އިގްތިސޯދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އެއީ އެއް ގޮތަކަށްވެސް ސިޔާސީ ވާހަކަ އަކަށް ހަދައިގެން ނުވާނެ އެވެ. މިއީ އެއަށް ވުރެ މާ މުހިއްމު އަދި ގައުމުގެ ކުރިމަގާއި ހުރިހާ ރައްޔިތުންގެ މަސްލަހަތާ ގުޅިލާ މެހިފައިވާ ކަމެއްގެ ވާހަކަ އެވެ. އިގްތިސާދަށް ވިސްނައިގެން، އިގްތިސާދީ ދުވެލި ހުރި ވަރަށް ބަލައިގެން، ރޭވުންތެރިކަމާއި އެކު ކަންކަން ހުރިހާ ގޮތަކުން ވެސް މުހިއްމެވެ.
ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަށް ވުރެ ރާއްޖޭގެ ދަރަނި މިހާރު އެވަނީ އެތައް ގުނައެއް ފަހަނަ އަޅައި މައްޗަށް ގޮސްފަ އެވެ. ދަރަނީގެ ޖުމްލަ އަދަދު 100 ބިލިޔަނަށް ވުރެ މާބޮޑަށް ވެސް މައްޗަށް ގޮސްފި އެވެ.
އެނގުންވެލާވަރަށް ގައުމުގެ ރިޒާވް އެދަނީ ދަށްވަމުންނެވެ. ބޭރުގެ ދަރަނި އަދާކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އުފެއްދި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރު ރުފިޔާ އަށް ބަދަލުކޮށް، ގަޑުބަޑު ކޮށްލުމުން މިހާރު އެ ފަންޑު ވީހިސާބެއް ސާފެއް ވެސް ނޫނެވެ. މުދަލުގެ އަގު ބޮޑުވެ، އާންމުންގެ ޖީބަށް އަންނަނީ ބުރަ ބޮޑުވަމުންނެވެ. އަހަރަކަށް ވުރެ އަހަރެއް ދައްކަން ޖެހޭ ދަރަނި އެތައް މިލިއަން ޑޮލަރަކުން އިތުރުވަނީ އެވެ.
ގައުމެއްގެ އިގްތިސާދު ހަލާކުވަމުން އަންނާނީ މިހާ ފާޅުކަން ބޮޑުކޮށެވެ. އެކަމަކު އަދިވެސް އެ ހަގީގަތް ގަބޫލުކުރަން ސަރުކާރުން ބޭނުންވާ ހެނެއް ހިޔެއް ނުވެ އެވެ. އާމްދަނީ އެއް ނުލިބޭ ގޮތަށް ހިންގާ އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތައް ހުއްޓާލަން ވޯލްޑް ބޭންކް ފަދަ މާލީ އިދާރާތަކުން ލަފާ ދީފައި އޮތަސް، ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮތީތީވެ ސަރުކާރަކުން އެ ލަފަޔަށް އަމަލުކުރާކަށް ބޭނުމެއް ނުވެ އެވެ.
ނަތީޖާއެއްގެ ގޮތުން ލޯނު މައްޗަށް ލޯނު ނަގައި، މަޝްރޫއުތައް ބާރަށް އަވަހަށް ހިންގަނީ އެވެ. ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ފިނޭންސުން އެންގި ކަމަށް ބުނި ނަމަވެސް އެކަމުގައި އަމަލީ ގޮތުން ހަރުދަނާ މަސައްކަތްތަކެއް ކުރާތީއެއް ނުފެނެ އެވެ. ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން މަދެއް ނުވެ އެވެ. ސަރުކާރުގެ ވެރިން ގައުމުން ބޭރަށް، ކުރާ ދަތުރުތަކުގައި ހިފެހެއްޓުމެއް ނެތެވެ. ބައެއް ދަތުރުތަކުގެ ކެއުމުގެ ބިލަށް އެކަނި ބަލައިލިޔަސް ފިއްކަނޑައިގެން ދާވަރުގެ އަދަދުތައް ހުރީ ހަރަދުކޮށްފަ އެވެ.
