ހަބަރު

ފައުޒާނަކީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާއެއް: ރައީސް

Jan 10, 2021
12

ޏ. ފުވައްމުލަކު މޫދުގައި ގެނބެމުންދިޔަ ދެ ކުއްޖަކު ސަލާމަތް ކުރަން އުޅެނިކޮށް، އިއްޔެ ގެނބިގެން މަރުވި އަހުމަދު ފައުޒާން ވަކިވެގެން ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަނެ ގެނބެމުން ދިޔަ ކުޑަ ދެ އަންހެން ކުދީން ވެސް ހިމެނެނީ ފައުޒާން މެނާއެކު މޫދަށް އެރުނު އެކުވެރީންގެ ތެރޭގަ އެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފައުޒާން ގެނބި މަރުވި އިރު އޭނާއާއެކު، އެ ދެ ކުދީން ސަލަމާތް ކުރަން އުޅުނު އިބްރާހިމާއި ހަވާލާދީ އޭނާގެ ބައެއް ރައްޓެއްހިން ބުނި ގޮތުގައި ދެ އަންހެން ކުދިން ފުނަށް ގެންދިޔައިރު ފައުޒާނާއި އިބްރާހިމް ތިބީ އެ ދިމާ ފަރު މަތީގަަ އެވެ. ދެ އަންހެން ކުދިން ތިބީ އެމީހުނާ މާ ދުރު ނޫން ހިސާބެއްގަ އެވެ. އަނެއް ތިން ކުދީން ތިބީ އެއްގަމާ ވަރަށް ކައިރީ އެކަމަކު މޫދުގަ އެވެ.

އޮޔާ ދަމަގަތް ކުދީންގެ ތެރެއިން އެއް ކުޖަކާ ހަވާލާދީ ސިޓީގެ ބައެއް ޒުވާން ކުދިން ކިޔައިދިން ގޮތުގައި ދެ އަންހެން ކުދިން އޮޔާ ބޭރަށް ދަމައިގަތީ ކުއްލިއަކަށް ނެގި ބޮޑު ރާޅަކާ އެކު އެވެ. އަދި އެ މަންޒަރު ކައިރީން ފެނުނީ ވެސް ފައުޒާނާއި އިބްރާހިމަށެވެ. އެ ދެ ކުދީން ފަތާފައި ގޮސް ދެ މީހުން ވެސް މަސައްކަތް ކުރީ މީހަކު ކުއްޖަކު ސަލާމަތް ކުރާށެވެ.

އިބްރާހިމް އަތުގައި ހިފި ކުއްޖާ އުނދަގުލުން އަދި ބައެއް އަނިޔާ އާއި ޒަހަމްތައް ލިބިގެން ސަލާމަތްކޮށް ކުރެވުނެވެ. އޭރު ފައުޒާން އާއި އަނެއް އަންހެން ކުއްޖާއަށް ފަރުމަތީން އިސްކޮޅުކާ ހިސާބަށް އެރޭގޮތް ނުވެ ރާޅާއިއެކު ބޭރަށް ދަމައިގެންފައި ވެއެވެ. ނަމަވެސް ރާޅުގެ ތެރޭގައި ފައުޒާންގެ މަސައްކަތުން އަހެން ކުއްޖާ ސަލާމަތްކޮށް ފަރުމަތީ އިސްކޮޅު ޖެހޭ ހިސާބަށް ގެންގޮސް ދިނެވެ. ރާޅުން ސަލާމަތް ނުވެވުނީ ފައުޒާނަށެވެ.

ފައުޒާން ގެ މަސައްކަތުން ސަލާމާތް ކޮށްދިން އަންހެން ކުއްޖާއާ ހަވާލާދީ އޭނާގެ ގާތް ކުދިން ބުނާ ގޮތުގައި އޭނާ ސަލާމަތް ކުރަން މަސައްކަތްކޮށް ދެ މީހުނަށް ވެސް ފައި ޖެހޭ ހިސާބަށް ދެވުނެވެ. އަދި އޭނާ ފަރުމައްޗަށް ފައުޒާން ކޮއްޕާލި ވަގުތަކީ ފައުޒާން އެންމެ ފަހުން ވާހަކަ ދެއްކި އަޑު އިވުުނު ވަގުތެވެ. އެ ވަގުތު ފައުޒާން ބުނެފައި ވަނީ، "ހާސްނުވޭ، އަހެރެން ހުއްޓާ އެއްވެސް ކަމެއް ނުވާނެ، އަހަރެން އަރާނީ ސަލާމަތްކޮށްފަ" އެވެ.

އެ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އަންހެން ކުއްޖާ ސަލާމަތް ކުރުމުގެ ތެރޭގައި ފައުޒާން ވަކިވެގެން އެ ދިޔައީ މުޅި ގައުމަށް ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައި ކަމަށެވެ.

"އޭނާގެ އެ ގުރުބާނީން ގައުމު ރޮއްވައިލާފައި،" ރައީސް ވިދާޅުވި އެވެ.

އެ ހާދިސާ ހިނގިތާ ގަޑިއެއްހާ އިރު ފަހުން، ފައުޒާން ފެނުނީ މޫދު އަޑިންނެވެ. އޭނާ ފެނުނު އިރު މޫދުގެ އަޑިގައި ހުރީ ކޮޅަށެވެ.

ފައުޒާން ފެނުމުން ޑިންގީއެއްގައި ދޫޑިގަމު ބަނދަރަށް ގެންގޮސް ހޮސްޕިޓަލަށް ގެންދިޔައީ އެވެ. އޭރުވެސް ފައުޒާންގެ ހަށިގަނޑުގައި ވިންދު ޖަހައެވެ، އެމްބިލާންސް ތެރޭގައި ވެސް ޑޮކްޓަރުން އޭނާއަށް ފަރުވާ ދިނެވެ. އެކަމަކު އޭގެ ފަހުން ގިނަ އިރު ނުވެ ފައުޒާން މަރުވެ، ވަކިވެގެން ދިޔައީ އެވެ.