މިއީ އޯގަސްޓް 5، 2018 ގައި ރާއްޖެ ޓީވީން އިންތިޒާމުކޮށް ބޭއްވި "ރައްޔިތުންގެ ދަރުބާރު" ޕްރަގްރާމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވެހިކަލްތަކުގައި ސްޓިކާ ޖެހުމާ ދެކޮޅަށް ދެއްކެވި ވާހަކަފުޅެވެ:
"މިހާރުން މިހާރަށް ހައްލު ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ދުއްވާ އެއްޗެެހި، ހަމަ ތަނަކު ބާއްވާލާއިރަށް ސްޓިކާ ޖަހާފައި ޖޫރިމަނާ ކުރޭ، ޓޯކުރޭ. އަޅުގަނޑުމެންގެ ވެރިކަމެއްގައި ޕާކް ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާއެއް ނުކުރާނެ. ފުރަތަމަ ޕާކިން އޭރިއާ ހަދާނީ، އެއަށްފަހުގައި، އޭގެން ބޭރުގައި ބާއްވަންޔާ ޓޯކްކުރާނީ. އެހެންވީމަ ފުރަތަމަ ކަމަަކަށް އަޅުގަނޑުމެން ސްޓިކާ ޖެހުން ހުއްޓާލާނަން. މި ސަރުކާރުން [ރައީސް ޔާމީންގެ ސަރުކާރުން] އާމްދަނީ ހޯދަން ކުރާ ކަމަކަށް އެކަން އެބަކުރޭ، ދުވާލަކު ވަކި ވަރެއް ބަޖެޓްކޮށްފައި އެއީ އެ ދުވަހު ސަރުކާރަށް ވަންނަންޖެހޭ އަދަދު ކަމަށް ބަލާފައި އެވަރު އެބަ ނަގާ، ސްޓިކާ ޖަހައިގެން. އެއީ ރަނގަޅު ގޮތެއް ނޫން. ފުރަތަމަ ސަރުކާރުން ކުރަން ޖެހޭނެ ކަމަކީ ޕާކް ކުރާނެ ތަން ދައްކަންޖެހޭނީ."
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ވެސް އާންމު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަށް ވެގެންދިޔައީ ޕާކްކުރާނެ ތަން ނުދައްކާ، ވެހިކަލްތަކުގައި ސްޓިކާ ޖަހަމުން ގެންދިއުމެވެ. އެތައްހާސް ވެހިކަލަކުން ފުރިފައިވާ މާލެ ސިޓީގައި ކޮންމެ ދުވަހަކު އެތައް ވެހިކަލްތަކެއްގައި ސްޓިކާ ޖަހަމުން ގެންދިއުމެވެ.
ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ވެރިކަމަށް ވަޑައިގެން ވެހިކަލްތަކުގައި ސްޓިިކާ ޖެހުން ހުއްޓާލި އެވެ. ނަމަވެސް އެކަން ދެމި އޮތީ މަދު ދުވަސްކޮޅަކަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ވެހިކަލްތަކުގައި ސްޓިކާ ޖަހަން ފެށިއެވެ. އެކަމާ ގުޅޭގޮތުން އާންމުންގެ ފާޑުކިޔުންތައް ސަރުކާރަށް އޮއްސާލުން އެކަމަށް އެއްވެސް މުއައްސަސާއަކުން ޖަވާބެއް ދީފައެއް ނުވެއެވެ. ކޮންމެ މަހަކު އެތައް ސަތޭކަ ވެހިކަލަކަށް އަލަށް ހުއްދަ ދޭއިރު، ޕާކް ކުރާނެ އެކަށީގެންވާ ނިޒާމެއް ގާއިމް ކުރުމެއްނެތި ރައީސް ސޯލިހްގެ ސަރުކާރުން ވެސް ވެހިކަލްތަކުގައި ސްޓިކާ ޖެހުން ހަމައިން ނައްޓައިގެން ދިޔަ އެވެ.
ފަހަކަށް އައިސް ވެހިކަލްތަކުގައި ސްޓިކާ ޖެހުން އިތުރުވެ، ސްޓިކާ ޖޫރިމަނާއިން ދައުލަތަށް މަހެއްގެ މައްޗަށް މިލިއަނުން ފައިސާ ހޯދަމުންދާތީ އެކަމުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑުވެފައެވެ. އަދި "ރައްޔިތުންގެ ދަރުބާރު" ގައި ވެރިކަމަށް ވަަޑައިގަތުމަށް ވެވަޑައިގެން ވައުދުތަކުގެ މަތިން ރައްޔިތުން ދަނީ ހަނދާން ކޮށްދެމުންނެވެ.
