ސިނަ މާލެ ބްރިޖް

އިތުރު ފަސް އަހަރަށް ޗައިނާއިން ބްރިޖާ ހަވާލުވެއްޖެ

"ސިނަމާލެ" ބްރިޖް ބަލަހައްޓަން ޗައިނާގެ ސީސީސީސީ ކުންފުނިން ހަވާލުވި މުއްދަތު ހަމަވުމުން، އިތުރު ފަސް އަހަރަށް ބްރިޖް ބެލެހެއްޓުމާ ޗައިނާގެ އެ ކުންފުނިން ހަވާލުވެެއްޖެ އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯނު ހިމެނޭ ގޮތަށް އަޅައިދިން ބްރިޖު ބަލަހައްޓައިދޭން ކުރިން ހަމަޖައްސާފައި އޮތީ ދެ އަހަރަށެވެ. އެ ދެ އަހަރުގެ މުއްދަތު ހަމަވުމާއެކު އިތުރު ފަސް އަހަރު ދުވަހު ބްރިޖް ބަލަހައްޓައިދޭން މިހާރު ވަނީ ހަވާލުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަަލަކު އަވަސް އަށް ކަށަވަރުކޮށްދެއްވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި "ބްރިޖް މެއިންޓަނަންސް" އަށް ފައިސާ ހިމަނާފައި ނުވަނީ އެހެން ވެގެނެވެ. ޗައިނާއިން އިތުރު ފަސް އަހަރު ދުވަހަށް ބްރިޖު ބަހައްޓަން ހަވާލުވުމާއެކު މެއިންޓެނަންސް ކަންކަމަށް ހަރަދު ކުރާނީ އެ ގައުމުން ރާއްޖެއަށް ދީފައިވާ "ގްރާންޓް އެސިޓެންޓް" ގެ ތެރެއިންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އަޅާފައިވަނީ ބްރިޖު އެޅި ކުންފުނިން ދެ އަހަރު ދުވަހު މެއިންޓަނަންސް ބެހެއްޓުމަށްފަހު ދިވެހި ސަރުކާރާ ހަވާލު ކުރާ ގޮތަށެވެ. މި މުއްދަތުގައި ބަލަހައްޓަން ދިވެހިން ތަމްރީން ކުރަން ވެސް ނިންމި އެވެ. އަދި އެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

ބްރިޖު އެޅުމަށްފަހު ކުރީ ސަރުކާރުން ނިންމާފައި އޮތީ ޓޯލް ސިސްޓަމެއް ގާއިމް ކުރާށެވެ. ނަމަވެސް ބްރިޖު ހުޅުވި ދުވަސްވަރަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަމަށްވުމުން ބްރިޖުން ފީނެގުން ފަސް ކުރި އެވެ. ބްރިޖުން ފީ ނަގަން ޓޯލް ސިސްޓަމެއް ގާއިމް ކުރަން މިދިޔަ އަހަރު ވެސް ބަޖެޓުގައި ފައިސާ ވެސް ހިމެނި އެވެ. ނަމަވެސް، މި ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު ވެސް ފީ ނަގާނެ ޓޯލް ނިޒާމެއް ގާއިމްކޮށްފައެއް ނުވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ރޭ ވިދާޅުވީ ބްރިޖް ބޭނުން ކުުރުމުގައި ފީ އެއް ނެގުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ނިޒާމެއް އޮންނަން ޖެހޭ ކަމަށާ ރައްޔިތުންނަށް އެ އިންތިޒާމް ހަމަޖައްސައި ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ވިސްނުމުގައެއް ނެތް ބްރިޖް ބޭނުން ކުރުމުގައި ފީ އެއް ނަގާކަށް އަދި ހަމަ ގައިމު ވެސް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ރައްޔިތުންނަށް އެބައޮންނަން ޖެހޭ. އަދި މި ކަހަަލަ ކަންތައްތައް ގެނެސް ދިނުމަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ވަރަށް ބޮޑު ޒިންމާއެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް އެއީ،" ނަހުލާ ވިދާޅުވި އެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ހުޅުމާލެ އާއި މައި އެއާޕޯޓް އަދި ވެރިރަށް މާލެ ގުޅުވައިދިން، ދިގު މިނުގައި ދެ ކިލޯ މީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުންނަ، ސިނަމާލެ ބްރިޖު އަޅަން ޗައިނާގެ ހިލޭ އެހީ ހިމެނޭ ގޮތަށް 200 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ބްރިޖުގެ މަސައްކަތް ނިންމާލާފައިވަނީ ގާތްގަނޑަކަށް 30 މަސް ދުވަހުން މަސައްކަތް ދުވަހުންނެވެ.