ސިނަ މާލެ ބްރިޖް

ބަމްޕަރުތައް ނެގުމުން ނުރައްކާ ބޮޑުވާނެ: މުއިއްޒު

ސިނަމާލެ ބްރިޖުގެ ބަމްޕަރުތައް ނެގުމާއި ގުޅިގެން ބުރިޖު ބޭނުންކުރާ މީހުނަށާއި ބުރިޖަށް ވެސް ގެއްލުން ލިބުން ގިނަވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުލުހުން ބުނީ ބްރިޖުގައި ހުރި ބަމްޕަރުތައް ނަގާފައިވަނީ ބަހައްޓާފައި ހުރި ގޮތުން ބައެއް ކުދި އެކްސިޑެންޓުތައް ހިނގާތީ ކަމަށެވެ. އެކަން ފުލުހުން ކުރީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ކުރީގެ މިނިސްޓަރު މުއިއްޒު ވިދާޅުވީ ސިނަމާލެ ބުރިޖުގައި ހުރި ބަމްޕަރުތައް ނެގުމުން ބާރު ސްޕީޑުގައި ދުއްވާ މީހުން އިތުރުވެގެން ދާނެ ކަމަށެވެ. ޚާއްސަކޮށް ބާރު ސްޕީޑުގައި ސައިކަލް ދުއްވުން އިތުރުވާނެ ކަމަށެވެ.

"އަދި އެކްސިޑެންޓްތައް ހިނގުން އިތުރަށް މަގުފަހިވާނެ، ބުރިޖު ބޭނުންކުރާ ފަރާތްތަަކަށް ރައްކާތެރިކަން ގެއްލިގެންދާނެ. އަދި ބްރިޖަށްވެސް ގެއްލުން ލިބުން ގިނަވާނެ." ބްރުޖް ހެދި ދުވަސްވަރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވިއެވެ.

ބްރިޖާއި، ބްރިޖާ ގުޅިފައިވާ ހައިވޭގައި މިހާތަނަށް ގިނަ އެކްސިޓެންޓްތަކެއް ވަނީ ހިނގާފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އާއި ފުލުހުން ގުޅިގެން މިހާރު ދަނީ ބްރިޖު މަތީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ބްރިޖާއި ހައިވޭ އެކުގައި 77 ކެމެރާއެއް ހަރުކޮށް އަންނަ އަހަރު ބޭނުން ކުރަން ފަށާނެ ކަމަށް ވެސް މީގެ ކުރިން ބުނެފައި އެވެ. އެ ކެމެރާ ތަކުން ވެހިކަލްގެ ސްޕީޑް ވެސް ޓެސްޓު ކުރެވޭނެ އެވެ.