އެމްއާރުއެމްގެ ސްލޮޓެއްގައި ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީ އަށް އަމާޒުވެފައިވާ ހިޔާނާތުގެ ތުހުމަތުތަކުގެ ތަފްސީލް ހިއްސާ ކުރުމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީތެރޭގައި ހިނގާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިކޮށް އާންމުން ދަނީ އެ ވާހަކަތައް ދައްކަމުންނެވެ. އަދި ހިދުމަތުގެ ގޮތުން ބޮއްސުންލައިފައިވާ ޓްރާންސްޕޯޓް މިނިސްޓްރީން ދާދި ފަހުން ވަނީ ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަންބަރު ޕްލޭޓް ބަދަލު ކުރަން ޖެހޭ ގޮތަށް ހަމަޖައްސާފަ އެވެ. އެ މަސައްކަތަށް ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏެއް ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް ކުންފުނި ހޮވި ގޮތާމެދު ވެސް ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެ ނިންމުމުގައި ހިޔާނާތުގެ ބޮޑެތި އަމަލުތަކެއް ހިމެނޭ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
އެފަދަ މައްސަލަތަކުގެ އަޑުތައް ގަދަވެފައި ވަނިކޮށް، ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވަނީ އެމްއާރުއެމަށް ނިސްބަތްވާ ފިރިހެން ޑެޕިއުޓީ މިނިސްޓަރަކަށް އަމާޒު ކުރައްވައި، ހިޔާނާތުގެ ތުހުމަތު ކުރައްވައިފަ އެވެ.
"ޓްރާންސްޕޯޓު މިނިސްޓްރީގެ އެމްއާރުއެމްއަށް ނިސްބަތްވާ ފިރިހެން ޑިޕިޔުޓީ މިނިސްޓަރުގެ އަމަލުތަކުން، ދައުލަތުގެ ގަވާއިދުތަކަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކުރާކަން ހާމަވުމުގެ މަރުހަލާގައި އެފަރާތާމެދު ގޮތެއް ނިންމަވައިދެއްވުން އެދެން،" ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި މައުމޫނުގެ އަރިހުން އެދިވަޑައިގެންނެވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި އެމްއާރުއެމަށް ނިސްބަތްވާ ދެ ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާއިރު، ފިރިހެން ޑެޕިއުޓީ މިނިސްޓަރަކަށް ހުންނަވަނީ ޝިމާޒް އެކަންޏެވެ.
ޒަރިޔަންދުގެ އެދިވަޑައިގަތުމަށް މައުމޫން ވަނީ އެ ތުހުމަތުތަކުގެ ތަފްސީލް ހިއްސާކޮށް ދެއްވުމަށް އެދިވަޑައިގެންފައި އެވެ. އެއާއެކު، މި ހަފްތާގައި ބަންދުގައި އެކަމުގެ ރިޕޯޓެއް ތައްޔާރުކުރައްވައި، މައުމޫންގެ އޮފީހާ ވަރަށް އަވަހަށް ހިއްސާ ކުރައްވާނެކަމަށް ޒަރިޔަންދު ވަނީ ފަހުން ވިދާޅުވެފައި އެވެ.