ޖޫރިމަނާ ކޮށްގެން ލިބޭނެ މިންވަރު ބަޖެޓްގައި ހިމެނުން
ރައީސް ސޯލިހް ވިދާޅުވީ ޓްރެފިކް ވައިލޭޝަން ޗާޖްގެ ގޮތުގައި ލިބޭނެ އާމްދަނީ ރައީސް ޔާމީންގެ ސަރުކާރުން ބަޖެޓްގައިވެސް ޖަހާފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ހޯދަން ޖެހޭ އަދަދެއް ކަނޑައަޅާ އެ އަދަދަކަށް ވެހިކަލް ތަކުގައި ސްޓިކާ ޖަހަމުންދާ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލުވީނަމަވެސް އެކަމަށް އައި ބަދަލެއް ނެތެވެ. ކުރިއަށް އޮތް ފަސް އަހަރަށް 160 މިލިއަން ރުފިޔާޓްރެފިކް ވައިލޭޝަން ޗާޖްގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ. އެގޮތުން 2018 ވަަނަ އަހަރު 36 މިލިއަން، 2019 ވަނަ އަހަރު 32 މިިލިއަން އަދި 2020 ވަނަ އަހަރު 31 މިލިއަން ރުފިޔާ ޓްރެފިކް ވައިލޭޝަން ޗާޖްގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓް ފޮތުގައި ވަނީ އަންދާޒާކޮށްފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު 30 މިލިއަން އަދި 2022 ވަނަ އަހަރު 29 މިލިއަން ރުފިޔާ ޓްރެފިކް ވައިލޭޝަން ޗާޖްގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާގެ ގޮތުގައި ވަނީ ހިމަނާފައެވެ.
އެހެންވީމަ ކުރިން ދެއްކެވި ވާހަކަފުޅާއި އެއްގޮތަށް ސަރުކާރުން އަމަލު ކުރާ މަންޒަރެއް ނުފެނެއެވެ. ފެންނަނީ ކުރިންވެސް ހިނގަމުންދާ މަގުން އެކަން ހިނގަމުންދާތީއެވެ.
އަހަރު ދުވަސްތެރޭ 11 ޕާކިން ޒޯން
މާލެ ސިޓީގައި ދުއްވާ ވެހިކަލްތައް ޕާކްކުރުމަށް މިހާތަނަށް 11 ޕާކިން ޒޯންގެ މަސައްކަތް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އޭގެ ބައެއް ޒޯންތަކުގައި އެއް ފަހަރާ 80 ނުވަތަ 400 ވެހިކަލްއަށް ޕާކް ކުރެވޭނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. އެއީ އެންމެ މަދު އަދަދުން ބަލާނަމަ 880 ވެހިކަލްގެ ޖާގައެވެ. އެންމެ މަތީ އަދަދުން ބަލާނަނަ 4400 ވެހިކަލްގެ ޖާގައެވެ.
ސުވާލަކީ މިއީ އެކަށީގެންވާ މިންވަރެއްތޯއެވެ. ނުވަތަ ވައުދު ފުުދުނީ ކަމަށް ބަލާ، ޕާކްކުރާނެ ތަންތަން ދެއްކުނީ ކަމަށް ދެކި އަލުން ސްޓިކާ ޖަހަން ފަށަން އޮތް ހުއްޖަތެއްތޯއެވެ. މާލެ ސިޓީ ކައުންސިލުން ބުނާގޮތުން މިހާރުވެސް މަހަކު 600 ވުރެ ގިނަ ސައިކަލް ރަޖިސްޓްރީ ކުރެއެވެ. އެއީ އަހަރެއްގެ މައްޗަށް 7200 ވުރެ ގިނަ އަދަދެއްގެ ސައިކަލެވެ.
މިހާރުވެސް މާލޭގައި 64000 ވުރެ ގިނަ ސައިކަލް ވަނީ ރަޖިސްޓްރީކޮށްފައެވެ. ހަތަރު ފޮރުޅުލީ 8000 ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވެއެވެ. އެހެން ކަމުން ސަރުކާރުން ދެއްކި 11 ޕާކިން ޒޯންގައި މި ހުރިހާ ވެހިކަލެއް ޕާކް ކުރާނެ ގޮތަކީ ކޮބައި ހެއްޔެވެ.
މީގެ އިތުރުން ކޮންމެ ޕާކިންއަކާއެކު އެ ޕާކިން އޭރިއާއެއްގައި ހިމެނޭ މަގުތަކުގައި ޕާކް ކުރުމަށް ހާއްސަކޮށްފައިވާ ތަންތަނުގައި ޕާކްކުރުން މަނާ ކުރެއެވެ. އެހެންވީމަ ޕާކްކުރާނެ ތަނެއް ހަދާ ކޮންމެ ފަހަރަކު އެ އަދަދަށް އެހެން ސަރަހައްދަކުން ޕާކް ކުރާނެ ޖާގަ ގެއްލެއެވެ. ނަމަވެސް ވެހިކަލްތައް ކޮންޓްރޯލެއް ނެތި މަގުތަކަށް ނެރުމަށް ހުއްދަދެވެއެވެ.
މިދިޔަ އަހަރު 36000 ވުރެ ގިނަ ސްޓިކާ
ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން މިދިޔަ އަހަރުގެ ތެރޭގައި 36،963 ވެހިކަލްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުުން ވަނީ ބުނެފައެވެ. އެއީ މަހެއްގެ މައްޗަށް ބަލާނަމަ ތިންހާހަށްވުރެ ގިނަ އަދަދެއްގެ ސްޓިކާއެވެ. ތަފާސް ހިސާބުތައް ބަލާލުން މިއީ ރެކޯޑެކޭވެސް ބުނެވިދާނެއެވެ.
އޭގެ ކުރީ އަހަރުތަކަށްވުރެ ނިމިދިޔަ އަހަރު ގަވާއިދާ ހިލާފުވެގެން ވެހިކަލްތަކުގައި ސްޓިކާ ޖެހި އަދަދު މިވަނީ އިތުރުވެފައެވެ. އެ އަދަދުގެ ސްޓިކާއިން ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ގާތްގަނޑަކަށް 25 މިލިއަނެއްހާ ރުފިޔާ ލިބިފައިވާނެ އެވެ.
މި އަދަދުތައް ފުލުހުން ހާމަކޮށްފައިވަނީ ޕާކްކުރާނެ ތަނެއް ނުދައްކާ ސްޓިކާ ޖަހަމުންދާތީ ރައްޔިތުންގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވަނިކޮށެވެ. އަދި ތާއީދު ހިފެހެއްޓުމަށްޓަކައިވެސް މިވަގުތަށް ސްޓިކާ ޖެހުން ހުއްޓާލުމަށް ސަރުކާރަށް ލޯބިކުރާ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ގޮވާލަމުން ގެންދަނިކޮށެވެ.
ސްޓިކާ ޖެހުން ވަގުތީގޮތުން ހުއްޓާލުން
އާންމުންގެ ރުޅިވެރި ކަމުގެ ބަސްތަކާއި، ހަޅޭކުގެ އަޑު ގަދަވުމުން ކުއްލި ގޮތަކަށް ސްޓިކާ ޖެހުން މިހާރު ވަނީ ހުއްޓާލާފައެވެ. ނަމަވެސް އެކަން ފުލުހުންވެސް އަދި ދައުލަތުގެ މުއައްސަސާއަކުންވެސް ޔަގީން ކޮށެއް ނުދިނެވެ. ނަމަވެސް މާލޭގައި ޕާކު ކުރަން ހުރި އުނދަގޫތަކާއި ގަވައިދާ ހިލާފަށް ޕާކު ކުރުމުން ދިމާވާ ދަތިތަކާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުުން ވަނީ ބުނެފައެވެ.
އަދި މިހާރު ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ އެތައް ވަގުތަކާއި، އެތައް މުވައްޒިފުންނެއް ބޭނުން ކުރަން ޖެހޭތީ އެކަމަށް ލުއި ގޮތްތަކެއް ހޯދަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮންމެއަކަސް ކުރިން ފުލުހުންގެ ޓީމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތަކުގައި ސްޓިކާ ޖަހަން ނިކުންނަ ގޮތަށް މިހާރު ނިކުމެ އުޅޭތީއެއް ނުފެނެއެވެ. އޭގެ ބަދަލުގައި ޗެކް ޕޯސްޓްތައް ގާއިމްކޮށް ވެހިކަލްތައް ވަރަށް ބޮޑަށް ދަނީ ޗެކް ކުރަމުންނެވެ. އަދި ގަވާއިދަށް ނުފެތޭ ވެހިކަލްތައް ޖޫރިމަނާކޮށް ގަވާއިދަށް ފެއްތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ގަވާއިދާ ހިލާފަށް ޕާކްކުުރުމަކީ އެކަމުުގެ ސަބަބުން އާންމުންނަށްވެސް ބޮޑެތި އުދަގޫތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމެކެވެ. އަނެއް ކޮޅުން އެއީ ކުށެކެވެ. އެހެންވީމަ ގަވާއިދާ ހިލާފަށް ޕާކްކުރާނަމަ އަޅާނެ ފިޔަވަޅެއް އޮންނާން ޖެހެއެވެ. ނަމަވެސް އޭގެ ކުރިން ސަރުކާރުގެ މައްޗަށް ލާޒިމް ކަންތައްތަކެއްވެސް ވާކަން ގަބޫލު ކުރަންޖެހެއެވެ.
ވެހިކަލްތައް މަގުތަކަށް ނެރުމުގައި ކޮންޓްރޯލެއް ނެތެވެ. ހުއްދަދެވޭ ވެހިކަލްތަކުގެ އަދަދާއި ގާތްކުރާ މިންވަރަކަށްވެސް ޕާކުކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިފައެއް ނުވެއެވެ. އެހެން ކަމަށްވީއިރު ހުއްދަދީގެން ނެރެވޭ ވެހިކަލްތަކަށް ޕާކްކުރެވޭނެ ކޮންމެވެސް އިންތިޒާމެއް ހަމަޖައްސަން ޖެހެއެވެ. އެހެން ނޫނީ ސިޔާސީ ބޭނުމަކަށް ނަމަވެސް ކުރިން ވެފައި އޮތް ވައުދުތަކާއި، ދައްކަވާފައިވާ ވާހަކަތަކުގެ އަޑު ގަދަވާނެއެވެ.