ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހާއި ސަން ސިޔާމު ބައްދަލުކުރައްވައިފި

Jan 31, 2023
2

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ބައްދަލުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ ސިޔާމުއާއި ރައީސް ސޯލިހް މިއަދު ބައްދަލުކުރެއްވީ ރައީސް އޮފީހުގަ އެވެ.

ރައީސް އޮފީހުގެ ބައެއް އޮފިޝަލުންނާއި އެމްޑީއޭގެ ބައެއް އިސް ބޭފުޅުން ވަނީ މިބައްދަލުވުން ބޭއްވި ކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ރައީސް ސޯލިހް ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެކަން ކުރައްވާނީ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރައްވައިގެން ކޯލިޝަނެެއް ހައްދަވައިގެން ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން މިއަދުގެ ބައްދަލުވުމަކީ ގުޅިގެން ކުުރިއަށް ދެވިދާނެ ގޮތްތަކެއް އޮތްތޯ ބެލުމަށް ކުރިއަށް ގެންދިޔަ މަޝްވަރާއެއް ކަމަށް ބެލެވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަކަށް ސިޔާމު އަދި ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އެމްޑީއޭ އިން ގެންދަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނަމުންނެވެ.

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމު މުހައްމަދު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެއްދެވީ ރައީސް ޔާމީންގެ ޕީޕީއެމްއާ އެކު އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އިންތިހާބަށްފަހު ސިޔާމު ވަނީ ރައީސް ޔާމީނާ އެކު އޮތް ސިޔާސީ ގުޅުން ނިމުމަކަށް ގެންނަވާފަ އެވެ.