ރިޕޯޓް

ޑްރައިވަރުން ނިދީގައި، ހޭލީ ޒިންމާތައް!

އެކި އެކި ގާނޫނުތަކާއި އޭގެ ދަށުން ހަދާފައިވާ ގަވައިދުތަކުގައި ހުންނަ ކަންކަން ތަންފީޒު ކުރަން ހަވާލުވެފައިވާ ގިނަ މުއައްސަސާތަކުން ދުއްވައިގަންނާނީ ކޮންމެވެސް ހާދިސާއެއް މެދުވެރިވީމަ އެވެ. ގާނޫނުތަކާއި ގަވައިދުތަކުގައި ހުރި "ބާގަނޑުތައް" ކުއްލިއަކަށް ފެނިގެން އެ ހިސާބުން އެ ވާހަކައެއް ދައްކަން ފަށާނެ އެވެ. އެކަންކަން އިސްލާހުކުރާނެ ކަމަށް އިސް ބޭފުޅުން ވިދާޅުވާނެ އެވެ. ހައްލުކުރަން އެންމެ ފުރަތަމަ އަޅާނެ ފިޔަވަޅަކީ އެ މައްސަލައެއް ނިސްބަތްވާ ބައެއް "ހޭލުންތެރި" ކުރުވުމެވެ. ފުރާނައެއް ގެއްލި ނޫނީ ގުނަވަނެއް ބުރިވާ ހާލަތެއްގައި ފަހަރުގައި، ކޮމިޝަނެއް އުފެއްދުމުގެ ނަސީބު ލިބިދާނެ އެވެ. އެ ހިސާބުން އެ ނިމުނީ އެވެ. މި ފިލްމް އެތައް ފަހަރަކު ބެލިއްޖެ އެވެ. އަނެއްކާވެސް އާ ހާދިސާއަކާއެކު އެ ޓޭޕް އަލުން ރިވައިންޑުވެ އެވެ.

ހާދިސާތަކަށްފަހު ކަމާބެހޭ އިދާރާތަކުން އަޅާ "ފިނި" ފިޔަވަޅުތައް އެންމެ ސާފުކޮށް ސިފަވާނީ، ރާއްޖޭގައި ދުވަހަކުވެސް ހައްލު ނުވާނެ އިންތިހާއަށް އިތުރުވަމުންދާ އެކްސިޑެންޓްތަކުންނެވެ. ހާއްސަކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގެ މައުލޫމާތު ފުލުހުން އާންމުންނާ ހިއްސާ ކުރާއިރު، "ބާރު ސްޕީޑް" އެ ދެ ލަފްޒު ބޭނުން ކުރަން ނުޖެހޭ ފަހަރެއް ނުދެ އެވެ. ނަމަވެސް، މިހާތަނަށް އެކަން ހުއްޓުވަން ކުރެވުނު ކަމެއް ނެތެވެ. ކަނޑައެޅިފައިވާ ސްޕީޑު ލިމިޓަށްވުރެ އެތައް ގުނައެއް ބާރަށް ދުއްވުމަކީ އެހެން ހުރިހާ ގައުމެއްގައިވެސް ކުށެކެވެ.

ރާއްޖޭގައި އެހެން އުޅަނދުތަކުގައި މަގުތަކަށް ނުކުމެ އުޅޭ އެންމެންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ފުރޮޅު ކަހާފައި ބާރަށް ދުއްވުން ކުށަކަށްވާނީ އެކްސިޑެންޓެއް ހިނގުމުން ފަށާ ހޭލުންތެރި ޕްރޮގްރާމަށް ލިޔާ ޑޮކިއުމަންޓްގަ އެވެ.

