އޭސީސީ

މިނިސްޓަރު ނަހުލާގެ މައްސަލަ އޭސީސީން ބަލަނީ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުން ތަހުގީގު ފަށާފައިވާ އެސީސީން ބުނެފި އެވެ.

އެސީސީގެ މީޑިއާ އޮފިޝަލް ނިޝާން މުހައްމަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެސީސީއަށް މިނިސްޓަރު ނަހުލާގެ މައްސަލައެއް ލިބިފައިވާ ކަމަށާއި އެ މައްސަލަ އެ ކޮމިޝަނަށް ބަލައިގަނެފައިވާ ކަމަށެވެ. އަދި މިނިސްޓަރު ނަހުލާއަށް ތުހުމަތު ކުރާ ކޮރަޕްޝަން މައްސަލައިގެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ފަށާފައިވާ ކަމަށެވެ.

"މައްސަލަ ލިބި ބަލައިގަނެފައި ވާނީ. މިހާރު ކުރިއަށް ތަހުގީގުގެ ފުރަތަމަ މަރުހަލާ. އިތުރު ތަފްސީލެއް ދޭން އަދި ވަރަށް އަވަސް. ތަހުގީގުގެ ކުރީކޮޅުވީމަ،" ނިޝާން ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާއަށް ތުހުމަތުކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަވައިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްދީފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ. އަދި މިކަމުން މާލީ މަންފާ ލިބިގަނެފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.

މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދުވެސް މާލީ ތަނަވަސްކަން ހޯދައިފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މިނިސްޓަރު ނަހުލާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައި މިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭނާ މަގާމުން ވަކިކޮށްދޭން މިނިސްޓަރު ނަހުލާ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮށެވެ.

ޝިމާޒު މަގާމުން ވަކިކުރުމަށް މިނިސްޓަރު ނަހުލާ އެދިވަޑައިގަތީ ގައިވާދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކުރުންފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ އިތުރުން މިނިސްޓްރީގެ ބައެއް ބޭފުޅުންގެ އަބުރަށް އަރައިގެން ކަމުގެ ތުހުމަތުތަކެއް ޝިމާޒްއަށް ކުރެވޭތީ އެވެ.