އަނެއްކާ މިހާރު ރަށުތެރެ ގުގުމާލާފައި އޮތީ ރައީސްގެ ދެ ކަނބަލުން ބޭނުން ކުރެއްވުމަށް އަގު ބޮޑު ދެކާރުކޮޅު ގެންނަން އުޅޭ ވާހަކައިންނެވެ. އެއާއި އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި ރައީސް ބޭނުން ކުރެއްވުމަށް އަގުބޮޑު ޕްރިންސަސް ދެ ޔޮޓް ބައްލަވައިގެންނެވި ވާހަކަ ވަނީ ފެންމަތިވެ؛ އެކަން ސިޔާސީ ޒުވާބަކަށް ބަދަލުވި ވާހަކަވެސް ހަނދާނަށް އާދެ އެވެ. އެއްގޮތަކަށް ވެސް ސިޔާސީ އެ ޒުވާބަށް ވަންނާކަށް ނެތީމެވެ.
އެއްވެސް ރައީސް އެއްގެ ބޭނުމަށް ބައްލަވައިގަންނަވާ އެފަދަ ހަރު މުދަލަކީ، އެ ބޭފުޅާގެ އަމިއްލަ އެއްޗެއްވެސް ނޫނެވެ. އެއީ ދައުލަތުގެ މުދަލެވެ، ދެން އަންނަ ވެރިންނަށް ބޭނުން ކުރަން ހުންނާނެ ތަކެއްޗެވެ. އެކަމަކު، ރައީސް ޔާމީނު ޔޮޓް ބައްލަވައިގެންނެވި އިރު ގައުމުގެ އިގްތިސާދު - ނުވަތަ ދުނިޔޭގެ އިގްތިސާދު އޮތީ މިހާ ދަށް ހާލަތެއްގައެއް ނޫނެވެ. އިންފްލޭޝަން ނުވަތަ މުދަލުގެ އަގު ވެސް މިހާ ބޮޑެއް ނޫނެވެ.
މި ހާލަތުގައި އިގްތިސާދު އޮތްނަމަ ޔޮޓް ބައްލަވައިގަތުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެ އެވެ. އެހެންކަމުން މި ހާލަތުގައި، ޔޮޓެއްހާ އަގުބޮޑު ކާރުކޮޅެއް ބައްލަވައިގެންނެވުން ކަމުދޭ ހެއްޔެވެ؟ އެ މަންޒަރު އެހާ ހިތްގައިމެއް ނޫނެވެ. މިއީ ކޮންމެހެން އަވަސް އަރުވާލައިގެން މި ވަގުތު ކުރަން ޖެހޭ ހަރަދެއް ހެއްޔެވެ؟ ރައީސް އޮފީހުން ފަހުން ބުނި ގޮތުގައި އެ ކާރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބޭނުމަށް ހޯއްދަވާ ކާރެކެވެ. މިތަނުގައި ޕޮއިންޓަކީ ކާރު ބޭނުން ކުރައްވާ ބޭފުޅެއް ނޫނެވެ. ގައުމުގެ ހާލަތާ ނުބައްދަލު މިންވަރަށް ހަރަދު އިތުރުވުމުގެ މައްސަލަ އެވެ.
ރާއްޖޭގެ ރައީސްކަން ކުރައްވާ ބޭފުޅަކު ދުއްވަން، ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީން ރާއްޖެއަށް އަގުބޮޑު، ސަލާމަތީ ގޮތުން ވެސް މަތީ ފެންވަރުގެ ކާރެއް ހަދިޔާ ކުރިކަން އެންމެނަށް ވެސް އެނގެ އެވެ. އެ ކާރަށް އަދި ހައެއްކަ އަހަރު ވެސް ނުވަނީސް، އިގްތިސާދީ ހާލަތި ވަޅު ޖަހާލާފައި ވަނިކޮށް ބޮޑުއަގުގައި ކާރެއް ގަތުމަކީ ވިސްނުންތެރި އިގްތިސޯދީ ފިޔަވަޅެއް ނޫނެވެ. މިފަދަ އެތައް މިސާލުތަކެއް އެބަހުއްޓެވެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ދިވެހިން ވިސްނަންވީ، ސިޔާސީ ގޮތުން ކްރެޑިޓް ނަގަން، ކަންކަން ކުރާ ވެރިއަކަށް ވުރެ، ދުރު މުސްތަގުބަލަށް ވިސްނައިގެން، ގައުމުގެ އިގްތިސާދު މެނޭޖްކޮށް، ފުޅާކުރެވޭނެ ފަދަ ސިޔާސަތުތަކެއް ގެންނަ ވެރިޔަކު ހޮވުމަށެވެ. ނޫން ނަމަ އިސާހިތަކު ގައުމު ބަނގުރޫޓު ވެދާނެ އެވެ.