ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާ އެކު ކޯލިޝަންގައި ހިތްދަތި ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނު ކަމަށް އެ ކޯލިޝަންގައި ކުރިން އޮތް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.
އެމްޑީއޭ އިން ޕީޕީއެމްއާ އެކު ކޯލިޝަން ހެދީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގަ އެވެ. ވެރިކަމުގެ އެ ދައުރު ނިމެންދެން ކޯލިޝަންގައި ތިބުމަށްފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީއޭ އިން ވަނީ ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމަށް ދެކޮޅު ހަދާފަ އެވެ.
އެމްޑީއޭ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދާނެ ބަޔަކާ މެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި އެމްޑީއޭގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ހިޔާނާތުގެ ތެރެއިން ދިވެހި ދައުލަތުގެ މާލިއްޔާ އިން ބިލިއަން ޑޮލަރު ގެއްލުމަކީ ގަބޫލުކުރެެއްވޭނެ ކަމެއް ނޫން ކަމަށެވެ.
"ޕީޕީއެމްއާ އެކު [ރިޔާސީ އިންތިހާބުގައި] ކުރިއަށް ނުދާން އެމްޑީއޭ އިން ނިންމަން ޖެހުނު އެއް ސަބަބަކީވެސް އެއީ،" އަލީ މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައި ވެރިކަން ލިބުމުން ވައުދުވީ ގޮތަށް މަގާމުތައް ވެސް ނުދެއްވި ކަމަށެވެ. ނަމަވެސް އެކަމަށް ބެއްލެވުމެއްނެތި ކޯލިޝަންގައި ތިއްބެވީ ގައުމާއި ރައްޔިތުންނަށްޓަކައި ކަމަށްވެސް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ހަމައާއި އުސޫލުތަކާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވެރިކަން ކުރައްވާނަމަ އެ ބޭފުޅަކަށް ދެވަނަ ދައުރެއް ދިނުމަކީ އެމްޑީއޭ އިން ދެކޭ ގޮތުގައި މައްސަލައެއް ނޫން ކަމަށެވެ. އޭރުން ރައީސް ފައްޓަވާފައިވާ މަސައްކަތްތައް ނިންމުމަށާއި ގައުމު ހަމަމަގަށް އެޅުވުމަށް ފުރުސަތު ލިބޭނެ ކަމަށް އެމްޑީއޭގެ ލީޑަރު ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެ މަނިކުފާނަކީ [ރައީސް ސޯލިހަކީ] މަޑުމައިތިރި ކެތްތިރި ވިސްނުންތެރި ބޭފުޅެއް،" މައުރޫފް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީއޭ އިން އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އިއްޔެ ނިންމުމާ ގުޅިގެން އެމްޑީޕީން ވަނީ އެ ޕާޓީއަށް މަރުހަބާ ކިޔާފަ އެވެ. އެމްޑީޕީން ބުނީ އެމްޑީއޭގެ ނިންމުމަކީ ގައުމުގެ މަސްލަހަތަށްޓަކައި ނިންމި މުހިއްމު ނިންމުމެއް ކަމަށެވެ.