މޯލްޑިވްސް ޕޮލިސް ސާވިސް

ފުވައްމުލަކުގައި ފުލުހުންނާއި އާންމުންގެ ބަޔަކާ ދެމެދު ހަމަނުޖެހުމެއް

ފުވައްމުލަކުގައި އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ބަޔަކާއި ފުލުހުންނާ ދެމެދު ބޮޑު ހަމަނުޖެހުމެއް ހިނގާ ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

ހަމަނުޖެހުން ފެށުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާ ނިންމާލިތާ ކުޑަވަގުތު ކޮޅެއް ފަހުން އެ ސަރަހައްދުގައި ތިބި ބަޔަކު ފުލުހުންނާ ދިމާލަށް ގާއުކުމުން އެ މީހުން މައިތިރިކުރަން ފުލުހުން މަސައްކަތް ފެށުމާ އެކު އެވެ.

ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ހަތަރު ފުލުހަކަށާއި ބައެއް އާންމުންނަށް އަނިޔާވެ ފުވައްމުލަކު ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާވެސް ދެމުންނެެވެ.

ފުލުހުންނާ ދިމާލަށް ގާއުކީ "މޮންޓި ރޯސާ" ނަމަކަށް ކިޔާ ކެފޭއެއްގައި ތިބި ބައެކެވެ.

މިރޭގެ މި ހަމަނުޖެހުންތަކާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް އެނގިފައެއް ނުވެ އެވެ.

ފުލުހުންނާ ދިމާލަށް ބަޔަކު ގާއުކީ ރައީސް ސޯލިހް ދަތުރުކުރައްވާ މޮޓޯކޭޑަށް ހުރަސްއަޅަން އުޅުމުން އެކަމަށް ފުރުސަތު ނުދިނުމުން ކަމަށްވެސް ބައެއް މީހުން މައުލޫމާތު ދީފައިވެ އެވެ.

ރައީސް ސޯލިހް މިއަދު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތުވެސް ބަޔަކު މުޒާހަރާކޮށް ހަމަނުޖެހުން ހިންގި އެވެ. އެވަގުތު ތިން މީހަކު އެތަނުން ހައްޔަރުވެސް ކުރި އެވެ.