އަހުމަދު ސިޔާމް މުހައްމަދު

ރައީސް ސޯލިހަކީ ތަޖުރިބާކުރެވި ފާސްވެފައިވާ ބޭފުޅެއް: ސިޔާމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ތަޖުރިބާކުރެވި ނަތީޖާ ދައްކަވާފައިވާ ލީޑަރަކަށް ވާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިތުރު ބޭފުޅަކަށް ވޯޓު ދޭންވީ ސަބަބެއް ނެތް ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ކުރިމަތިވި އެތައް ދަތި ހުރަސްތަކެއް ރައީސްގެ ހިކުމަތްތެރި ނިންމެވުންތަކާ އެކު ނައްތާލާފައިވާ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީއޭ އިން ރައީސް އާއި އެކު ކުރިއަށް ދިޔުމަށް ނިންމީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުން ކަމުގައި ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެންވީ އެހެން ބޭފުޅަކު ޓެސްޓު ކުރަން. ޓެސްޓުކޮށް ޓެސްޓުން ފާސްވެފައި ހުރި ބޭފުޅަކާއެކު ކުރިއަށް ދިއުން މާރަނގަޅެއް ނޫންތޯ،" ސިޔާމު ވިދާޅުވި އެވެ.

ކޮވިޑް 19ގެ ދުވަސްވަރު ގައުމުތައް ބަންދުކުރުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އެ ދުވަސްވަރު ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ ހައްސާސް އެތައް ވަގުތެއް ކުރިމަތިވި ކަމުގައިވެސް ސިޔާމު ވިދާޅުވި އެވެ. ނަމަވެސް އެ ހާލަތުގައި ރައީސް ސޯލިހް ހިކުމަތްތެރިކަމާ އެކު އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާ މިއަދު ފަތުރުވެރިކަމުގެ ދާއިރާ އިން ފެނިގެންދާ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފިތިގެން ދިޔަ ވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފިތިގެން ދިޔައީ. ފިތިގެން ދިޔަ ވަގުތު އެމަނިކުފާނުގެ ގައިން އައީ ކޯއްޗެއްތޯ؟ މާމުއި! މީހުންނަށް ދެއްކޭނެ އުފާވާނެ އަދި ކަރަށް ރަހަލާނެ ރީތި މާމުއި!" ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑުގެ ދަތި ހާލަތުގައި އެތައް ބަޔެއްގެ ވަޒީފާ ގެއްލި، އެތައް ބަޔަކަށް މުސާރަ ދެވޭނެ ގޮތެއް ނެތިގެން އެތައް ބަޔަކު އުޅެން ޖެހުނު ކަމަށެވެ. މިކަމުން އަރައިގަނެވުނީ ސަރުކާރުން އެ މީހުންނަށް ވީ އެހީއާއި އެކުގައި ކަމަށާއި އެ ދުވަސްވަރު ސަރުކާރުން ވިޔަފާރިތަކަށާއި އެނޫންވެސް ބޭނުންތައް ޖެހިފައިވާ މީހުންނަށް ތިން ބިލިއަން ރުފިޔާ ހަރަދުކުރިކަން ފާހަގަކުރެއްވި އެވެ.

"މިކަން މި ކުރެވުނީ ސަރުކާރުގެ އެ ވަގުތުގެ ވިސްނުން ހުރި ގޮތުން. އެ ނޫން ނަމަ ފަތުރުވެރިކަމެއް މިއަދު ދިވެހިރާއްޖޭގައި ނޯންނާނެ،" ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހާ އެކު ރައްޔިތުންގެ މަޖިލީހުގައި 20 އަކަށް އަހަރު މަސައްކަތް ކުރެއްވުނު ކަމަށެވެ. އެ 20 އަހަރު ތެރޭގައި މަޖިލީހުން ފެނުނީ އެންމެ އަހުލާގު ރަނގަޅު، އެންމެ މަޑުމައިތިރި އަދި އެންމެ ވިސްނުންތެރިކަމާއެކު މަސައްކަތް ކުރެއްވި، ލީޑަރަކަށް ފެނުނީ ރައީސް ސޯލިހް ކަމުގައިވެސް ވިދާޅުވި އެވެ.

"އޭރުވެސް ޕާލިމެންޓުގައި ފުންމަފުންމައިގެން އެމަނިކުފާނު އަރިހަށް ދާނެ. ރުޅިވެސް އަންނާނެ. ހަޑި އެއްޗެހި ވެސް ކިޔާ. އެމަނިކުފާނު ދުވަހަކު ވެސް މީހަކާ ދިމާލަށް ހަޑިއެއްޗެއް ނުބުނޭ. ރުޅިއެއް ވެސް ނާދޭ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ޕޯޑިއަމަށް އަރާ ރަނގަޅަށް ވާހަކަ ދެއްކޭ، ބަސްގިނަ ބޭފުޅުންނަށް ވުރެ އަމަލުން ކަންކަން ދައްކައިދޭ ބޭފުޅަކު ވެރިކަމަށް ހޮވުމަކީ ދިވެހި ރައްޔިތުން ވިސްނަންވީ ގޮތް ކަމަށެވެ. އެބޭފުޅަކީ ރައީސް ސޯލިހް ކަމުގައިވެސް ވިދާޅުވި އެވެ.