އޭސީސީ

ޓްރާސްޕޯޓްގެ ބިޑް ކޮމެޓީގެ މެންބަރުންނަށް ދައުވާކޮށްދޭން އެދިއްޖެ

މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށްޓަކައި އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ބައެއް ބިޑުތައް ބާތިލްކުރުމަށްފަހު ވަކި ބަޔަކަށް ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ބިޑް ކޮމެޓީގެ މެންބަރުންނަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

މި މައްސަލާގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީގެ މެންބަރުން ކަމުގައިވާ ޝިމާޒު އަލީ އާއި ހަމަދު އަބްދުލްޣަނީ އާއި އަލީ އިކްރާމް އާއި މުހައްމަދު ނިޒާރު އާދަމް އާއި މަރްޔަމް ސަމާހަތު އަދި މަރްޔަމް ތަސްލީމާގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވުނު ކަންތައްތައް ހާމަކޮށް އޭސީސީން މިއަދު ބުނީ ދިވެހިރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނަށް ބިޑް ހުށަހަޅާފައިވަނީ ތިން ކުންފުންޏަކުން ކަމަށެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމާފައިވަނީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާ އާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނަ އަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.

ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ބިޑު އެވޯޑު ކުރުމަށް ބިޑު ކޮމިޓީން ނިންމާފައިވަނީ އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް އެ ކުންފުނިން އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެކުންފުނީގެ ބިޑު ބާތިލު ކުރުމަށް ފަހުގައެވެ. އޭގެ އިތުރުން ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށްވުރެ އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށާއި މައުލޫމާތު ކަރުދާހުގެ އެނެކްސް އެކެއް ގައި ބަޔާންކުރާ ސާމްޕަލް ނަންބަރު ބޯޑުތަކުގައި ހުންނަންޖެހޭ ޝަރުތުތަކާ އެއްގޮތަށް ސާމްޕަލް ނަންބަރު ބޯޑު ހުށަހެޅީ ހަމައެކަނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ކަމަށް ވާތީ ކަމަށް ބުނެއެވެ. އެހެންނަމަވެސް އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަން ޖެހޭ ކަމަށާއި ބިޑާއެކު ހުށަހަޅަންޖެހޭ ސާމްޕަލް ނަންބަރު ބޯޑުތަކުގެ ވަރުގަދަ މިނާއި ކޮލިޓީއަށް ބެލޭނެ ކަމަކަށް ވެސް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އަދި ތަހުގީގުން ބެލިބެލުމުން ބިޑު ހުށަހެޅި ތިން ކުންފުނިން ވެސް ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކުގައި މައުލޫމާތު ކަރުދާހުގެ އެނެކްސް އެކެއް ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން އިއުލާނާ ގުޅޭ ލިޔުންތައް ބިޑުތަކާއެކު ބިޑު ކޮމިޓީއަށް ހުށަހެޅިފައިވާކަމާއި ބިޑު އެވޯޑު ކުރުމުގައި އެ ލިޔުންތަކާ މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަހުގީގުން އެނގޭ ކަމަށެވެ.

އެހެން ކަމުން މި އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެ ކުންފުންޏަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އަދި މި މައްސަލައަކީ މާޗް 5، 2020 ގައި މި ކޮމިޝަނުން މައްސަލައާގުޅޭ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އާ ހިއްސާކޮށް މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާ މައްސަލައެއްކަންވެސް އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އިން މި މައްސަލަ ބަލައި މި ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑާ ބޯޑުން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް އަންގާފައިވާ ކަމަށްވެސް ބުންޏެވެ. އަދި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑްއާއެކު ގާއިމްކޮށްފައިވާ އެ އެއްބަސްވުން އެޕްރީލް 15، 2021 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބާތިލުކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.