ކޮވިޑް ކޮންޓްރޯލް ކުރަން އެޗްޕީއޭއިން ރާއްޖޭގައި އަމަލު ކުރާ ކަރަންޓީނު އުސޫލާ ހިލާފުވުމުގެ ސަބަބުން ޓްރާންސްޕޯޓް މިނިސްޓަރު އަދި ސަރުކާރު ކޯލިޝަންގެ ބާރުގަދަ އެއް ލީޑަރު، ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޖޫރިމަނާ ކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅަކު އޭނާގެ ނަން ޝާއިއު ނުކުރަން އެދިވަޑައިގެން އަވަސް އަށް ކަށަވަރުކޮށް ދެއްވައި ވިދާޅުވީ ޖޫރިމަނާއަކާ މިނިސްޓަރު ނަހުލާ ކުރިމަތިލައްވަން ޖެހި ވަޑައިގަތީ މިދިޔަ ހަފުތާ ބަންދުގައި އެކަމަނާ ދުބާއީއަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ކަރަންޓީނުވެ ވަޑައި ނުގެން ބޭރުތެރޭގައި އުޅުއްވަނިކޮށް ރޭގަ އެވެ.
މިނިސްޓަރު ޖޫރިމަނާ ކުރީ މާލޭގެ ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކަރަންޓީނު ވުމެއް ނެތި މިނިސްޓަރު ނަހުލާ އޮފީހަށް ވެސް ވަޑައިގެންނެވި ކަމަށެވެ.
މިނިސްޓަރު ނަހުލާ ކަރަންޓީނާ ހިލާފުވެ ވަޑައިގަތުމާއި ބޭރަށް ނުކުމެ ވަޑައިގެން އުޅުއްވުން ހިމެނިފައިވާތީ އެކަމަނާ ޖޫރިމަނާ ކުރި އަދަދެއް ސާފެއް ނުވެ އެވެ. ގަވައިދު ބުނާ ގޮތުން ކަރަންޓީނު މުގުރައިފިނަމަ ފުރަތަމަ ޖޫރިމަނާ ކުރާނީ 1000ރ. އިންނެވެ.
ފުލުސް އިދާރާގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެޗްޕީއޭގެ އުސޫލާ ހިލާފުވެގެން ޖޫރިމަނާ ކުރާ މީހުންގެ މައުލޫމާތު ފުލުހުން އާންމު ނުކުރާ ކަމަށެވެ.
މިނިސްޓަރު ނަހުލާ ކަރަންޓީނު އުސޫލާ ހިލާފަށް ރެސްޓޯރަންޓެއްގައި އިންނަވަނިކޮށް ޖޫރިމަނާކޮށްފައި ވާއިރު މާލޭ ސަރަހައްދުގައި ރެސްޓޯރެންޓުތަކުގައި ޑައިނިންގެ ހިދުމަތް ދިނުން އެޗްޕީއޭއިން އޮތީ މަނާވެސް ކޮށްފަ އެވެ. އެޗްޕީއޭގެ ފިޔަވަޅުތަކާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ކުރިން އިއުލާންކޮށްފައި ވެސް ވެއެވެ.
ކަރަންޓީނު އުސޫލު މުގުރައިގެން ޖޫރިމަނާ ކުރި މައްސަލާގައި މިނިސްޓަރު ނަހުލާ އަށް އަވަސް އިން ގުޅި އެވެ. ނަމަވެސް އެކަމަނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ރެސްޓޯރަންޓްތައް ބަންދުކޮށް ކޮވިޑް ފިޔަވަޅުތައް އެޗްޕީއޭ އިން ހަރުކަށި ކުރީ ކޮވިޑްގެ ހާލަތު މުޅި ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން މިދިޔަ މެއި ހަތްވަނަ ދުވަހު އެވެ. އޭގެ ފަހުން ކޮވިޑް ނަންބަރުތައް ބޮޑުތަނުން ދަށްވެފައިވާތީ މިހާރު ވަނީ ބައެއް ލުއި ދޭން ފަށާފަ އެވެ.
މީގެ ކުރީން ވެސް މޭ، 2020 ގައި ވެސް ނަހުލާއާ ގުޅޭ މިފަދަ މައްސައެއް ފެންމަތިވެފައި ވެއެވެ. އެފަހަރު މާލޭ އޭރިއާ ފުލް ލޮކްޑައުނެއް އޮއްވާ އެކަމަނާގެ އާއިލާއާއެކު ސަން އައިލެންޑް ރިސޯޓަށް ވަޑައިގަތީ އެވެ. އެފަހަރު އެކަމަނާއަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔުމުން ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރިސޯޓް އޯނަރުންނާއި އިންވެސްޓަރުންނަށް އަދި އެނޫންވެސް ކަނޑައެޅޭ ހާއްސަ ބަޔަކަށް ރާއްޖެ އައުމުގެ ހުއްދަ ދިނުމަށް ޓެގް ޓީމުން ނިންމާފައިވާ ކަަމަށެވެ.