ އެއްވެސް ކަމެއް ނުވާނެ، އަހަރެން އަރާނީ ސަލާމަތްކޮށްފަ" އެވެ.

ފައުޒާން އެހެން ބުނަމުން ފަރުމައްޗަށް އަންހެން ކުއްޖާ ކޮއްޕާލީ އެވެ. އޭނާ ވެސް ފަރުމަތީން ލިބުނު އަނިތަކާއެކު ގޮސް ހުރީ ފަރުމަތީގައި އިސްކޮޅުޖެހޭ ތަނުގަ އެވެ. އެއްގަމުގައި ތިބި މީހުން އެހެން މީހުނަށް ގޮވަމުން މީހުން ހޯދަން ދުވަނީ އެވެ. އަންހެން ކުއްޖާއާ ހަވާލާދީ މީހުން ބުނާ ގޮތުގައި އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނާ ދެން ބަލައިލި އިރު ފެންމުން ދިޔައީ ފައުޒާން އަޑިޔަށް ދާ މަންޒަރެވެ. އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން ހަރަކާތް ހުއްޓި ގަބުވެފައި ހުރެވުނީ އެވެ. ހުރެވުނީ ފައުޒާން ގެނބުނު ދިމާއަށް އަތް ދިއްކޮށްގެނެވެ.

ފައުޒާން ގެނބުނުތާ ގިނަ އިރު ނުވެ އެ ހިސާބާ ކައިރީން ހުންނަ ސިފައިންގެ ފަޔާ ސްޓޭޝަނުގެ ސިފައިންނާއި ރަށު ފުލުހުން ވެސް ރިޕޯޓް ކުރި އެވެ. އަދި އާންމުންގެ އެހީއާއެކު ކުދީން ހިކި ފަހަށް ގެންގޮސް ފައުޒާން ހޯދުމުގެ މަސައްކަތް ފެށި އެވެ. ގަޑިއެއްހާ އިރު ފަހުން، ފައުޒާން ފެނުނީ މޫދު އަޑިންނެވެ. އޭނާ ފެނުނު އިރު މޫދުގެ އަޑިގައި ހުރީ ކޮޅަށެވެ.

ފައުޒާން ފެނުމުން ޑިންގީއެއްގައި ދޫޑިގަމު ބަނދަރަށް ގެންގޮސް ހޮސްޕިޓަލަށް ގެންދިޔައީ އެވެ. އޭރުވެސް ފައުޒާންގެ ހަށިގަނޑުގައި ވިންދު ޖަހައެވެ، އެމްބިލާންސް ތެރޭގައި ވެސް ޑޮކްޓަރުން އޭނާއަށް ފަރުވާ ދިނެވެ. އެކަމަކު އޭގެ ފަހުން ގިނަ އިރު ނުވެ ފައުޒާން މަރުވެ، ވަކިވެގެން ދިޔައީ އެވެ.

ފައުޒާން މަރުވެގެން ދިޔައީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އެހެން ރަހުމަތްތެރިއެއްގެ ފުރާނަ ސަލާމަތް ކުރަން ރަޅާ ދެކޮޅަށް ފަތައި ގަދަ ހިތްވަރުކޮށް އެކުވެރިޔާ ސަލާމަތް ކޮށްދީފަ އެވެ. ފައުޒާން މަރުވުމުގެ ހިތާމައިގައި އެންމެން ތިބި ނަމަވެސް އޭނާ އާއި ދެ އަންހެން ކުދީން ސަލާމަތް ކުރަން ދިޔަ އިބްރާހިމްގެ ހިތްވަރަށް އެންމެން ސާބަސްދެ އެވެ. ނަސީބު ދެރަކަމުން ފައުޒާން އަބަދަށް ވަކިވެގެން ދިޔައީ އެވެ.

ފައުޒާންގެ ފޭސްބުކް ޕްރޮފައިލްގައި މީގެ ދެ ދުވަސް ކުރިން އޭނާ ވަރަށް އަސަރުހުރި ޕޯސްޓެއް ޝެއާކުރި އެވެ. އެއީ "ވިލް އޮފް ﷲ" ނަމުގައި ހިންގާ ޕޭޖެއްގެ ޕޯސްޓެކެވެ.. އެ ޕޯސްޓްގައި ލިޔެފައިވާ ވަނީ މިހެނެވެ: "ކުއްލި މަރެއްގައި އަހަރެން މަރުވި އަޑު އަހައިފިނަމަ. އަހަންނަށް މައާމަފު ކޮށް ހެޔޮ ދުއާ ކޮށް ދޭށެވެ"

ފައުޒާން ވަކިވެގެން ދިޔަ ނަމަވެސް އޭނާއަކީ "ހީރޯ" އެކެވެ، އެންމެންގެ ވެސް ދުއާ އަކީ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުވުމެވެ.