މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ލައިސަންސް ވިއްކާ މީހުން ހޯދަން ޖިނާއީ ތަހުގީގެއް ފަށައިފި

ގާނޫނާ ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަމިއްލަ ބަޔަކު ވިއްކަމުން ދާތީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިފި އެވެ.

އަމިއްލަ ފަރާތަކުން ސޯޝަލް މީޑިއާގައި ލައިސަންސް ވިއްކުމަށް އިޝްތިހާރުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން "އޭ" ކެޓަގަރީ އުޅަނދުތަކުގެ ލައިސަންސް 4،000 ރުފިޔާއަށް، "ބީ" ކެޓަގަރީގެ އުޅަނދުތަކުގެ ލައިސަންސް 5،000 ރުފިޔާއަށް އަދި "ސީ" ކެޓަގަރީގެ އުޅަނދުތަކުގެ ލައިސަންސް 5،500 ރުފިޔާއަށް ލިބެ އެވެ.

އެއްގަމު އުޅަނދުގެ ލައިސަންސް ނެގުމުގެ ކުރިން ތިއަރީ އަދި ޕްރެޓިކަލް ޓެސްޓެއް ހެދުމަށް ގާނޫނާއި ގަވައިދު ލާޒިމުކުރެ އެވެ. ޓެސްޓުން ފާސްވުމުން ނޫނީ ލައިސަންސް ދޫކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ.

މިކަމާ ގުޅިގެން އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދް އަބްދުލް ޣަނީ ވިދާޅުވީ އަމިއްލަ ފަރާތަކުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވިއްކަމުންދާ ކަމަށް މީޑިއާ މެދުވެރިިކޮށް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ މިކަމުގެ އަޑީގައި ތިބި މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން. މިކަމުގެ އަޑީގައި ތިބި މީހުން ޔަގީންކުރުމަށްފަހު އެމީހުންނަށް ފިޔަވަޅު އަޅާނަން،" ހަމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލައިސަންސް ވިއްކާ މީހުން ދެނެގަތުމަށްޓަކައި ހުރިހާ ވަސީލަތެއްގެ ބޭނުންވެސް ކުރާނެ ކަމަށާއި ސީރިއަސް މައްސަލައެއްގެ ގޮތުގައި މައްސަލަ ބަލާނެ ކަމަށެވެ.

ލައިސަަންސް ނަގަން އޮންނަ އުސޫލާ ހިލާފަށް ލައިސަންސް ވިއްކަމުންދާ މައްސަލައިގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން އެބައޮތްތޯ ސުވާލުކުރުމުން މައްސަލައިގެ ތަހުގީގު ކުރިއަށް ދަނީ ކަމަށް ވިދާޅުވެ އެކަމުގައި ސާފު ޖަވާބެއް ހަމަދު ދެއްވާފައެއް ނުވެ އެވެ.

ހަމަދު ވިދާޅުވީ ގާނޫނާއި ހިލާފަށް ލައިސަންސް ދޫކުރުމާއި އުޅަނދުތައް ރަޖިސްޓްރީކޮށްދިނުން ފަދަ މައްސަލަތަކާ ގުޅިގެން މިސަރުކާރުގައި މީގެކުރިންވެސް ފިޔަވަޅު އަޅާފައި ހުންނާނެ ކަމަށެވެ. ގާނޫނާއި ގަވައިދާ ހިލާފަށް ރަޖިސްޓްރީ ކުރި އުޅަނދުތަކެއްގެ ލައިސަންސް މިފަހުން ބާތިލްކޮށްފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ހަމަދު އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން އެފަދަ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް މިނިސްޓްރީން ވެސް ކުރަމުންދާ ކަމަށެވެ.

"މިނިސްޓްރީން ކޮރަޕްޝަންގެ އެއްވެސް ބާވަތަކަށް ފުރުސަތެއް ނުދޭނަން. ބާރުގެ ބޭނުން ކޮށްގެން ނޫނީ ފައިސާގެ އެހީއެއް ނޫނީ ހަދިޔާއެއް ދީގެން ގާނޫނާ ހިލާފަށް ކަންކަން ކުރަން އެއްވެސް ބޭފުޅަކަށް ޖާގައެއް ނުދެވޭނެ،" ހަމަދު ވިދާޅުވި އެވެ.