ރޯދަ މަސް ދިވެހިންނަށް މަރުހަބާ ކިޔާފައިވަނީ ހުޅުމާލޭގައި އެމްޓީސީސީން އޮޕަރޭޓްކުރާ ބަހެއްގެ ދަށުވެ ފަތުރުވެރިއަކު މަރުވި ހިތާމަވެރި ހާދިސާއިންނެވެ. ކުޑަ ދުވަސް ކޮޅަކަށް ރާއްޖެ އައިސް ހުރި ޔޫކްރެއިންގެ އަންހެނަކު ޖޮގިންނަށް ނުކުމެ އުޅެނިކޮށް ފުރޮޅު ދަށުވެ، ޗިސް ޗިސްވެގެން ދިޔައީ، ބަސް ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހިގެންނެވެ. އާންމުކޮށް ކަންކަން ހިނގާ އުސޫލުން ބަސް ޑްރައިވަރު ހައްޔަރު ކުރުމާއެކު، އިހުމާލުގެ ތުހުމަތުތައް ބަންޑުންވީ އެމްޓީސީސީއަށެވެ. އެ ތުހުމަތުތަކާއި ގިނަވަމުން އައި ސުވާލުތަކަށް ރަނގަޅަށް ޖަވާބު ނުދެވި އުޅެނިކޮށް، އެ ކުންފުނީގެ އެހެން ބަސް ޑަރައިވަރަކަށް ނިދިގެން ގޮސް ކާރެއްގައި ޖެހި އެކްސިޑެންޓްވެ ވެއްޖެ އެވެ.

ބަސް ޑްރައިވަރުން އެކަންޏެއް ނޫން

އުޅަނދެއް ދުއްވަމުން ދަނިކޮށް ނިދިޖެހޭ ހިސާބަށް އިންސާނެއްގެ ހާލަތު ތިރިވާނީ އެތަކެއް ދުވަހެއްގެ އިހުމާލުންނެވެ. އެއް ބައެއްގެ ރުޅިގަނޑު އަމާޒުވީ ބަސް ޑްރައިވަރުންނަށެވެ. އެ ދެމީހުންގެ ބޮލުގައި ފަރުވާކުޑަކަމުގެ އިލްޒާމާ އަޅުވާނެ އެވެ. އަނެއް ބަޔަކު ކުށްވެރިކުރީ ކުންފުންޏެވެ. އަރާމުކޮށްލައި ހަމަ ނިދި ނިދާލަން ވަގުތު ނުދީ މުވައްޒަފުން ލައްވާ ގުލާނު ކުރުވާ ތުހުމަތުތަކާއެކު އެވެ.

އެންމެންގެ ސަމާލުކަން މިވަގުތަށް ހުއްޓިފައިވަނީ ހަމައެކަނި ބަސްތަކަށެވެ. ފުލުހުން ވެސް އާންމުންނެކޭ އެއް ދަރަޖައެއްގަ އެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުތަކަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ފުލުހުން އިސްވެ ވަނީ ފަށައިފަ އެވެ.

އެކްސިޑެންޓްވީ އެމްޓީސީސީގެ ބަހެއް ކަމުން، އެ ޕްރޮގްރާމް ހާއްސަކޮށްފައިވަނީ ހަމައެކަނި އެ ކުންފުނީގެ ޑްރައިވަރުންނަށެވެ. އެންމެ ކުޑަމިނުން މާލެއާ ދެކުނުގައި ބަސް އޮޕަރޭޓް ކުރާ އެމްޕީއެލްގެ ޑްރައިވަރުން މަތިން ހަނދާނެއް ވެސް ނެތެވެ.

ނަމަވެސް، އެ ހާދިސާގެ ސަބަބުން ފަސިންޖަރުން އުފުލާ ހުރިހާ އުޅަނދުތަކެއް ދުއްވާ ޑްރައިވަރުންގެ ހާލަތާމެދު ސުވާލު އުފައްދަންޖެހެ އެވެ. މުލަ ރޯދަ ދުވަހު ހިނގި ހާދިސާގައި އިހުމާލުވި ފަރާތެއް ކަނޑައަޅާނީ ޝަރުއީ މަރުހަލާއިންނެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ޑްރައިވަރަށް ފަރުދީ ޒިންމާ އަދާ ނުވެގެންތޯ ނޫން ނަމަ ކުންފުނީގެ ހިންގުން ދޯހަޅިކަމުންތޯ ބަލައި އަދަބު ދިނުމަށްވުރެ މުހިންމުކަމެއް ވަނީ ކުރަންޖެހިފަ އެވެ. ސަބަބަކީ އެތަކެއް ބައެއްގެ ފުރާނައަތްމައްޗަށް ލައިގެން އުޅެނީ ހަމައެކަނި ބަސް ޑްރައިވަރުން ނޫންވީމަ އެވެ.

މީހުން އުފުލަން މަގުތަކަށް ނުކުންނަ ބަސްތަކާ ޓެކްސީތަކުގެ އިތުރުން، އެތަކެއް ސަތޭކަ ފެރީއާ، ލޯންޗުތަކާއި ބޮޑެތި ނާލު ބޯޓު ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހަކު ކަނޑު މައްޗަށް ނުކުމެ އެވެ. އެ ހުރިހާ ޑްރައިވަރުންގެ އިތުރުން ކައްޕީންގެ ހާލަތު ވަޒަންކުރެވޭނެ ހަރުދާނަ ނިޒާމެއް ނެތެވެ. ބައިނަލްއަގުވާމީ އޭވިއޭޝަން ގަވައިދުތަކުގެ ދަށުން ޕައިލެޓުންނަށް ގާއިމުކޮށްދޭންޖެހޭ މަސައްކަތުގެ ގަޑިތަކަކާއި އަރާމުކުރަންޖެހޭ ވަކި މުއްދަތުތަކެއް ނިކަމެތި ބަސް ޑްރައިވަރުންނަށާއި، ފެރީ އަދި ބޯޓު ކައްޕީންނަށް ނަސީބުވެފައެއް ނެތެވެ.

ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާ

ވިދިވިދިގެން ހުޅުމާލޭގައި ހިނގި ދެ ހާދިސާ ހިނގާފައިވަނީ ގިނަ ވަގުތު މަސައްކަތް ކުރަންޖެހިގެން ނޫންކަން "އަވަސް" އަށް މައުލޫމާތުދިން ފަރާތްތަކުން ޔަގީންކަންދެ އެވެ.

"ތިން ޝިފްޓަކަށް ބަހާލައިގެން ބަސް ޑްރައިވަރުންނަށް އޮންނާނީ ނުވަ ގަޑިއިރުގެ ޑިއުޓީއެއް. އެކަމަކު ބަސް ދުއްވަން ޖެހޭނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަރު. ދެން ހަމަ ރެސްޓް. އޭގެ ފަހުން ބަހަށް ޕެޓްރޯލް އަޅާލަން ނޫނީ ހާއްސަ ހާލަތެއްގައި އިތުރު ދަތުރެއް ނަގާލަން ޖެހިދާނެ. އެހެން ނޫނިއްޔާ ފުދޭވަރަކަށް ލުއިކޮށް ހަމަ އޮންނަނީ،" ބަސް ކޮންޑަކްޓަރެއްގެ ގޮތުގައި އެމްޓީސީސީގައި މަސައްކަތްކުރާ މުވައްޒަފަކު ނަން ނުޖަހަން އެދި "އަވަސް" އަށް ކިޔައިދިނެވެ.

ދަތުރުފަތުރުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ސަރުކާރުގެ ކުންފުނި އެމްޓީސީސީގެ ސީއީއޯގެ ހަސަން ޝާހު ވިދާޅުވިި ގޮތުގައި ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު މިހާރު ވެސް ވަރަށް ރަނގަޅެވެ. އަދި ފަސޭހަ ވެސް ވާނެ އެވެ.

"އަވަސް" އަށް މައުލޫމާތު ދިން ކޮންޑަކްޓަރު ވެސް ޝާހުގެ ވާހަކަފުޅުތަކާ އިއްތިފާގުވެ އެވެ.

"ފުރަތަމަ އެކްސިޑެންޓް ހިނގީމަ ހުރިހާ ޑްރައިވަރުންނަށް އެންގި ނިދި އަންނަންޏާ ބުނާށޭ. ޑިޔުޓީ ބަދަލު ކޮށްދޭނަމޭ. ކުންފުނިން އެހެން ބުނެފަ އޮއްވާ ދެ ވަނަ އެކްސިޑެންޓް ވެސް ހިނގީ. އެހެންވީމަ، ކުންފުނީގެ މައްސަލައަކަށްވުރެ ޑްރައިވަރުންގެ މައްސަލައެކޭ އަޅުގަނޑަށް ބުނެވޭނީ،" އޭނާ ބުންޏެވެ.

އެ ކޮންޑަކްޓަރު އިތުރަށް ބުނި ގޮތުގައި، އެމްޓީސީސީގެ ބައެއް ބަސް ޑްރައިވަރުން އިތުރު އާމްދަނީ ހޯދަން އޮފް ގަޑިތަކުގައި އަމިއްލައަށް ޓެކްސީ ކުރުމާއި ޕިކަޕު ދުއްވަން އުޅެ އެވެ. އަދި މީހާ ވަރުބަލިވެ، ނިދިޖެހޭ ހިސާބަށް ހަށިގަނޑުގެ ހާލަތު ދިޔުމުގައި، އެއީ މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.

"ބަސް ޑްރައިވަރުންގެ ތެރޭގައި އުޅޭނެ ހުސް ވަގުތުތަކުގައި ޓެކްސީ ކުރާ މީހުންނާއި ޕިކަޕު ދުއްވާ މީހުން. އާމްދަނީ ހޯދަން އިތުރު މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން. އެކަމަކު ގިނަ މީހުންނަށް ވަގުތު މެނޭޖެއް ނުކުރެވޭ. ރަނގަޅަށް ނުނިދާ ޓެކްސީ ކުރަންއުޅެފަ އެބަ އާދޭ އަނެއްކާ އަނެއް ދުވަހުގެ ޑިޔުޓީއަށް. ދެން އިންސާނުންވީމަ ނިދި ވެސް ޖެހޭނެތާ،" އޭނާ އިތުރަށް ކިޔައި ދިނެވެ.

އެއީ ޑްރައިވަރުން އަމިއްލައަށް ކުރާ ކަމެއް ނަމަވެސް، އެމީހުންގެ ވަޒީފާއަށް ބުރުއަރާފަދަ އަމަލުތައް ހިދުމަތްދޭ ފަރާތްތަކުން ގާތުން ބަލަންޖެހޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަން ޑްރައިވަރުންނާ ކައްޕީންގެ އަތުގައި އޮންނައިރު، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ހާލަތު މިހާރަށް ވުރެ ރަނގަޅަށް ސުޕަވައިޒް ކުރެވެންޖެހޭ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން (އެލްއާރުއޭ) އިން ބުނެ އެވެ.

"ކޮންމެ ކަމަކަށް ގާނޫނެއް ނެހެދޭނެ. އަދި ހެދިއަސް ކޮންމެ ހާލަތެއްގެ ވާހަކައެއް ގާނޫނުތަކުގައި ނުހިމެނޭނެ. މިސާލަކަށް ވަޒީފާއާ ބެހޭ ގާނޫނުގައި ނުލިޔެވޭނެ ދެއްތޯ ރާއްޖޭގައި އޮންނަ ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ އިންޑިވިޖުއަލް މީހުންގެ ވާހަކައެއް. އެހެންވީމަ، އެކަމުގެ ޒިންމާ ނަގަންޖެހޭނީ ކުންފުނިތަކުންނާ އެ ހިދުމަތްދޭ ފަރާތުން. ޑްރައިވަރުންގެ ޑިޔުޓީ ގަޑިތައް ކަނޑައަޅާއިރު އެކަމަށް ސަމާލުވާންޖެހޭނީ ކުންފުނިތަކުން،" އެލްއާރްއޭގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ފަސަންޖަރުން އުފުލާ އުޅަނދުތައް ދުއްވާ މީހުންނަށް ހާއްސަ ގަވައިދުތަކެއް ހުރެ އެވެ. ފަސިންޖަރުން އުފުލާ އަދަދާއި، ވެހިކަލްގެ ބޮޑު މިނާއި، ދުއްވާ މަގުތަކަށާއި ސްޕީޑަށް ވެސް ބަލައިގެން، މެދުކެނޑުމެއްނެތި ދުއްވޭނެ ގަޑިތަކާއި، ބްރޭކު ނަގަންޖެހޭ އަވަސްމިން ވެސް ވަނީ އެ ގަވައިދުތަކަށް ތިރިކޮށްފަ އެވެ.

