އެކްސިޑެންޓުތަކާއި މަރުތައް ގިނަވެ، 2019 އަށް ނާމާން ފެށުމެއް!

ކޮންމެ އާ އަހަރަކާއި މީހުން ކުރިމަތިލަނީ އާ އުއްމީދަކާއެކު އެވެ. މާޒީވެދިޔަ ނާއުއްމީދުތަކުން އިބްރަތް ހޯދައި ކާމިޔާބާއި އުފާ ހާސިލް ކުރުމުގެ އަޒުމްގެ ހުޅުކޮޅު އަލުން ރޯކޮށް، ދިރިއުޅުމުގެ ކަންކަން ރަނގަޅު ކުރުމަށް ނިޔަތްގަނެގެންނެވެ.

ނަމަވެސް، ދިވެހިންނަށް 2019 އަހަރު މަރުހަބާ ކިޔާފައި މިވަނީ ހާސް ކަމާއި ބިރުވެރި ނުރައްކާތެރި ހާދިސާތަކުންނެވެ. މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، ކީރިތި ރަސޫލާގެ ހަދީސްފުޅުތަކަށް ހަޖޫ ޖެހުން އިތުރުވެފައިވާ ދަނޑިވަޅެއްގައި، އަހަރު ފުރަތަމަ މަހުގެ ކަލަންޑަރުން އަދި އެންމެ 20 ދުވަސް ކެނޑުނުއިރު، ނުރައްކާތެރި އެކްސިޑެންޓެއް، ހިތާމަވެރި ހާދިސާ އެއް ނޫނީ ކުއްލި ގޮތަކަށް މީހަކު ދުނިޔެ އާއި އަލްވަދާއު ކިޔަންޖެހުނު ހަބަރެއް ނުއިވޭ ދުވަހެއް މަދެވެ.

މަރުތައް ގިނަ މަހެއް!

މިއަހަރުގެ ފެށުން ރާއްޖޭގެ ފަސްގަނޑު، ދިވެހިންގެ އިތުރުން ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިންނަށާއި މަސައްކަތްކުރާ ބިދޭސީންނަށް ވެސް ކިޔާފައިވަނީ ބިރުވެރި މަރުހަބާ އެކެވެ. ޖެނުއަރީ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އެކި ހާދިސާތަކުގައި މިހާތަނަށް 16 މީހުން ވަނީ މަރުވެފަ އެވެ. އެންމެ ހައިރާންވާންޖެހޭ އެއް ކަމަކީ، މި ތަފާސް ހިސާބުގައި ހިމެނެނީ ގަސްދުގައި މީހަކު މަރާލި އެންމެ މައްސަލައެކެވެ. ރިސޯޓެއްގައި ސްރީލަންކާ ދެ މީހެއްގެ ދެމެދުގައި ހިނގި ދެބަސްވުމެއްގައި އެތަނަކުން އެކަކު ވަނީ އަނެއް މީހާ ވަޅި ހަރައި މަރާލައިފަ އެވެ.

ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅުމެއްނެތި، ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް ވެސް މި އަހަރުގެ "ސުންޕާ" ކަން މިވަނީ ޖެހިފަ އެވެ. މިހާތަނަށް ޖުމްލަ ފަސް ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާއިރު، އޭގެ ތެރޭގައި ހަނީމޫން ހޭދަކޮށްލަން އައި ދެމަފިރިން ވެސް ރާއްޖެއަށް ކުރި ހުވަފެނީ ދަތުރު ވެސް ވެގެން ދިޔައީ ހަޔާތުގެ އެންމެ ފަހު ދަތުރަށެވެ. އެންމެ ފަހުން އިއްޔެ، ސަފާރީއަކުން ފީނަން ފޭބި ރަޝިއާ އަންހެނަކު ވެސް ވަނީ ގެންބިގެން މަރުވެފަ އެވެ.

މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގައި ވެސް ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހިމެނޭ ދެ ޒުވާނުން މަރުވި ހަބަރުވެސް އިވިގެން ގޮސްފައިވަނީ ވަނީ މި ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ ދެ ޒުވާނުންގެ މަރާއެކު، އެކި ހާދިސާތަކުގައި މިއަހަރު ޖުމްލަ 15 މީހުން ވަނީ ދުނިޔެ ދޫކޮށްފަ އެވެ. ހިސާބު އަކުރުން ސިފަކޮށްދޭނަމަ، އެއީ 20 ދުވަސް ތެރޭގައި 16 މަރެވެ. އޭގެ ތެރޭގައި ބައްޕަ އާއި މަންމަގެ ދެމެދުގައި ނިންދެވި 19 ދުވަސްވީ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

2019 އަހަރު މަރުހަބާ ކިއީ ބިރުވެރި ނުރައްކާތެރި ހާދިސާތަކުންނެވެ. މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، ކީރިތި ރަސޫލާގެ ހަދީސްފުޅުތަކަށް ހަޖޫ ޖެހުން އިތުރުވެފައިވާ ދަނޑިވަޅެއްގައި، އަހަރު ފުރަތަމަ 20 ދުވަސް ކެނޑުނުއިރު، ނުރައްކާތެރި އެކްސިޑެންޓެއް، ހިތާމަވެރި ހާދިސާ އެއް ނޫނީ ކުއްލި ގޮތަކަށް މީހަކު ދުނިޔެ އާއި އަލްވަދާއު ކިޔަންޖެހުނު ހަބަރެއް ނުއިވޭ ދުވަހެއް މަދެވެ.
އަވަސްގެ ރިޕޯޓްގެ ސިފަ ކުރުމެއް

އެކްސިޑެންޓުތައް އިންތިހާއަށް!

ބާރު ސްޕީޑުގައި ސައިކަލުތަކާއި ކާރުތައް ދުއްވާ އިރު، ރާއްޖެއަކީ އެކްސިޑެންޓުތައް ގިނަ ގައުމެކެވެ. ސިނަމާލެ ބުރިޖާއި ހުޅުމާލެއާ ގުޅާލާފައިވާ ހައިވޭ ހުޅުވިފަހުން އެތަކެއް އެކްސިޑެންޓްތަކެއް ވަނީ ހިނގާފަ އެވެ. ނަމަވެސް، ނޫސްތަކުގެ ސުރުހީތަކުން އާންމުކޮށް ޖާގަ ލިބޭ ނުރައްކާތެރި އެކްސިޑެންޓުތައް ވެސް މި ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އަހަރު މިހާތަނަށް ޖުމްލަ 115 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ބުރިޖު ހައިވޭގައި ހުރި ރޯޑް ޑިވައިޑާސްތައް ފުނޑުފުނޑުކޮށްލި ހާދިސާ އާއި، އެސްބީއައި އާއި މިސްކިތެއްގެ ތެރެއަށް ކާރު ވައްދާލި ދެ އެކްސިޑެންޓުގެ އިތުރުން މާރުކޭޓު ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި މަރުވި ޒުވާނާ ވެސް ހިމެނެ އެވެ.

ފާހަގަކުރެވޭ އިތުރު ހާދިސާތައް!

އަހަރު ފެށިގެން އައީ ގިލިލަންކަން ފުށީގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއެކު އެވެ. އެތަކެއް މިލިއަން ރުފިޔާގެ ގެއްލުންވެ، މުޅި ރިސޯޓު ހުއްޓުމަކަށް އައި އެ ހާދިސާއަށްފަހު ފެށިގެން އައި ނާމާންކަމުން އަދިވެސް މިވަނީ ސަލާމަތްވެވޭ ގޮތް ނުވެފަ އެވެ. އޭގެ 10 ދުވަސް ފަހުން ރީތި ބީޗް ރިސޯޓުގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ.

ސާދަ އަހަރުގެ ޒުވާން އަންހެން ކުއްޖެއް ފަސް ވަނަ ބުރިން ވެއްޓުނު ހަބަރާއި، ސަފާރީއެއްގައި އެއްޗެއް ގޮވައި، ދެ މީހަކު ފިހުނު ހާދިސާ އާއެކު، ފާއިތުވި 20 ދުވަހުގެ ތެރެއިން، އެންމެ ހާދިސާތައް ގިނަ ދުވަހަކީ އިއްޔެ އެވެ.