ޑްރައިވަރުންފަދަ ޝިފްޓް ޑިއުޓީ ނަގަންޖެހޭ ވަޒީފާތަަކުގައި އުޅޭ މީހުން އަމިއްލައަށް އެހެން މީހަކާ ޑިޔުޓީ ބަދަލުކޮށްލައިގެން އިތުރަށް މަސައްކަތްކުރާ މައްސަލައަކީ ވެސް ކުންފުނިތަކުން އިތުރަށް ސަމާލުވާންޖެހިފައިވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިސާލަކަށް، ޖެހިގެން އަންނަ ދުވަސް ފުލްކޮށް ނަގަންވެގެން، އެހެން މީހަކާ ޑިއުޓީ ބަދަލުކޮށްގެން މިއަދު ނަގާފާނެ ދެ ޑިއުޓީ އެއްކޮށް ނުނިދާ ހުރެގެން. އެހެން މީހުންގެ ފުރާނައަށް ޒިންމާވާންޖެހޭ ފަދަ ވަޒީފާ ތަކުގައި ތިބޭ މީހުންނަށް އެކަން އެގޮތަށް ކުރަން ދޫކޮށްލައިގެން ނުވާނެ. ކުންފުނިތަކުން އެބަޖެހޭ އެކަހަލަ ކަންކަންވެސް ހުއްޓުވަން،" އޭނާ އިތުރަށް ވިދާޅުވި އެވެ.

އެންމެ ބޮޑީ ފަރުދީ ޒިންމާ

ފުރަމަތަ އެކްސިޑެންޓްގައި ހިމެނޭ ބަސް ޑްރައިވަރުގެ ބަންދުގެ މުއްދަތު ވަނީ ދެ ފަހަރެއްގެ މަތިން އިތުރުކޮށްފަ އެވެ. ކޮންމެ ހާލަތެއްގައި ހުރި ނަމަވެސް، އަދި ގަސްދުގައި ނޫން ނަމަވެސް ފުރާނައެއް ގެއްލިގެން ދިއުމުގެ ޒިންމާ އޭނާ އެވަނީ އުފުލަންޖެހިފަ އެވެ. ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މުޅި ހަޔާތް ބަރުބާދުވީ އެވެ. އޭނާގެ އާއިލާއަށް ކުރިމަތިވެފައިވާ މާޔޫސް އަދި ހިތްދަތި ހާލަތު ވަޒަން ކުރަންވެސް ނޭނގޭނެ އެވެ.

ހާއްސަކޮށް ފަސަންޖަރުން އުފުލާ އުޅަނދުފަހަރު ދުއްވާ މީހުންނަށް ޝަރީފް ވެސް ދެއްވާ ނަސޭހަތަކީ އެއީ އެވެ.

"އެހެން އެއްވެސް ބަޔަކަށްވުރެ މިކަހަލަ ކަންކަމުގައި ޑްރައިވަރުން އަމިއްލައަށް އެބަޖެހޭ އިސްނަގަން. ތިމާއަށްދޯ ބޮޑަށް އެނގޭނީ ތިމާ ހުރި ހާލަތު. ކުރިން ރޭ ނުނިދާ ހުރިއްޔާ އެވާހަކަ ބުނަން އެބަޖެހޭ. ބަލިވެގެން ބާރުގަދަ ބޭހެއް ކައިގެން ހުރިނަމަ، ބަސް ވިއަސް ފެރީ ވިއަސް ދުއްވަން ނާރާ ތިބެންވީ. އެމީހުންގެ ފަރުދީ ޒިންމާ ވަރަށް ބޮޑު،"

ޝަރީފް ވެސް ވިދާޅުވި ގޮތަށް، މޭޒެއްގެ ދޮށުގައި މަސައްކަތްކުރާ މުވައްޒަފަކު ނިދިޖެހިގެން ވެއްޓޭނީ މޭޒު މައްޗަށެވެ. ނަމަވެސް، އެހެން ބައެއްގެ ފުރާނަ އަތްމައްޗަށްލައިގެން އުޅޭ މީހަކަށް ނިދިޖެހުމުން، ނުކުމެދާނެ ނަތީޖާ މިހާރު މުޅި ރާއްޖެ ދަންނާނެ އެވެ.